ޕީއެސްޖީ އަދި ފްރާންސްގެ ޒުވާން ހުނަރުވެރި ފޯވާޑު ކީލިއަން އެމްބާޕޭ ލިވަޕޫލް އާއި، އެކުލަބުގެ ކޯޗު ޔާގެން ކްލޮޕަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑަކީ ރެއާލް މެޑްރިޑާއި، ލިވަޕޫލް އިން އެންމެ ބޮޑު ސަމާލުކަމެއް ދެމުން އަންނަ އެއް ކުޅުންތެރިޔާއެވެ. ލިވަޕޫލް އާއި ކްލޮޕަށް އޮއްސާލި ތަޢުރީފުގެ ބަސްތަކާއި އެކު، ޓްރާންސްފަރ އާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް އޭނާ އެވަނީ ފެހި ސިގްނަލެއް ދީފައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި،  އޭނާގެ އެ ވާހަކަތަކާއި އެކު، ލިވަޕޫލްގެ ސަޕޯޓަރުންގެ އުންމީދުތައް ވަނީ އާވެގެން ގޮސްފައެވެ.

މޮނާކޯ އިން 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ފަހުން މިހާތަނަށް ކުޅުނު 120 މެޗުން އެމްބާޕޭ ވަނީ 90 ގޯލު ޖަހާފައެވެ. ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އޭނާ ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް، ޕީއެސްޖީން އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެ ކުލަބުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޕީއެސްޖީން އެމްބާޕޭ ދޫކޮށްލާނީ ފިތްކަނޑައިގެން ދާ ވަރުގެ ބޮޑު އަގެއް ދީގެންނެވެ.

“މި ސީޒަނުގައި ލިވަޕޫލް ފެންނަނީ މެޝިނެއް ގޮތުގަ. މޮޅުވުމަކީ ވަރަށް ފަސޭހަކަމެއް ކަމުގައި އެމީހުން ހަދައިފި. އެކަމަކު ހަގީގަތުގައި އެއީ އެހާ ފަސޭހަ ކަމެއް ނޫން. އެމީހުން އެދައްކަމުން އަންނަ ޕާފޯމަންސަކީ ހަމަ ހުރެލާފަ ދެއްކޭނެ އެއްޗެއް ނުން. އެ މީހުންގެ އެ ދައްކަމުން އަންނަ ޕާފޯމަންސް ދެއްކޭނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން އަދި މޮޅު ކޯޗެއް ހުރެގެން.”

އިނގެރޭސި ވިލާތުގެ ނޫހެއް ކަމަށްވާ “މިރާ” އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނެފައިވެއެވެ.

ޚަބަރުތައް ބުނާގޮތުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކްލޮޕާއި، އެމްބާޕޭގެ އެޖެންޓު ކަމުގައިވާ އޭނާގެ ބައްޕައާ ދެމެދު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމްބާޕޭ އާއި ޕީއެސްޖީ އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2022 ވަނަ އަހަރަށް ހަމަވާއިރު، ޕީއެސްޖީން އެއްބަސްވުން އާކުރަން ހުށަހެޅި ނަމަވެސް، އެމްބާޕޭ އެކަމަށް އެއްބަސްވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.