ރާއްޖޭގެ ކުޅަދާނަ ބަތަލާ ޢާއިޝަތު ރިޝްމީ އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު ބެލުންތެރިންނާއި ހިއްސާކޮށްފިއެވެ. ފިލްމީ ދާއިރާގެ މަޤުބޫލު މޫނުތަކަކާއި އެކު މިދިޔަ ކުޑަ ޢީދު ދުވަހު ރިޝްމީ އޭނާގެ އިންސްޓްގްރާމްގައި ކުރިއަށް ގެންދިޔަ ލައިވް ވީޑިއޯ އެއްގެ ތެރެއިން މިކަން ހިއްސާކޮށްފައިވާއިރު، ލައިވްގައި ބައިވެރި ފަންނާނުންނަކީ މި ޕްރޮޖެކްޓްގައި އޭނާ އާއި އެކު މަސައްކަތް ކުރާނެ ތަރިން ކަމުގައިވެސް ރިޝްމީ ބުނެފައި ވެއެވެ.

ދިވެހި ފިލްމު “ވިޝްކާ” އިން 2017 ވަނަ އަހަރު ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހޯދި ރިޝްމީ ބުނީ، މި ޕްރޮޖެކްޓްގައި ރިޝްމީގެ މަންމަ އާމިނަތު ރަޝީދާގެ އިތުުރުން ކޮއްކޮ އަދި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާނެ ކަމަށެވެ. އެހެންކަމަށް ވަނީނަމަ ޒަމާންތަކަށްފަހު ޔާރާ އާއިލާގެ ތިންމައިން އެކުގައި ސްކްރީން ހިއްސާކުރާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ބައިސްކޯފުގެ “އެހެނަސް” ވެބް ސީރީޒުން ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދި މުހައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާގެ އިތުރުން ހަމަ އެ ސީރީޒް އިން ފެނިގެންދިޔަ މަރިޔަމް ވަހީދާ(ޔަމް) އަދި އަހުމަދު ޝާރިފްވެސް ފެނިގެންދާނެއެވެ. އިތުރު ތަރިންގެ ތެެރޭގައި އަހުމަދް އަޒްްމީލް (އަޒޭ)، އިސްމާޢީލް ޖުމައިހް (ޖުމާ)، ލަވަކިޔުންތެރިޔާ ލަމްހާ އިބްރާހިމް (ލަމް) ގެ އިތުރުން ޓިކްޓޮކުން ވިދާލި  އިބްރާހިމް ޝާއިފް ވެސް ފެނިގެންދާނެއެވެ. އަދި ފެޝަން ޑިޒައިނާ ހުސެން ޝަދިޔާން (ސޭންޑީ) ވެސް ހިއްސާ ވެއެވެ. މި ޕްރޮޖެކްޓަކީ ރަވީ ޑައިރެކްޓް ކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ.

ރިޝްމީގެ ކާމިޔާބު އެތައް މަސައްކަތެއްގެ ތަޖުރިބާއަށްފަހު ގެނެސްދޭން މަސައްކަތްކުރަމުން އަންނަ މި ޕްރޮޖެކްޓަކީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް R2Zގެ އަލަތު ޕްރޮޖެކްޓްވެސް މެއެވެ. ލޮކްޑައުންނަށްފަހު މި ޕްރޮޖެކްޓް ރަސްމީކޮށް ލޯންޗްކުރެވި މިއާއި ބެހޭ އިތުރު މަޢުލޫމާތު ހިއްސާކުރާނެ ވާހަކަ ރިޝްމީ ބުނެފައިވެއެވެ. މިހައިތަށް ހިއްސާކޮށްފައި މަޢުލޫމާތުން މިއީ ފިލްމެއްކަމެއް، ސީރީޒެއް ކަމެއް ނުވަތަ އެހެން ޕްރޮޖެކްޓެއް ކަން އަދި ވަނީ ސާފުނުވެއެވެ.

ރިޝްމީއަކީ ކެެމެރާގެ ކުރިންމަތިންނާޢި ފަހަތުގައިވެސް ފާހަގަ ކޮށްލެވޭ ފަަދަ މަސައްކަތެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ ފަންނާނެކެވެ. ދިވެހި ފިލްމް ވިޝްކާއަށް ފަހު ރިޝްމީ އިތުރު ފިލްމަކުން ފެނިފައި ނުވި ނަމަވެސް ވަރަށް އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވާ “އެހެނަސް” ވެބް ސީރީޒް ގެ ދެވަނަ ސީޒަންއިން ރިޝްމީ ފެނިގެންދާނެއެވެ. އަދި ޑާކްރެއިންގެ ކުރިއަށް އޮތް ފިލްމު “ނޮވެމްބަރ” ގައިވެސް ރިޝްމީގެ ހާއްސަ ފެނިލުމެއް ހިިމެނިފައިވާ ކަމަށް މީގެކުރިން ބުނެފައި ވެއެވެ.

ރިޝްމީ އަކީ ބެލުންތެރިންގެ ލޯތްބާއި އިތުބާރު ވަަރަށް ފުރިހަަމަޔަށް ހާސިލްކޮށްފައިވުމުގެ އިތުރަށް، އޭޭނާގެ ފޭނުންނާވެސް ވަރަށް ހާއްސަ ގާތް ގުޅުމެއް ބާއްވާ ފަންނާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.