އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ދިނުމަށް އައްޑޫ ސިޓީގެ ކައުންސިލުގެ އިދާރާއިން ނިންމައިފިއެވެ.
މިއަދު އެކައުންސިލުން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައިވަނީ ކަނޑައެޅިފައިވާ ވަކިވަގުތުތަކުގައި 06 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 18:00 އަށް އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައަކާއި ނުލައި ދަތުރުކުރެވޭނެކަމަށެވެ.
މި ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ޟަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރެވޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދަ ހޯދައިގެންކަމަށާއި އަދި މީގެ އިތުރުން، ހުޅުދޫ އަދި މީދޫ ރައްޔިތުން ގުޅިފައިވާ ރަށްތަކަށް ދަތުރުކުރުމަށް ފެރީގެ ޚިދުމަތްދޭން ހަމަޖެހިފައިވާ ގަޑިތައް ސަދަރން ޓްރާންޕޯޓް ލިންކުން އާއްމުކުރަމުން ގެންދާނެ ކަމުގައި އެ އިޢުލާނުގައިވެއެވެ.
އިތުރަށް ބުނެފައިވަނީ ދަތުރުކުރުމަށް ލުއި ފަސޭހަތަކެއް ދިން ކަމުގައި ވީނަމަވެސް، ކޮންމެހެން ދާންޖެހިގެން މެނުވީ އެއް އަވަށުން އަނެއް އަވަށަށް ދަތުރުނުކުރުމަށާއި ގިނަ މީހުން އެއްވާ ތަންތަނަށް އެއްވެ ނުއުޅުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ލުއި ފަސޭހަތައް މިހެން އޮތްކަމުގައި ވީނަމަވެސް ދަތުރު (ޕިކްނިކް) ދިއުމަކީ މަނާ ކަމެއްކަމަށެވެ. މިގޮތަށް ހަމަޖެއްސި ނަމަވެސް ކޮވިޑްގެ ކޭސްއެއް ފެނި ހާލަތު ބަދަލުވާ ހިނދު މިކަންކަމަށް ބަދަލު ގެނެވޭނެ ވާހަކަވެސް އެ އިޢުލާނުގައިވެއެވެ.
