ރާއްޖޭގެ އެންމެ ބިންބޮޑު ރަށް، ހައްދުންމަތީ ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

މިއަދު ގަމު ކައުންސިލު އިދާރާއިން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ވާ ގޮތުން 400 ފަރާތަކަށް ވަނީ ގޯތި ލިބިފައެވެ. އަދި ރިޒާރވް ލިސްޓުގައި ޖުމްލަ 49 ފަރާތެއް ހިމެނިފައިވެއެވެ.

އިތުރަށް އެ އިޢުލާނުގައި ވަނީ އެ އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2019/4 އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް ޢާންމުކުރުމަށް ޓަކައި އެ އިދާރާއިން ކުރި ނަންބަރު (IUL)399-MS/399/2020/48 އިޢުލާނު ބާޠިލްކުރުމަށް ފަހު، އެ ލިސްޓް އަލުން އިޢުލާން ކުރާކަމަށެވެ.

ތިރީގައި މިވާ ލިންކަށް ވަނުމުން ލިސްޓު ފެނިވަޑައި ގަންނަވާނެއެވެ. އެ ލިސްޓުގައި ގޯތި ލިބުނު މީހުންގެ ލިސްޓުގެ ފަހަތުގައި ހިމެނިފައިވާ ރިޒާރވް ލިސްޓުގެ ބޭނުމަކީ އެއްވެސް ހާލަތެއް ދިމާވެގެން ގޯތި ލިބޭމީހުންގެ ތެރެއިން ފަރާތެއް އުނިކުރަން ޖެހިއްޖެނަމަ އެ ޖާގައަށް ރިޒާރވް ލިސްޓުން މީހުން ނެގުމުގެ މަޤުޞަދުގައި ހިމަނާފައިވާ ލިސްޓެކެވެ. ރިޒާރވް ލިސްޓުން މީހަކު ނަގަން ޖެހިއްޖެނަމަ އެކަން ކަނޑައަޅާނީ ޕޮއިންތައް ބަލައިގެން ކަމަށާއި އަދި ޕޮއިންޓް އެއްވަރު ވެއްޖެނަމަ އެކަން ނިންމާނީ ގުރުއަތު ލައިގެން ކަމުގައި އެ އިއުލާނާއެކު އާންމުކޮށްފައިވާ ލިސްޓުގައި ބުނެފައިވެއެވެ.
https://www.gazette.gov.mv/iulaan/download-attachment/23312

އިތުރަށް ބުނެފައިވަނީ މި ލިސްޓްގައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ގޯތި ލިބުނުކަން ނުވަތަ ރިޒާވު ލިސްޓަށް ނެގިފައިވާކަން އަންގައިދޭ ލިޔުން ފޮނުވޭނެކަމަށެވެ.

ލިބޭ ގޯތި ކަނޑައެޅުމަށް ޓަކައި ގުރުއަތު ނެގުމާއި، ގޯތި ހަވާލުކުރަން ހަމަޖެހިފައިވަނީ މި ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައި މިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލައި، އާންމުޙާލަތައް ދިރިއުޅުމުގެ ކަންކަން ރުޖޫއަވުމުންނެވެ. ލިސްޓު އާންމު ކުރިނަމަވެސް، އެންމެ ފަހު މަރުޙަލާއާ ހަމައަށް އޭގެތެރެއިން އެއްވެސް ފަރާތެއް ލިސްޓުން އުނިކުރަންޖެހޭފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ، އެފަރާތެއްގެ ނަން ލިސްޓުން އުނިކުރެވޭނެ ކަންވެސް އެ އިޢުލާނުގައި ބަޔާންކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.