މަޝްހޫރު އެކްޓްރެސް ރަވީނާ ޓަންޑަން އާއި ސަލްމާން ޚާންއާއި ފުރަތަމަ ފަހަރަށް ދިމާވިގޮތާއި އެއަށްފަހު އެމީހުންގެ ރަހުމަތްތެރިކަން ވަރުގަދަވެގެން ދިޔަ ގޮތް ދާދި ފަހުން ރަވީނާ ވަނީ އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ.

ސަލްމާން ޚާން އާއި ރަވީނާ ޓަންޑަންގެ ރަހުމަތްތެރިކަމުގެ ވަރުގަދަކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. އެއީ ވަރަށް ގާތް ދެ މިތުރުންނެވެ. ދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމާމެދު މުޅިންވެސް ދެއްކެން ހުރީ ރަނގަޅު ވާހަކަތަކެވެ. ނަމަވެސް، ރަވީނާއަށް ސަލްމާން އާއި ފުރަތަމަ ދިމާވިގޮތް އެނގޭ ހެއްޔެވެ؟ ދިމާވީ ކޮންތާކުން ކަން އެނގޭހެއްޔެވެ؟ އެމީހުން އަލަށް ދިމާވީ ފިލްމު ސެޓަކުންކަމަށް ކޮންމެ މީހަކަށްވެސް އަންދާޒާކޮށް ބުނެވިދާނެއެވެ. ތިޔަ ހީކުރީވެސް ރަނގަޅަށެވެ. އެކަމުގައި އޮޅުމެއްވެސް ނެތެވެ.

ކިރަން ޖޮނޭޖާގެ ޗެޓް ޝޯގައި ވާހަކަދައްކަމުން ރަވީނާ ޓަންޑަން ވަނީ ގޯނިން ބުޅާ ބޭރުކޮށްލާފައެވެ. މިބުނީ ރަވީނާ އާއި ސަލްމާން އާއި ދިމާވިގޮތް ހާމަކޮށްފައެވެ.

“އެއް ދުވަހަކު ބަންޑްރާގައި ހުންނަ ސްޓޫޑިއޯއެއްގައި އަހަރެން ހުއްޓާ، އަހަރެންގެ ރަހުމަތްތެރި ބަންޓީ، އޭނާ އަކީވެސް ފިލްމު ހަދާ މީހެއް، މަގޭ ކައިރީ އަހައިފި އަހަރެން ހުރީ ބަންޑްރާގަ ހެއްޔޭ. އަހަރެން ބުނެފިން އާނއެކޭ. ހަމަ ބުނާއިރަށް އޭނަ ބުނެފި ‘ބޭރަށް ނުކުމެބަލަ. މަށާ ސަލްމާން އާ މިދަނީ ތިތާ ދޮރުމަތިން، ނުކުމެ އަހަރުމެންނަށް ހައި ޖަހާލަބަ.’ އެއީ އަހަރުމެން ދިމާވި ގޮތް.” ރަވީނާ ކިޔައިދިނެވެ.

ރަވީނާ އާއި ސަލްމާން އަލަށް ދިމާވި ދިމާވުމުން ދެމީހުން އެކުގައި ފިލްމެއް ކުޅުމަށް ސޮއިކުރިއެވެ. އެއީ ފިލްމު “ޕައްތަރު ކޭ ޕޫލް” އެވެ.

“އަހަރެން ހަނދާން އެބަހުރި، މަގޭ ރައްޓެހިން ތިބީ އަހަންނަށްވުރެން މާބޮޑަށް އުފާވެފަ ސަލްމާން ޚާން އާއެކު ފިލްމެއް ކުޅެން ލިބުނީމަ. އެމީހުން އަހަންްނަށް ހިތްވަރުދިން އެ ފިލްމައިގެން ކުރިއަށްދާން. އެހެންވީމަ އެއީ އަހަރެން ފިލްމުކުޅުން ފެށުނު ގޮތް.” ރަވީނާ އިތުރަށް ކިޔައިދިނެވެ.

ރަވީނާ ފިލްމީ ތަރިއަކަށް ވާން ބޭނުން ނޫންކަމާ ބެހޭގޮތުން ވެސް އިތުރަށް ކިޔައިދިނެވެ. “ނަސީބުން ކަމެއް ވާން ހުރިއްޔާ ހަމަ އެހެން ހުރެފަވެސް އެކަމެއް ވާނެ. އަހަރެން 10ވަނަ ގްރޭޑްގެ އިމްތިހާނު ނިންމާފަ ތަޖްރިބާ ހޯދަން ޕްރަލާޑް ކައްކަރް އާއެކު މަސައްކަތްކޮށް މޮޑެލް ކުރުމުގެ ބައެއް ޕްރޮޖެކްޓްގަ މަސައްކަތްކުރިން. ޕްރަލާޑްގެ މޮޑެލްއެއް ނާންނަ ދުވަހެއް ވެއްޖެއްޔާ އަބަދުވެސް މަގޭ ކުރެން އެދޭނެ މޮޑެލްކޮށްލަން! އެއީ އެކަމަކު ވަރަށް މަޖާ ދުވަސްކޮޅެއް. އަހަރެން ތަޖްރިބާ ހޯދަން އުޅުނު ދުވަސްތައް ވަރަށް އެންޖޯއި ކުރިން.”

ސަލްމާން އާއި ރަވީނާ އަލަށް ބައްދަލުވެ ފިލްމެއް ކުޅެން ލިބުނު އިރު އޭނާއަކީ ކުރިން އެއްވެސް ވަރަކަށް އެކްޓްކޮށްފައި ނުވާ ތަރިއެއްކަން ޤަބޫލުކުރަން ދަތި ދޯއެވެ. ވާނީވެސް އެހެންނެވެ. ރަވީނާ އަކީ އެކްޓިން އަށް މޮޅު ތަރިއެކެވެ.

“ސަލްމާން އާއެކު ވަރަށް ހިތްހަމަޖެހޭ ގޮތެއް ހުރޭ. “ނަޗް ބަލިޔޭ 9″ގެ ސެޓްގައިވެސް އަހަރުމެން ދެމީހުން ހުއްޓައިނުލާ އަނގަ ތަޅަން. އެކަމަކު އެޕިސޯޑް ދައްކާއިރު، އެ ބެލީމަ ދެން މި އެނގެނީ ވަގުތަށް ފައްތަންވެގެން އަހަރުމެން ތަޅާ ކޫސަނި ވާހަކަތަކުގެ ވަރަށް ބޮޑުބައި އެމީހުން އެޑިޓްކޮށްފަ ހުންނަކަން. އެކަން އެނގުނީމަ ދެން އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ބުނަމު ކީއްވެހޭ އަހަރުމެން އެހާވަރަށް އަނގަތަޅަނީ.” ހިނިގަނޑެއް ޖަހައިލަމުން ރަވީނާ ބުންޏެވެ.

ރަވީނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ވާހަކަ ހިއްސާކުރަމުން ބުނީ “ކޭ.ޖީ.އެފް ގެ ދެވަނަ ޗެޕްޓަރ” އިން އޭނާ ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ. އޭގައި އޭނާ ފެންނާނީ ރަމީކާ ސެންގެ ރޯލުންނެވެ. އެ ފިލްމުގެ ރޯލަކުން ސަންޖޭ ދަތު ވެސް ފެނިގެންދާނެއެވެ. އޭނާ ކުޅެނީ އަދީރާގެ ރޯލެވެ. ކޭ.ޖީ.އެފް އަކީ އިންޑިއާގެ ކަންނާޑާ-ބަހުރުވަ ޒަމާން ދައްކައިދޭ އެކްޝަން ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.