ކޮރޯނާ ވައިރަސް އާއި ގުޅިގެން ދިގު މެދުކެނޑުމަކަށްފަހު، އިނގެރޭސި ޕްރިމިއަރ ލީގު އަލުން ފަށާފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި، އާސެނަލް ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު މެންޗަސްޓަރ ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެއް ކަން ފާހަގަކޮށްލެވެއެވެ. މެންޗެސްޓަރ ސިޓީގެ ގޯލަށް އަމާޒުކޮށް އާސެނަލް އަށް އެންމެ ހަމާލާއެއް ވެސް ފޮނުވާލެވިފައި ނުވާއިރު، ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ވެސް މެންޗެސްޓަރ ސިޓީންނެވެ.

މެންޗެސްޓަރ ސިޓީގެ ފުރަތަަމަ ގޯލު މެޗުގެ ފުރަތަަމަ ހާފު ނިމެން އުޅެނިކޮށް، ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑު ރަހީމް ސްޓާލިން އެވެ. ސްޓާލިން މި ގޯލު ޖަހާފައި ވަނީ ފުރަތަަމަ ހާފު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އެޓީމުގެ ފަހަތުން ބޯޅަ ރަނގަޅަށް ސާފު ނުކޮށްލެވުމުން އެ ފުރުޞަތުގެ ބޭނުން ހިފައިގެންނެވެ.

މެންޗެސްޓަރ ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކުރީ ލުއިޒް ހެދި ގޯހެއްގެ ސަބަބުން ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 49 ވަނަ މިނެޓުގައި މެންޗެސްޓަރ ސިޓީގެ މިޑްފިލްޑަރު ރިޔާދު މާރޭޒް އަށް އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ އެތެރެއިން ލުއިޒް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މެންޗެސްޓަރ ސިޓީއަށް ލިބުނު ޕެނަލްޓީ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި މިޑްފިލްޑަރު ކެވިން ޑިބްރޭނާ އެވެ. މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ސާޖިއޯ އަގުއޭރޯ ފޮނުވާލި ހަމަލާއެއް އާސެނަލްގެ ކީޕަރު ދިފާއުކޮށް އަލުން ކުޅުމުގެ ތެރެއަށް ފޮނުވާލުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފާ ފިލް ފޯޑެން ވަނީ ގޯލެއް ޖަހާ މެންޗަސްޓަރ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ރޭގެ މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އާސެނަލުން ކުރަމުން އައި މަސައްކަތަށް އިތުރު ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު، މިހާތަނަށް ކުޅުނު 29 މެޗުން 60 ޕޮއިންޓު ހޯދައިގެން މެންޗެސްޓަރ ސިޓީ ތާވަލުގެ ދެވަނައިގައި އޮތްއިރު، 40 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.