ތިބާ މިދުނިޔެއަށް އައީ ކީއްކުރަން ހެއްޔެވެ؟ ތިމަންނަ މިދުނިޔޭގައި އަސްލު ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ތިބާ ކުރަންހުރި ހުރިހާ ކަމެއް ބަހައްޓާފައި ހަމައެކަނި އަމިއްލަ ސިކުނޑިން ވިސްނާލަމާ ހިނގާށެވެ. މީހަކު ނުވަތަ ފޮތެއްގައި އޮތް މައުލޫމާތުތައް މިވަގުތު އެއްފަރާތް ކޮށްލާފައި ކުޑަ ވަގުތުކޮޅަކު މިސުވާލުތައް އަމިއްލަ ނަފްސަށް ކޮށްލަބަލާށެވެ.

އަހަރެންނަކީ ކާކު ހެއްޔެވެ؟ އަހަރެން މި ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ކުރަންވީ ކީއްހެއްޔެވެ؟ ހަޤީޤަތުގައި އަހަރެން މިދުނިޔޭގައި މިހުރީ ކީއްވެ ހެއްޔެވެ؟

މިއީ އަޅުގަނޑަށް އުފެދޭ ސުވާލުތަކެކެވެ. އަޅުގަނޑަށް ޔަޤީނެވެ. ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް މި ސުވާލުތައް އުފެދޭނެއެވެ. އެކަނިމާ އެކަނި ވިސްނާލީމާ އެނގޭ ކަމަކީ އަހަރެންގެ އަމިއްލަ ނަފްސުގެ ފުރިހަމަކަމެވެ. އަސްލު އަމިއްލަ ހަށިގަނޑާމެދު ވިސްނާލިން ތޯއެވެ.
ތިބާގެ ހަށިގަނޑުގެ ފުރިހަމަ ކަމާމެދު ޢަޖައިބެއް ނުވޭހެއްޔެވެ. އަޅުގަނޑަށް އެނގެއެވެ. މިކަންކަމަކީ އަދި ތިބޭފުޅުންނަށް ވެސް ވިސްނަން ވަގުތު ނުވެފައި ހުރި ކަންކަމެވެ.

ތިބާގެ ދިރިއުޅުމުގެ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއްވެސް ހޭދަވާގޮތް އަޅެ ބަލާލަމާތޯއެވެ. ތިބާ ނިދާހޭލަމުއެވެ. އަދި ދަތްއުނގުޅާ ފްރެޝްވެލައިގެން ސައިބޮމެވެ. އަދި އޮފީހަށް ދަމެވެ. އަދި އޮފީހުގައި އިނދެ ވަރަށްބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައިސް މެންދުރު ކަމެވެ. އަދި ކުޑަކޮށް އަރާމުކޮށްލާފައި ހަވީރު ގަޑީގައި ފިނި ބުރެއް ޖަހާލަން ބޭރަށް ނުކުމެލަމެވެ. ދެން ރަހުމަތްތެރިންނާ އެކު ކޮފީއެއް ބޯލާފައި ދެން ގެއަށް އައިސް ފިލްމެއް ބަލާލަމެވެ. ނުވަތަ އާއިލާ އެކު ވަގުތު ހޭދަކޮށްލަމެވެ. ދެން ރޭގަނޑު ކައިގެން ނިދަމެވެ.
އަހަރެމެންގެ ދުވަސްތައް މިދަނީ މިކަހަލަ ގޮތަކަށެވެ. ސުވާލަކީ އަސްލު ހަޤީޤީ ދިރިއުޅުމަކީ މިއީ ހެއްޔެވެ؟ ސުވާލަކީ ވަޒީފާއަށް ގޮސް ފައިސާ ހޯދައިގެން ހަރަދުކޮށްލައިގެން މޮޅެތި ފޯނުތައް ގަނެގެން މީރު ކާނާތައް ކާލައިގެން މިހެން އުޅެލާފައި މަރުވެދިޔާމާ ދެން ޙަޔާތް އެ ނިމުނީތޯއެވެ. މިއުޅެނީ ދީނީ ވާހަކައެއް ނުވަތަ ސައިންސްގެ ވާހަކައެއް ބުނެދޭކަށް ނޫނެވެ. ތިބާގެ އަމިއްލަ ނަފްސު، އަމިއްލަ ހަށިގަނޑުގެ ބޭނުމަކީ ކޮބައިކަން ވިސްނާލާށެވެ.

ހަށިގަނޑު މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟

ދުވަހަކުވެސް ހަށިގަނޑު މަސައްކަތް ކުރާގޮތާމެދު ވިސްނާލިން ހެއްޔެވެ؟ އަހަރެމެން ބަނޑުހައިވީމަ ކަމެވެ. ނިދިއައިމަ ނިދަމެވެ. ފޫހިވީމަ ކޮފީއެއް ބޯލެވެއެވެ. ނޫނީ ފީލިންގ ބޯރިންގ މިހެން ފޭސްބުކްގައި ޖަހާލެވެއެވެ. އަހަރެމެންގެ ހަށިގަނޑުގައި މިހުރި ގުނަވަންތަކަކީ މީހަކު ބޭނުންވެެގެން ވިއްކާނަމަ އެތައް ބިލިއަން ޑޮލަރުގެ އަގު ބޮޑު ގުނަވަން ތަކެވެ. ތިބާގެ ދެ ލޯ އެބަ ހުއްޓެވެ. އެދެލޮލުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިޔަ ދެލޯ ނެތްނަމަ ތިބާ އުޅޭނީ ކޮން ޙާލަކާ މެދުގައި ކަން ވިސްނާލިންހެއްޔެވެ؟ މިއާޓިކަލް ތިބާއަށް ކިޔޭނެ ހެއްޔެވެ؟
އަނގައަށް ވިސްނާލިންހެއްޔެވެ؟ އަނގައިން ހަމައެކަނި ވާހަކަ ދައްކަނީކީ އެއް ނޫނެވެ. ކާންވެސް ކަމެވެ. މީހުން އުފާކޮށްދެމެވެ. އަދި ރޮއްވާވެސް ލަމެވެ. ތިބާގެ އަނގަ ނެތްނަމަ ތިބާގެ ޙާލަކީ ކޮބައިކަމާމެދު ވިސްނާލިން ހެއްޔެވެ؟ މިގޮތަށް ގޮސް ތިބާގެ ކޮންމެ ގުނަވަނެއް ތިބާގެ ބައިވަރު މަސައްކަތްތަކެއް ކޮށްދެއެވެ. އަދި ގުނަވަންތައް މިހާރު ކުރަމުން އަންނަ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެެއް އަތުވެއްޖެޔާ ތިބާ އެއަށް ކިޔަނީ ތިބާ ބަލިވުމެވެ. ދެން ޑޮކްޓަރަށް ގޮސްގެން ބޭސްތައް ކައިގެން އެގުނަވަންތަކުގެ މަސައްކަތް ފުލް ސްޕީޑުގައި ކުރުވައެވެ.

އެނގޭކަމަކީ އަހަރެމެންގެ މިހުރީ ފުރިހަމަ ހަށިގަނޑެއް ކަމެވެ. ނުލާހިކު މުރާލި ގުނަވަންތަކެކެވެ. އަދި ނުލާހިކު އަގުބޮޑު ގުނަވަންތަކެކެވެ. މި ގުނަވަންތަކުގެ ބޭނުންކޮށްގެން ތިބާ ބޭނުން ކޮންމެ ކަމެއް ކުރެވިދާނެއެވެ. ތިބާ ބޭނުމީ ފަރުބަދައެއް ބިމާ ހަމަ ކުރަން ހެއްޔެވެ؟ އެކަންވެސް އިންސާނުން އެބަ ކުރެއެވެ. ތިބާ ބޭނުމީ ކަނޑު އަނޑީގައި ދިރިއުޅެން ހެއްޔެވެ؟ އެކަންވެސް އިންސާނުން އެބަ ކުރެއެވެ. ތިބާ ބޭނުން ކަމެއް ތިބާއަށް މިދުނިޔެމަތީ ގައި ކުރުމުގެ ފުރުޞަތު އެބައޮތެވެ. އެވަރުގެ ހިތްވަރުގަދަ ފަހުލަވާނުން ތަކެއް ފަދަ ގުނަވަންތަކެއް އެބަ ހުއްޓެވެ.

ތިބާ ބޭނުންވަނީ ތިބާގެ އަމިއްލަ މިލްކިއްޔާތުގައި ބައިވަރު މުދާތަކެއް އެއްކުރަން ނޫންހެއްޔެވެ؟ ފޯނުތަކާއި ލެޕްޓޮޕްތައް ގަންނަނީ އެބޭނުމުގައެއް ނޫން ހެއްޔެވެ؟ ތިބާގެ އަމިއްލަ ލޯންޗެއް ނުވަތަ ކާރެއް ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ލޯންޗެއް ގަތީމާ ތިބާ ބޭނުންތާކަށް އޭގެން ދެވޭނެތީއެއް ނޫންހެއްޔެވެ؟ އަޅުގަނޑު ތިބާ ކައިރީގައި ސިއްރެއް ބުނާނަމެވެ. ތިބާއަކީ ވަރަށް ބައިވަރު މުދާ ތަކެއްގެ ވެރިއެކެވެ. އެހުރިހާ ފޯނާއި ކާރާއި ލޯންޗާއި މި އެއްޗެއްސަށް ވުރެ އަގު ހުރި މުދާ ތަކެއްގެ ވެރިއެކެވެ. ތިބާގެ ގުނަވަންތަކެވެ. ތިބާ ހަމަ ބުނާގޮތެއް ހަދަން ތައްޔާރަށް ހުރި ގުނަވަންތަކެވެ. އެގުނަވަންތައް ކައިރީގައި ކަމެއް ކުރަން ބުނެފި ނަމަ ފަސްޖެހުމެއް ނެތި ކިޔަމަންތެރިކަމާއެކު އެބަ އެކަމެއް ކުރެއެވެ. އެހެންކަމުން ތިބާއަކީ ވަރަށް އަގުބޮޑު “ލޯންޗެއް ނުވަތަ މަތިންދާބޯޓެއްގެ” ކެޕްޓަނެކެވެ. ތިބާ އަށް ޖެހޭ ކަމަކީ ހަމައެކަނި ކަންކަން ކުރަންވީ ގޮތުގެ އޯޑަރު ދޭށެވެ.

ތިބާގެ ޙަޔާތުގައި ތިބާ ބޭނުންވަނީ އެންމެ ކަމެއް ކުރާށެވެ.

ތިބާގެ މުޅި ދިރިއުޅުމުގައި ވެސް ތިބާ ބޭނުން ވަނީ އެންމެ ކަމެކެވެ. އެއީ ތިބާގެ ހުރިހާ ކަމެއް އެކަމަށްޓަކައި ހުސްކުރާ ކަމެވެ. އެކަކު އަނެކަކު ތަޅާފޮޅާއި ހަނގުރާމަކޮށްގެންވެސް ޙާޞިލުކުރަން ބޭނުން ވަނީ އެންމެ ކަމެކެވެ. މުދަލާ ފައިސާއެއް ނޫނެވެ. އެއީ ތިބާގެ ހިތްހަމަ ޖެހުމެވެ. ތިބާގެ ހިތްހަމަ ޖެއްސުމަށްޓަކައި ތިބާގެ މުޅި ދިރިއުޅުމުގެ ހުރިހާ ޢަމަލުތަކެއް ބައްޓަން ކުރުވައެވެ. ތިބާ މިއާޓިކަލް ތިޔަ ކިޔަނީ ކީއްވެ ހެއްޔެވެ؟ ތިބާއަށް މިއާޓިކަލް ކިޔާލުމުން ހިތްހަމަ ޖެހޭތީއެވެ. ތިބާ އެކުވެރިންނާއެކު ވާހަކަ ދައްކާލަން ކޮފީތަކަށް ދަނީ ކީއްވެ ހެއްޔެވެ؟ ނަމާދުކުރަނީ ކީއްވެހެއްޔެވެ؟ ކަނީ ކީއްވެހެއްޔެވެ؟ ބުރެއް ޖަހާލަން ބޭރަށް ނުކުންނަނީ ކީއްވެ ހެއްޔެވެ؟ ތިބާ ކުރާ ހުރިހާ ކަމަކީ ތިބާގެ ހިތްހަމަ ޖައްސައިދޭން ކުރާކަންކަމެވެ.

ތިބާ ކުރާކަމަކުން ތިބާ އަށް ހިތްހަމަ ޖެހުން ނުލިބޭނަމަ ތިބާ އަށް ވަނީ ކިހިނެއް ހެއްޔެވެ؟ ތިބާ ރުޅިގަދަވެއެވެ. ތިބާ ހާސްވެއެވެ. ފޫހިވެއެވެ. ހިތްހަމަ ޖެހުން ލިބޭނަމަ ވަނީ ކިހިނެއް ހެއްޔެވެ؟ އުފާވެއެވެ. ހާސްކަން ފިލާ ހިނިތުންވުން މޫނު މަތިން ފެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން ރަޝީދު
ދީނީ، އިޖްތިމާޢީ އަދި ނަފުސާނީ މަޢުޟޫތަކަށް ފަސޭހަކަމާއެކު ޙަސަންގެ ގަލަން ހިނގައެވެ.