ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލު އަމީތާބު ބައްޗަންގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންއަކީ އަމީތާބު ހޯދިވަރުގެ މަޤުބޫލުކަމެއް ހޯދުނު އެކްޓަރެއް ނޫނެވެ. ނަމަވެސް އޭނާގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބު ފިލްމުތަކެއް ކުޅެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި “ރެފިއުޖީ”، “ދޫމް” ސީރީޒްގެ 3 ފިލްމު، “ބަންޓީ އޯރް ބަބްލީ”، “ކަބީ އަލްވިދާ ނާ ކެހެނާ”، “ދޯސްތާނާ”، “ޕާ”، “ހެޕީ ނިއު ޔިއާ” އަދި “ހައުސްފުލް 3” ފާހަގަކޮށްލެވެއެވެ.

އަބީޝެކްގެ ކާމިޔާބު ބައެއް ފިލްމުތައް

ފަހަކަށް އައިސް މާގިނަ ފިލްމުތަކަކުން ނުފެނުނު ނަމަވެސް އަހަރަކު ފިލްމަކުން ކަހަލަ ގޮތަކަށް ފެނެއެވެ. ދާދި ފަހުން ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ވަނީ އޭގެ ސަބަބުވެސް ހާމަކޮށްފައެވެ.

އަބީޝެކް ބުނެފައިވަނީ ގައިގޯޅި މަންޒަރުތައް ކުޅުމަށް އޭނާ ދެކޮޅު ހަދާތީ އޭނާއަށް ގިނަ ފިލްމުތަކެއް ގެއްލުނުކަމަށެވެ. ނަމަވެސް އެކަމާ އެއްގޮތަކަށްވެސް ދެރަނުވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފެށުނީއްސުރެވެސް ރޮމޭންޓިކް މަންޒަރުތައް ނުވަތަ ގައިގޯޅި މަންޒަރުތައް ކުޅެން ފަސޭހަ ނޫންކަމަށާއި ކުރިން އެކަހަލަ މަންޒަރުތައް ކުޅުނު ނަމަވެސް ދެން އެކަހަލަ މަންޒަރުތައް ކުޅެން ބޭނުން ނުވާކަމަށްވެސް އަބީޝެކް ބުނެފައިވެއެވެ.

“އަހަރެންނަށް ކުޅެން ފަސޭހަ ނޫން އެކަހަލަ ކިތަންމެ ފިލްމަކާއި މަންޒަރެއް ކުޅެފައި ހުންނާނެ. އެކަމަކު ދެން ނުކުޅޭނަން. އެއީ އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ދަރިފުޅަށް ބަލަން އުނދަގޫވާ ޒާތުގެ ނޫނީ އޭނަ، އެ ހިނގަނީ ކޮންކަމެއްހޭ؟ އަހަރެންނާ ސުވާލުކުރާކަށް. އެހެންވެ އަހަރެން އެކަހަލަ މަންޒަރުތަކަށް ނޫނެކޭ ބުނަން ފެށީ.” އަބީޝެކް ބުނެފައިވެއެވެ.

އަބީޝެކް އެންމެ ފަހުން ފެނުނީ އަނޫރާގް ކަޝިޔަޕް ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ގެނެސްދިން “މަންމަރްޒިޔާން” އިންނެވެ. އެ ފިލްމަށް ކުރިޓިކުން ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ނުވީނަމަވެސް އަބީޝެކް ހުރީ އެ ފިލްމުގައި ކުރެވުނު މަސައްކަތާއި ދޭތެރޭ ހިތްހަމަޖެހިފައެވެ.

އަބީޝެކް ދެން އެންމެ އަވަހަށް ފެންނާނީ “ބްރީތު: އިންޓު ދަ ޝެޑޯސް”އިން

ދެން އެންމެ އަވަހަށް އަބީޝެކް ފެންނާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ދައްކަން ފަށާ “ބްރީތު” ގެ ދެވަނަ ސީޒަން “ބްރީތު: އިންޓު ދަ ޝެޑޯސް” އިންނެވެ. 2018 ވަނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ދެއްކި “ބްރީތު” ގެ މައިގަނޑު ރޯލުތައް ކުޅުނީ އާރް މަދަވަން، އަމިތު ސަދު، ރިޝިކޭޝް ޖޯޝީ، ސަޕްނާ ޕައްބީ، އަތަރްވާ ވިޝްވާކަރްމާ އަދި ނީނާ ކުލްކަރްނީއެވެ. މި ވެބް ސީރީޒް ޑައިރެކްޓްކުރަނީ މަޔަންކް ޝަރްމާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.