ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ އެންމެ ފަހުގެ ފިލްމު “މައިދާން” އަކީ މި އަހަރު އެންމެ އިންތިޒާރު ކުރެވުނު އެއް ފިލްމެވެ. މި ފިލްމަކީ އިންޑިޔާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ސައީދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައި އޮތް މި ފިލްމު ރިލީޒްކުރުން ފަސްކުރީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފިލްމުގެ ޝޫޓިންގ ނުނިމި އޮތުމުގެ ސަބަބުން އެ ތާރީޚަށް ފިލްމުގެ މަސައްކަތް ނިންމާނުލެވޭނެތީއާއި ސިނަމާތައް ހުޅުވޭނެ ދުވަހެއް ނޭނގޭތީއެވެ.

އަޖޭގެ އިންސްޓަގްރާމްގައި ފިލްމުގެ ޕޯސްޓަރެއް ހިއްސާކުރަމުން އަޖޭ ވަނީ މި ފިލްމު ރިލީޒްކުރާނެ ތާރީޚު އިޢުލާނުކޮށްފައެވެ. އެއީ 2021 ވަނަ އަހަރުގެ އިންޑިޔާގެ މިނިވަން ދުވަހާއި ދިމާކޮށް އޭގެ ދެދުވަސް ކުރިން އޮގަސްޓް 13 ގައެވެ.

ޒީ ސްޓޫޑިއޯއާއި ބޮނީ ކަޕޫރްގެ އިތުރުން އަރުނަވާ ޖޯއީ ސެންގުޕްތާ އަދި އާކާޝް ޗާވްލާ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އަމިތު ރަވިންދުރަނަތު ޝަރްމާއެވެ. އަޖޭ ދޭވްގަންއާއި ޕްރިޔާމާނީ މައިގަނޑު ރޯލުތައް ކުޅޭ މި ފިލްމަކީ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ޕްރިޔާނީ ކުޅުނު ފުރަތަމަ ހިންދީ ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.