ޕުޑިންއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ އަނގަޔަށް މީރު ކެއުމެކެވެ. އެހެންކަމުން ބިސްކޯދު ޕުޑިން ތައްޔާރުކޮށްލާނެ ގޮތް ގެނެސްދޭނަމެވެ. މިއީ ނިއުޕޯޓް މޯލްޑިވްސް އިން ގެނެސްދީފައިވާ ރަހަފަތުގެ އަސްލަށް ބަލައިގެން ގެނެސްދޭ ރަހަފަތެކެވެ.

މި ޕުޑިން ތައްޔާރުކުރުމުގައި އަޅުގަނޑަށް ފާހަގަކޮށްލެވުނު ކަމެއް ހިއްސާކޮށްލާނަމެވެ. ޕުޑިން ހެދުމަށް ކުކިން ޗޮކްލެޓް ނުލިބިގެން މިދިޔަ ރަމަޟާން މަހު އަޅުގަނޑު ބޭނުންކުރީ އާދައިގެ ޗޮކްލެޓެވެ. އާދައިގެ ޗޮކްލެޓްވެސް ކައްކައިގެން ބޭނުންކޮށްލުމުން، ޕުޑިންގެ ރަހަ ހަމަ ވަރަށް މީރެވެ. މީގެ އިތުރުން އަޅުގަނޑު މި ޕުޑިން ތައްޔާރުކުރުމުގައި ކުކުޅު ބިސް ބޭނުމެއް ނުކުރަމެވެ.

ބޭނުންވާނެ ތަކެތި:

– 01 ޕެކެޓް މާރީ ބިސްކޯދު
– 400 ގްރާމް ކުކިންޗޮކްލެޓް (ޑާކް)
– 01 ދަޅު ނެސްޓްލް ކްރީމް
– 01 ޖޯޑް ވިޕް ކްރީމް
– 02 ޖޯޑް ފުލްކްރީމް މިލްކް
– 100 ގްރާމް ކަޖޫނަޓް
– 150 ގްރާމް އަންސޯލްޓެޑް ބަޓަރ

ތައްޔާރުކުރާނެ ގޮތް:

1- ޖޯޑެއްގެ ނެސްޓްލް ކްރީމް ތަށްޓަކަށް އަޅައި ރަނގަޅަށް ގަށައި އެއްކޮށްލާށެވެ.

2- ތަވައެއްގައި ކުކިން ޗޮކްލެޓްކޮޅު ވިރުވާލާށެވެ. އެއަށްފަހު ނެސްޓްލް ކްރީމް އަޅާފައިވާ ތަށްޓަށް އޮއްސާލައި ރަނގަޅަށް އެއްކޮށްލާށެވެ.

3- ބަޓަރުކޮޅުވެސް ތަށްޓަށް އަޅައި އެއްކޮށްލާށެވެ.

4- ވިޕް ކްރީމް ޖޯޑު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

5- ކަޖޫނަޓް ކުދިކޮށް ކޮށުމަށްފަހު ތަވައަކަށް އަޅައިގެން ދަވާށެވެ.

6- ޓްރޭއެއް ނަގައި، ޓްރޭގެ ފުލުގައި، ކުރިން ގެށި މިކްސްޗަރުން އެތިފޮދެއް ހާކާލާށެވެ.

7- ކިރުފޮދުގެ ތެރެއަށް ބިސްކޯދު ލައި ފޯކޮށްލުމަށްފަހު ޓްރޭގައި ބިސްކޯދު ފަށަލައެއް އަތުރާށެވެ. އޭގެ މައްޗަށް ގެށި މިކްސްޗަރުން އަޅައި ބިސްކޯދުތައް ފޮރުވާލާށެވެ. އެއަށްފަހު ބިސްކޯދު ފަށަލައެއް، ޗޮކްލެޓް ފަށަލައެއް އަޅަމުން ގެންދާށެވެ.

8- އެންމެ މަތީގައި ކަޖޫ ނަޓް އަތުރާލާށެވެ. ބޭނުން ނަމަ އެހެން ފަށަލަ ތަކުގައިވެސް ކަޖޫ ނަޓް އެތުރިދާނެއެވެ.

9- މަދުވެގެން 2-3 ގަޑިއިރު ފްރިޖްގައި ބެހެއްޓުމަށްފަހު އިންސާފުކޮށްލާށެވެ.

މިހާރު އެހެރީ މާރީ ބިސްކޯދު ޕުޑިން ތައްޔާރުކޮށްލެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.