ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފް، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 75 ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

ޤައުމީ ކުތުބުޚާނާ އުފައްދާފައިވަނީ 1940 ގެ އަހަރުތަކުގެ ތެރޭގައެވެ. ޤައުމީ ކުތުބުޚާނާގެ ބިންގާ އެޅީ 12 ޖުލައި 1945 ގައެވެ.  މި ކުތުބު ޚާނާ ހުޅުވިފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމުގައެވެ. ކުތުބުޚާނާ ވުޖޫދަށްގެންނެވީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. އޭރު އެކިލެގެފާނު، ހުންނެވީ ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

ތިން އަހަރު ފަހުން، 1948ވަނަ އަހަރު ސްޓޭޓް ލައިބްރަރީގެ ނަން މަޖީދީ ލައިބްރަރީގެ ނަމަށް ބަދަލު ކުރެއްވި އެވެ. މަޖީދީ ލައިބްރަރީ ކިޔުމުން މި ލައިބްރަރީގެ ނަން އެ ނިސްބަތްވަނީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅަށެވެ.

1948ން ފެށިގެން ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ދިގު ޒަމާންތަކެއްގައި، ލައިބްރަރީ ހިނގަމުންދިޔައީ ދާދި އެއް ކަހަލަ، ފިޔަޅުތަކެއްގެ މަތީގައެވެ.

އެއަށް ފަހު މަޑުމަޑުން ޒަމާނީ ލައިބްރަރީއެއްގެ ސޫރަ މި ލައިބްރަރީން ފެންނަން ފެށިއެވެ. ކުރިޔަށް ފިޔަވަޅުތަކެއް އަޅަންފެށި އެވެ. ދިރުމެއް ހަރަކާތްތެރިކަމެއް ދައްކަން ފެށި އެވެ. ތަނުގެ ވަސީލަތްތައް ތަރައްޤީ ކުރުމެވެ. ޢިމާރާތް ތަނަވަސް ކުރުމެވެ. މީހުންތަމްރީނު ކުރުމެވެ. ތަފާތު ޢިލްމީ އަދަބީ ތާރީޚީ ފޮތްތައް ލައިބްރަރީއަށް ހޯދުމެވެ. ލައިބްރަރީ މުއްސަނދި ކުރުމަށްޓައެވެ. މި މަސައްކަތްތައް ވަރަށް ހަލުއިކޮށް ކުރިޔަށް ގެންދަން ފެށުނެވެ.

1982ވަނަ އަހަރު ޖޫން އެކަކުން ފެށިގެން ސަރުކާރުން މަޖީދީ ލައިބްރަރީގެ ނަން ޤައުމީ ކުތުބުޚާނާގެ ނަމަށް ބަދަލު ކުރެއްވި އެވެ. ދިވެހި ޤައުމުގެ ނަމަށް ނިސްބަތްވާ، ޤައުމުވަންތަކަމުގެ ނިޝާނެއްގެ ގޮތުގައި މި ކުތުބުޚާނާ ހިމެނުއްވިއެވެ.

2000 ވަނަ އަހަރަކީ ޤައުމީ ކުތުބުޚާނާގެ ހަޔާތުގައި ވަރަށް ތާރީޚީ އަހަރެކެވެ. ޢިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން، ޒަމާނީ އާމޫނަކާއެކު ޤައުމީ ކުތުބުޚާާނާ ޚިދުމަތަށްޓަކާ 2000ވަނަ އަހަރު އަލުން ހުޅުވިގެން ދިޔައީތީ އެވެ.

މި ބަދަލާއެކު، އިންޓަނެޓުގެ ޚިދުމަތް ދެވެން ފެށުނެވެ. ދުނިޔޭގެ ތަފާތު ސަގާފަތްތަކާ، ޢިލްމާ ފަންނުގެ ފޮތްތައް އިތުރުކޮށް ކުތުބުޚާނާ މުއްސަނދިކުރެވުނެވެ. މީގެ ތެރޭގައި ޚާއްްޞަކޮށް ޢަރަބި، އިނގިރޭސި، އުރުދޫ، ފޮތްތައް ފާހަގަ ކޮށްލެވެއެވެ. ހަމަ އެހެންމެ ދިވެހި ބަހުގެ ފޮތްތަކަށް ވަކި ބައެއް ކަނޑައެޅިގެން ދިޔައެވެ.

މިއަދު ފާހަގަކުރަމުން މިދަނީ ޤައުމީ ކުތުބުޚާނާގެ 75 ފުރޭ އަލިމަސް ޔޫބިލްއެވެ. ޤައުމީ ކުތުބުޚާނާ ވެފައިވަނީ ދިވެހިބަހުގެ ފޮތްތަކުގެ އެންމެ މުންސަނދި އެއް އަރުޝީފަށެވެ. އެތަނުގައި 10000 އަށްވުރެ ގިނަ ދިވެހިބަހުގެ ފޮތް އެބަހުއްޓެވެ.

ކުތުބުޚާނާއިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެމުންދާއިރު އަދިވެސް އެތަނުންދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ހެރިޓޭޖް މިނިސްޓްރީން ގެންދަވަނީ ކުރަމުންނެވެ. މިގޮތުން 2 އަހަރުގެ މެދުކެނޑުކަމަށް ފަހުގައި ކުޑަކުދިންގެ ލައިބްރަރީ މިހާރުވަނީ އަލުން ހުޅުވާފައެވެ. އެބައި އަލުން ހުޅުވިއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެން 1 ލައްކައަށްވުރެ ގިނަ ރުފިޔާގެ ފޮތްތައްވަނީ އެތަނުގައި ބަހައްޓާފައެވެ.

މީގެ އިތުރުން ކުތުބުޚާނާއިން މިހާރު އަންނަނީ ދުވަސްވީ ފޮތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. މިގޮތުން މިހާރުވެސް ގިނަ ފޮތްތަކެއް ޑިޖިޓަލައިޒް ކުރެވިފައި ވާއިރު މިއަހަރު ނިމެންވާއިރަށް ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެތަނުގެ އަމާޒަކެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުހުސިން ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވިދާޅުވީ ލައިބްރަރީ އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ފޮތްތަކާއި ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިއާއެކު ލައިބްރަރީ ބޭނުންކުރާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.