ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފިއެވެ. ކުރިން އެ ކައިވެނި ކުރުމަށް ހަމަޖެހިފައި އޮތީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ.
ވަރަށް މުޢުތަބަރު ފަރާތަކުން އީޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެ ފަރާތުން ބުނެފައިވާ ގޮތުގައި އެ ކައިވެނި ފަސްކުރީ ހަމައެކަނި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ނޫން ކަމަށާއި އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތްތަކުގައިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަދިނެތި އުޅެން ޖެހޭނެތީ ކަމަށެވެ.
ޚަބަރުތައް ބުނާގޮތުން އާލިއާ ވަނީ ޑިޒައިނަރ ސަބްޔާސަޗީއަށް އޭނާގެ ކައިވެނީގެ ހެދުން ފެހުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް ކައިވެނި ފަސްވުމާއި ގުޅިގެން ހެދުން ފެހުމުގެ ކަންކަންވެސް މިވަގުތަށް ހުއްޓާލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
ރަންބީރާއި އާލިއާ އެކުގައި ފުރަތަމަ ފަހަރަށް ފެންނާނެ ފިލްމު “ބްރައްމަސްތުރަ” މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ހަމަޖައްސާފައިވީ ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މި ފިލްމުވެސް ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެކަމަށް ޚަބަރުތައް ބުނެއެވެ.
