ލޮކްޑައުންގައި ނ. ވެލިދޫ މީހުން ތައްޔާރުކުރި ފިލްމް “ހަސްކާ”ގެ ޕްރިމިއަރ ނައިޓް ކުލަގަދަވާނެ ކަމަށާއި މިހާރު ޓިކެޓް ބުކްކުރުމަށް ހުޅުވާލާފައިވާ ކަމަށް އެ ފިލްމްގެ އެސިސްޓެންޓް ޑައިރެކްޓަރު އިބްރާހިމް އާދިލް (އިބުރު) މިއަދު ބުނެފި އެވެ.
މުނިއަވަސްއާ ވާހަކަ ދައްކަމުން އިބުރު ބުނީ ޕްރިމިއާނައިޓް ކުރިޔަށްދާނީ ރެޑްކާޕެޓާ އިވެންޓަކާއި އެކުގައި ވަރަށް ކުލަގަދަކޮށް ކަމަށެވެ.
“ފުރަތަމަރޭ ކުލަގަދަކުރުމަށް ރެޑްކާޕެޓާ އެކު ކުލަގަދަ ހަފްލާއެއް އޮންނާނެ. މިއީ މިގޮތަށް ވެލިދޫ ސިނަމާގައި ފިލްމެއްގެ ޕްރިމިއަރ ނައިޓް ބާއްވާ ފުރަތަމަ ފަހަރު. މިއީ ވަރަށް ތާރީޚީ ރެއަކަށް ވާނެ،” އިބްރު ބުންޏެވެ.

ފިލްމު “ހަސްކާ”ގެ ޝޫޓިން ތެރެއިން – ފޮޓޯ: ސިމް އޮއޭސިސް
ވެލިދޫ މަގޭ ސިނަމާގައި މި މަމަހުގެ 10 ވަނަ ދުވަހު ފިލްމް އެޅުވުމަށް ނިންމާފައިވާއިރު، ދެ ޝޯ އަޅުވާނެ ކަމަށާއި ޓިކެޓް އަގު އަތްފޯރާ ފަށުގައި ބެހެއްޓުމަށް ވަރަށް ބޮޑަށް ވިސްނާފައިވާ ކަމަށް ވެސް އެސިސްޓެންޓް ޑައިރެކްޓަރު މައުލޫމާތު ދިނެވެ.
ހަސްކާގެ ޓިކެޓް ވިއްކުމަށް މިއަދު ހުޅުވާލިއިރު، ޓިކެޓެއްގެ އަގު އުޅެނީ 75 ރުފިޔާ އަށެވެ. އަދި ޓިކެޓް ބުކް ކުރުމަށް ގުޅާނީ 9125582 އަށް ކަމަށް ވެސް އިބުރު ބުންޏެވެ.

ފިލްމު “ހަސްކާ”ގެ ޓެކްނިކަލް ޓީމު – ފޮޓޯ: ސިމް އޮއޭސިސް
“ހަސްކާ” އަކީ ރަށްފުށުގައި ހިނގާ ހަގީގީ ހާދިސާތަކެއްގެ މަައްޗަށް ތައްޔާރުކޮށްފައިވާ ކުރު ފިލްމެކެވެ.
55 މިނެޓްގެ ”ހަސްކާ“ ޕްރޮޑިއުސްކޮށް ޑައިރެކްޓްުރަނީ ސިމާހް (އޮމްބެ) އެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ރިޝާން (ރިޗީ) އެވެ. ކެމެރާކުރަނީ މަފާޒް އާއި އިބްރޫ އެވެ.
’ސިމް އޮއޭސިސް’ގެ މި ފިލްމްގެ ހުރިހާ މަސައްކަތަކާއި ސްޓާރުންނަކީ ވެސް މުޅިންވެސް ވެލިދޫ މީހުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
