ފެންވަރުގެ ޖާދޫއެއް ހަދައިލުމަކީ ހަމަ ގައިމުވެސް ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ޖާދޫއެއް ހެދުމަށް ޖާދޫގަރުން އެތަކެއް ފަހަރު ފަރިތަކުރެއެވެ. ވަރުބަލިކަމެއް، ފޫހިކަމެއް ނެތި މިންނެތް މަސައްކަތްތަކެއް ކޮށްގެން ނޫނީ ފުރިހަމަ ޖާދޫއެއް ނުހެދޭނެކަން ޖާދޫ ހަދަން ނުދަންނަ މީހާވެސް ޤަބޫލުކުރާނެއެވެ.

އުމުރުން އެންމެ 25 އަހަރުގެ، ޒުވާން ޖާދޫގަރު، ޏ. ފުވައްމުލައް ރާފިޢު މުޙައްމަދު (މޯލްޑިވިއަން މެޖީޝަން ރާއްޕެ) އަކީ ރާއްޖޭގެ ޖާދޫގަރުންގެ ނިސްބަތުން ކުރީ ސަފުގައި ގުނައިލެވޭ ހިސާބަށް ދަތުރުކޮށްފައިވާ މޮޅު ޖާދޫގަރެކެވެ.

މުނިއަވަސްގެ ފަރާތުން މެޖީޝަން ރާއްޕެ އާ ބައްދަލުކޮށް ވާހަކަދައްކައިލީމެވެ.

ޖާދޫހަދަން ފެށީ ކޮން އިރަކު އަދި ކިހިނެއް ޖާދޫހެދުމުގެ ތެރެއަށް ވަދެވުނީ؟
އަހަރެން ޖާދޫހަދަން ފެށީ އުމުރުން އެންމެ 12 އަހަރުގަ. އަހަަރެންގެ ބޭބެ ރިފްޢަތު މުޙައްމަދު ވަރަށް މޮޅަށް ޖާދޫހަދާތަން ފެނިފަ އަހަރެން ހައިރާންވޭ، އެއީ އަހަރެން ޖާދޫހަދާ މީހަކަށް ވާން ބޭނުންވި ގޮތަކީ. އަސްލު ވާގޮތަކީ ކުޑައިރު އަހަރެން ބަލައި އުޅުނީ ބެން ޓެން، ނަރޫޓޯ، ޝަކަލަކަަ ބޫމްބޫމް، ޕަރްމޭން، ހެރީޕޮޓަރ އަދި އަލަޑިން ފަދަ ޖާދޫގެ ކަންކަމާ ސުޕަރޕަވަރޒް ހުންނަ ކާޓޫނު އެކަނި. އޭގަ ޖާދޫތައް ހަދާތަން އަހަރެން ބަލާހިތްވޭ. ދެން އަހަރެން ބޮޑުވަމުން އައި ދުވަސްވަރު އެމެރިކާސް ގޮޓް ޓެލެންޓް، “ޕެން އެންޑް ޓެލަރ ފޫލް އަސް” އާއި އެހެނިހެން ޓެލެންޓް ޝޯވތައް ބަލައި އުޅުނިން.

މޯލްޑިވިއަން އައިޑަލް އޮޑިޝަން އިން ދެ ފަހަރެއްގެ މަތިން ރާއްޕެ ފެނުނު، މިއީ ކިހިނެއްވި ކަމެއް؟
އަހަރެން ވަރަށް ލަވަކިޔާހިތްވޭ. އެހެންވެ މޯލްޑިވިއަން އައިޑަލް ފުރަތަމަ ސީޒަންގެ އޮޑިޝަން އަށް ދިޔައިން. އެކަމަަކު ސެލެކްޓެއް ނުވި. އަހަރެން އުއްމީދު ކަނޑައެއް ނުލަން. އަނެއްކާ ތިންވަނަ ސީޒަނަށް ވެސް ދިޔައިން. އެކަމަކު އެފަަހަރުވެސް ނުހޮވުނު. އެކަމަކު ސީޒަން ތިނަކަށް އަހަރެން ދިޔައީ ޖާދޫހަދަން ތައްޔާރުވެގެން، ލަވަަ ކިޔާކަށް ނޫން. އަހަރެން ބޭނުންވީ އަހަރެންގެ ހުނަރު ޤައުމީ ޓީވީ މެދުވެރިކޮށް މުޅި ރާއްޖެއަށް ދައްކާލަން. އަހަރެން އެކަން ކުރިން. އެއީ އަހަރެން ޓީވީއަކުން ދެއްކި ފުރަތަމަ ފަހަރު. އޭގެ ކުރިން އަހަރެން ޖާދޫހަދަމުން ދިޔައީ ގެސްޓުންނަށްށާ ރައްޓެހިންނަށް. ޖާދޫހަދަން މަގުމައްޗަށް ނުކުމެ ނުވަތަ ޝޯތަކަށް ގޮހެއް ނޫޅެން.

އެހެންވީމަ މޯލްޑިވިއަން އައިޑަލް އޮޑިޝަންގެ އެހީގަ މޮޅު އެއްޗެއްދޯ ތި ހެދީ. ދެން އޭގެ ފަހުން ޗާންސްތައް ލިބެން ފަށައިފިދޯ؟
އެހެންޏާ، އޭގެ ފަހުން ޚިތާނީ ޝޯތަކާ އުފަންދުވަހުގެ ހަފުލާތަކުގަ ޖާދޫހަދަން ފުރުޞަތުތައް ލިބެން ފަށައިފި. ހަމަ އެހެންމެ ޢީދު ޝޯތަކާ ރިޒޯޓްތަކުންވެސް.

ފާހަގަކޮށްލެވޭ ވަނައެއް ކަހަލަ އެއްޗެއް ޖާދޫހަދައިގެން ލިބުނުތަ؟
ދެން އަނެއްހެން ބުނަންޏާ ރާއްޖެއަކީ އެކަހަލަ ފުރުޞަތުތައް މަދު ތަނެއްދޯ. އެކަމަކު ކްލަަބް 360 އިން ބޭއްވި އޯޕަން މައިކް ޗެލެންޖެއްގަ ބައިވެރިވިން. އެއީ ވަރަށް ޓެލެންޓެޑް މީހުން ބައިވެރި އިވެންޓެއް. ނަސީބަކުން އަހަންނަށް އޭޭގެއިން 02 ވަނަ ލިބުނު. އެއަށްފަހު ގޯޕްލަސް ޓީވީގެ “ނުފެންނަ ތަރި” ޕްރޮގްރާމުގެ އިންޓަވިއު އަކަށް އަހަންނަށް ކިޔި. އެއީ އަހަރެން އިންޓަވިއުއަކަށް އެރި ފުރަތަމަ ފަހަރު.

ރާއްޕެ މި ދާއިރާއިން މީހުންނަށް އެނގި އާއްމުވެ އިތުރަށް މަޝްހޫރުކަން ހޯދުމަށް ކުރަމުން އަންނަނީ ކޮން ކަމެއް؟
އަހަރެންނަށް ސަޕޯޓްކުރާ ފަރާތްތަކުގެ އެދުމުގެ މަތިން އިންނާނެ “މޯލްޑިވިއަން މެޖީޝަން ރާއްޕެ“ގެ ނަމުގަ ފޭސްބްކް ޕޭޖެއް ހުޅުވާފަ. އޭގަ އަހަރެންގ ޖާދޫހަދާ ވީޑިއޯތައް ހުންނާނެ.

ވަޒީފާއެއްގަ އުޅެމުން ޖާދޫހަދަން އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވޭތަ؟
އެކަށީގެންވާ ވަރަށް ނުވަތަ އެންމެ ހިތްހަމަ ޖެހޭ ވަރަށް ނުކުރެވުނަސް ޖާދޫގެ ޝޯތައް ދެމުން މިގެންދަނީ. ޖޮބްގަ އުޅެމުން ޖާދޫހަދަން އެޖެސްޓް ކުރަން އުނދަގޫވޭ. އެއީ ޝޯތައް ދޭން ރަށްރަށް ދާން ޖެހޭތީ. އެހެން ނަމަވެސް މީހުންގެ ފަރާތުން ލިބޭ ސަޕޯޓާމެދު ވަރަށް އުފާވޭ.

ރާއްޕެ ޖާދޫހެދުމުގަ ވަރަށް ބޮޑަށް އޯޑިއަންސާ ގުޅިގެން މަޖާ ގޮތަކަށް ގެންދާކަން ފާހަގަވޭ. ކޮބާ މިކަމުގެ ސިއްރަކީ؟
އަހަރެން ޖާދޫހަދަނީ މީހުން ހައިރާންކޮށްލުވައި އެމީހުން ހެއްވާލުމަށް. އޯޑިއަންސާ ގުޅިގެން ގެންދަން އަހަރެން ލޯބިކުރަން. އެގޮތުން ކޮންމެވެސް ވަރަކަށް ކޮމެޑީ ޖައްސައިލައި މިސްޓްރީ ޖައްސަން. އެއީ އަހަރެން ޝޯތައް ދޭ ގޮތް.

ރާއްޕެގެ އެންމެ ބޮޑު ފޭންއަކީ ކާކުކަމަށް ޤަބޫލުކުރަނީ؟
އަހަރެން ބުނާނީ އަހަރެންގެ އެންމެ ބޮޑު ފޭންއަކީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާއޭ، އެއީ ވަރަށް އަވަހަށް އަހަރެންގެ ވައިފަށް ވާނެ ކުއްޖާ، އިންޝާﷲ. އެއީ އަހަރެންގެ އެންމެ ބޮޑު ސަޕޯޓަކީ. އަހަރެން މިގޮތަށް މިހުރީ އޭނާގެ ސަބަބުން. ދެން އޭގެ އިތުރުން އަހަރެންގެ ލޯބިވާ ޢާއިލާ. އާއިލާގެ ފުރިހަމަ އެއްބާރުލުން އަހަންނަށް ލިބޭ. އަހަރެން މިކަން ކުރާތީ އެމީހުން އެކަމާ ލޯބިވޭ، ފަޚުރުވެރިވޭ.

މި ދާއިރާއިން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ކޮބާ؟
އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ އެމެރިކާ، އިނގިރޭޭސިވިލާތް ނުވަތަ އިންޑިއާގަ ބާއްވާ ‘ގޮޓް އަ ޓެލެންޓް ޝޯ’ގަ ބައިވެރިވުން. އަހަރެންގެ ކެރިއަރަކަށް ޖާދޫހެދުން ވުމަކީ އަހަރެން ބޭނުންވާ ކަމެއް. މީހުންނަށް އަހަރެންމީ ޖާދޫގަރެއްކަން އެނގުމަށް ބޭނުންވޭ.

ޓީވީއެމްގެ “ހޭޔަންބޯ” ގައި ރާއްޕެ

ނިންމައިލަމުން، މުނިއަވަސްއާ މެދު ބުނެލާނީ ކީކޭ؟
މުނިއަވަސް އިން ޚަބަރު ފެތުރުމުގަ ކުރަމުން ތިޔަ ގެންދަނީ ވަރަށް ރަނގަޅު މަސައްކަތެއް، މުނިއަވަސް ކިޔުމަށް ރިކޮމެންޑްކުރަން. މުނިއަވަސް އިތުރަށް ފުޅާވެ، ކޮންމެވެސް ދުވަހަކުން ތީގެ ޓީވީ ޗެނަލެއް އޮންނަތަން ވެސް ދެކެން ބޭނުން. މުނިއަވަސް އަށް އަބަދުވެސް ކާމިޔާބަށް އެދެން.

މުނިއަވަސްއާ މެދު ރާއްޕެގެ ތިޔަ ބަސްކޮޅަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. މުނިއަވަސް އިން އެދެނީ ރާއްޕެގެ ހުވަފެންތަކުގައި ކުލަޖެހި ރާއްޕެ ބޭނުންވާ ފަދަ މަޝްހޫރު އަދި މަޤްބޫލު ޖާދޫގަރަކަށް ވުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.