މުނިއަވަސް ރަހަފަތުގައި މިފަހަަރު މިގެނެސްދެނީ ވަރަށް މީރު ފޮނިކާއެއްޗެއްގެ ރަހަފަތެކެވެ. ފަސޭހަކަމާއެކު ގޭގައި ތައްޔާރުކޮށްލެވޭނެ “ޗުއްރޯސް” ހަދާނެ ގޮތް މި ގެނެސްދެނީ ‘ދަ ކުކިން ފުޑީ‘ ޔޫޓިއުބް ޗެނަލްގައި ގެނެސްދީފައިވާ ގޮތަށެވެ.

ބޭނުންވާނެ ތަކެތި:
– 1 ޖޯޑު (240 އެމްއެލް) ފެން
– 1 ޖޯޑު (125 ގްރާމް) ގޮދަން ފުށް
– 1 ސްޓިކް ބަޓަރ
– 2 މޭޒުމަތީސަމުސާ ހަކުރު + 1/4 ޖޯޑު ހަކުރު، ކޯޓިންގ އަށް
– 3 ކުކުޅު ބިސް
– 1/4 ސައިސަމުސާ ލޮނު
– ތެޔޮ
– 1 ސައިސަމުސާ މުގުރި ފޮނިތޮށި

ޗޮކްލެޓް ސޯސްއަށް:-
– 200 ގްރާމް ޑާކް ޗޮކްލެޓް
– 1 ޖޯޑް ހެވީ ކްރީމް

ތައްޔާރުކުރާނެ ގޮތް:
1- ކުޑަ ތަވައެއް، މަޑު ގިނީގައި ހޫނުކޮށް، އޭގެ ތެރެއަށް ފެން، 2 މޭޒުމަތީ ސަމުސާ ހަކުރު، ލޮނު އަދި ބަޓަރު އަޅައި އެއްކުރަމުން ކައްކާލާށެވެ. ކެކެން ފެށުމުން އުނދުނުގެ ގިނި މަޑުކޮށްލައި އޭގެ ތެރެއަށް ފުށް އަޅައި އޮލަވަންދެން (ގާތްގަނޑަކަށް މިނެޓެއް ވާންދެން) ހަލުވާށެވެ.

2- ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ރަނގަޅު ޕޭސްޓަކަށް ވަންދެން އެއްކޮށްލާށެވެ. އެއަށްފަހު، ސްޓާ ނޮޒްލްއެއް ޖަހާފައިވާ ޕޭސްޓްރީ ބޭގެއްގެ ތެރެއަށް ޕޭސްޓްގަނޑު އަޅާށެވެ.

3- ތަންކޮޅެއް ފުން ތަވައެއްގައި ނުވަތަ ތިލަ ތާހެއްގައި 365 ފެރަންހައިޓަށް (180 ޑިގްރީ ސެލްސިއަސް) އަށް ތެޔޮ ހޫނުކުރާށެވެ. ތައްޔާރުކޮށްފައިވާ ޕޭސްޓުން ތެޔޮގަނޑުގެ ތެރެއަށް ފާދަލަމުން ޕޭސްޓްގަނޑު އަޅާށެވެ. ރަތް ވަންދެން ޗުރޯސް ސްޓިކްތައް ތެލުލާށެވެ. އެއަށްފަހު ތެލުން ނަގައި ކަރުދާސް ގަނޑެއް މަތީގައި ބަހައްޓާށެވެ.

4- ހޯދާފައި ހުރި ހަކުރުން 1/4 ޖޯޑު ހަކުރާއި 1 ސައިސަމުސާ މުގުރި ފޮނިތޮށި އެއްކޮށްލާށެވެ. ތެލުލާފައި ހުރި ޗުއްރޯސް ސްޓިކްތައް ފޮނިތޮށި-ހަކުރު މިސްކްޗަރ ތެރޭގައި ރޯލްކޮށްލާށެވެ.

5- ޗޮކްލެޓް ސޯސް: ހެވީ ކްރީމް ހޫނުކޮށްލައި، ޑާކް ޗޮކްލެޓްގެ މައްޗަށް އޮއްސާލާށެވެ. މިނެޓެއް ވަރު ބެހެއްޓުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– ޗޮކްލެޓް ސޯސް އާއި ޖަހައިގެން ޗުއްރޯސް ފަރިއްކުޅުއްވާށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.