ސިފައިންގެ ޚިދުމަތުގައި 27 އަހަރާއި 1 މަހާއި 24 ދުވަސް މަސައްކަތްޕުޅު ކުރައްވާފައިވާ ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތު އަކީ ސިފައިންގޭގެ ރަށުތެރެ ބަލަހައްޓާ 1 ނަންބަރު ސަރުދާރެވެ. ޤައުމުގެ އަމަން އަމާންކަން ބެލެހެއްޓުމަކީ އޭރު ޝަހީދު ސަރޖަންޓް ކުޑަތުއްތުގެ އެންމެ އިސް ވާޖިބެވެ. ނަމަވެސް 1988 ނޮވެމްބަރު 3 ވަނަ ދުވަހަކީ ކުޑަތުއްތުގެ ލޯބިވާ ދަރިންނާއި އާއިލާއަށް އަދި މުޅި ޤައުމަށްވެސް ހިތާމަވެރި ހިތްދަތި ދުވަހަކަށް ވިއެވެ.

އެހެން ދުވަސްތަކެކޭ އެއްފަދައިން ޒޯން ޑިއުޓީގައި މެދުޒިޔާރަތްމަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ތަމަޅަ ބާޣީން ދިން ބަޑީގެ ހަމަލާއިން ވަޒަން އަރައިގެން މަތިވެރި ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވި ހިތާމަވެރި ދުވަހެވެ. ކުޑަތުއްތު ޝަހީދުވެގެން ވެއްޓިވަޑައިގެންނެވީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތްމަގަށެވެ.

ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތު

ކުޑަތުއްތު ޝަހީދުވި އިރު، އަންބަކާއި 7 ދަރިން ދުނިޔޭގައި ތިއްބެވިއެވެ. މި ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާ އަކީ ހ. ކައުސްލިޕް މަރިޔަމް ހަބީބާއައި ކައިވެނި ބައްލަވައިގެން ކުޑަތުއްތުއަށް ލިބިލެއްވި 4 ދަރިންގެެ ތެރެެއިން ދެވަނަ ދަރިފުޅެވެ. އޭރު ސަނާގެ އުމުރުން އެންމެ 5 އަހަރެވެ. ބައްޕަ ޝަހީދުވި ޚަބަރު ލިބުމާއެކު ސަނާގެ މުޅި އާއިލާއަށް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. މުޅި އާއިލާ ނިކަމެތިވެ ބިކަވެގެން ދިޔައެވެ. ދިރިއުޅުނު ގެއިން ނިކުންނަން ޖެހި ފަޤީރު ހާލުގައި އުޅެން ޖެހުނު ދުވަސްތައް ހަނދާންވެ ފެންކަޅިވެހުރެ ސަނާ ކިޔައިދެމުން ދިޔައެވެ.

ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތު

”ބައްޕައަކީ ވަރަށް ހިތްހެޔޮ އެންމެނާ ގުޅޭ ވަރަށް ސަމާސާ މީހެއް. ބައްޕަ ޝަހީދުވުމުގެ ކުރިން މުޅި އާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައި. އޭރު ބައްޕަ ރައްޓެއްސެއްގެ ގެއަށް ދިޔަޔަސް ދާނީ ގިނަ ފަހަރަށް އަޅުގަނޑު ގޮވައިގެން. އަޅުގަނޑުމެން ދެކެ ބައްޕަ އިންތިހާއަށް ލޯބިވޭ. އެކަމަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި އާއިލާއާއި ބައްޕަ ވަކިވެގެން ދިޔަ، އެ ދުވަހަކީ ދުވަހަކުވެސް ހިތުން ފިލައިގެންދާނެ ދުވަހެއް ނޫން” ސަނާ ފެންކަޅިވެ އިނދެ ކިޔައިދެމުންދިޔައެވެ.

ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތު

ސްކޫލު ދައުރު ނިންމާލުމަށްފަހު 2000 މެއި 25 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާއި ގުޅުނެވެ. ނަމަވެސް ސިފައިންގެ ތަމްރީނުގެ ވާހަކަ ދެއްކުމުން ކުޑަކޮށް ޖެހިލުވި ނަމަވެސް އޭރު ސިފައިންގެ ބޭކަލުންނަށް ސަނާ އަކީ ޝަހީދު ކުޑައާދަމްގެ ކުޑަތުއްތުގެ ދަރިއެއްކަން އެނގުމުން ބައްޕަ ފަދައިން ޤައުމީ ޚިދުމަތުގައި ދެމިހުރުމަށް އެބޭކަލުން އެދި ލެއްވިއެވެ. އަދި ބައްޕަ ފަދައިން ޤާބިލް ކެރޭ ދަރިއަކަށް ވުމަށް ހިތްވަރު ދެއްވިއެވެ. އެ ދުވަހު އެ ދެއްވި ހިތްވަރުން އިތުރަށް ބައްޕަގެ ހަނދާންތައް އާވެގެން ދިޔައެވެ. އަދި ކެރިގެން ކުރިމަތިލައިފިނަމަ ކާމިޔާބު ލިބޭނެކަމަށް ބަލައި ސިފައިންގެ ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ޚިދުމަތާއި ގުޅި ޕޮލިސް ހެޑްކުއަރޓަރޒްގެ ކޮންޓްރޯލް ރޫމުގައި މަސައްކަތަށް ނިކުތެވެ. އަދި ފުލުހުންގެ ޚިދުމަތަށް އެދޭ ރައްޔިތުންގެ އަޑުތައް ފޯނުން އައްސަވައި ޖަވާބުދާރީވަމުން ގެންދެވިއެވެ. އެއީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާ ފުލުހުންގެ ޚިދުމަތުގައި އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތެވެ. އެއަށްފަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮޕަރޭޝަން ދާއިރާގައި ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ދިނުމުގައި ދެމިހުންނެވިއެވެ.

އާމިނަތު ސަނާ

މީގެ އިތުރުން ޕޮލިސް އެކަޑަމީން ހިނގާ ރެކްރޫޓް ޓްރޭނިންގ ކޯސްތަކުގައި މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މިހާރުވެސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓްގައި މަސައްކަތްކުރައްވަމުން ގެންދަވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާ ވަނީ ޕޮލިސް ރެކްރޫޓް ޓްރޭނިންގ ކޯސް 11، 12، 13 އަދި 19 ވަނަ ބެޗްގެ މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާ އަކީ ހިތްވަރުގަދަ ކަނބަލެކެވެ. ބައްޕަ ފަދައިން ކުރާކަމެއް ފަސްނުޖެހި ކުރުމަށް އަޒުމް ކަނޑައަޅައިގެން ހުންނެވި ފުލުހެކެވެ. މިގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑު-19 ގެ ބިރުވެރިކަމުން ރާއްޖެ ސަލާމަތްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ހިނިތުންވުމާއެކު ސަނާ ވެސް މަސައްކަތްކުރަމުން ގެންދެވިއެވެ. ވަކިން ޚާއްޞަކޮށް ކޮވިޑު-19 އާއި ގުޅިގެން ދަރުބާރުގޭގައި ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ސެންޓަރުގައި ކުރަންޖެހޭ ލީގަލް މަސައްކަތްތައް ކުރުމުގައި ރެއާއި ދުވާލު އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދެވިއެވެ. ލިބިފައިވާ ތުއްތު 3 ދަރިންގެ ހައްޤުގައި ޤައުމު އިސްކޮށް، ޤައުމަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކަމުންނެވެ.

އާމިނަތު ސަނާ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާ މިއަދު ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސްް ކެތްތެރިކަމާއި ސާބިތުކަމާއެކު މަސައްކަތްކޮށްފި މީހަކަށް ކާމިޔާބުގެ އައްސޭރިއަށް ވާޞިލް ވެވިދާނެކަމެވެ.

ޤައުމަށް ދިމާވާ ކޮންމެ ކާރިސާއަކާއި ކުރިމަތިލަނީވެސް ސަނާގެ ލޯބިވާ ބައްޕަ (ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތު) ޤައުމަށް ވެލެއްވި ޤުރުބާނީގެ ހަނދާންތަކާއި އެކުގައެވެ. ޝަހީދުވި އެ ބައްޕަ ދެއްވި ތަރުބިއްޔަތާއި އެކުގައެވެ. ޚާއްޞަކޮށް ކޮންމެ ނޮވެމްބަރު މަހެއްގެ 3 ވަނަ ދުވަހަކީ އެ ބައްޕަގެ ހަނދާން އާވާ ދުވަހެއްކަމަށް ސަނާ ފާހަގަކުރައްވައެވެ.

“ނަމަވެސް ބައެއް ފަހަރު ބައްޕަގެ ވީޑިއޯއެއް ނުވަތަ ފޮޓޯ އެއް ޓީވީއަކުން ދައްކަމުންދާނަމަ ވަރަށް އަސަރުކުރޭ، ހިތުގައި ޖެހި ދެރަވެގެން ރޮވޭ،” މިއީ މިއަދުވެސް ސަނާގެ ދިރިއުޅުމުގެ ހާލަތެވެ. ނަމަވެސް އެ ބައްޕަ ފަދައިން ސަނާ މިއަދު ނިކުމެ އެ ހުންނެވީ ޤައުމީ ޚިދުމަތުގައެވެ. އާދެ! ފަޚުރުވެރި ދިވެހި ފުލުހެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އައިމިނަތު ސަނާގެ ލޯބިވާ ބައްޕާފުޅު، ޝަހީދު ސަރޖަންޓް ކުޑައާދަމްގެ ކުޑަތުއްތުއަށާއި ނޮވެމްބަރު 3 ގައި ޝަހީދުވެ ދިޔަ ޤައުމީ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.

އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.