ކޮންމެ ހަފުތާއަކުވެސް ނެރޭ އިންޑިއާގެ އެންމެ މަޤުބޫލު ޓީވީ ޝޯވތަކުގެ އެއްވަނަ މަޤާމުއަނޫޕާމާއިން ދަމަހައްޓައިފިއެވެ. މިއީ އެ ލިސްޓުގެ އެއްވަނައިގައި އަނޫޕާމާ އޮންނަތާ ފަސްވަނަ ހަފުތާއެވެ. މިހާ ހިސާބުން މިބަލައިލަނީ މި ލިސްޓުގެ ގަދަ 5 ޝޯވއަށެވެ.

1. އަނޫޕާމާ

ލިސްޓުގެ އެއްވަނައިގައި އޮތީ ރުޕާލީ ގާންގޫލީ ލީޑް ރޯލު ކުޅޭ ސްޓާ ޕްލަސްގެއަނޫޕާމާއެވެ. ބެލުންތެރިންގެ ވަރަށްބޮޑު ތަރުހީބެއް މި ޝޯވއަށް ލިބެމުން އާދެއެވެ.

މިހާރު މި ޝޯވގައި އަނޫޕާމާގެ ޙަޔާތުގެ މުޅިން އާ ދަތުރެއް ދައްކަމުން ދާއިރު އޭނާ ދިރިއުޅެމުންދަނީ ވަކިންނެވެ. އަދި އޭނާގެ ދަރިންގެ ފަރާތުން އާ ކަންތައްތައް ދަސްކުރެއެވެ. އޭނާގެ ފިރިމީހާ ވަންރާޖްދެކެ މިހާރު ބިރެއްނުގަނެއެވެ. އަދި ވަންރާޖްގެ ކުށްތައް އޭނާއަށް އިހުސާސް ކުރުވައެވެ. އަނޫޕާމާގެ ޙަޔާތަށް މިއައި އާ ބަދަލުތަކާއެކު މިޝޯވގެ އޯޑިއެންސް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

ލިސްޓުގެ އެއްވަނައިގައި އަނޫޕާމާ އޮތީ 3.4 މިލިއަން އިމްޕްރެޝަންއާ އެކުގައެވެ.

2. ކުންޑަލީ ބާގްޔާ

ދީރަޖް ދޫޕަރްއާއި ޝްރައްދާ އާރްޔާގެ ކުންޑަލީ ބާގްޔާ އަނެއްކާވެސް ދެވަނައަށް އަރައިފިއެވެ. ވޭތުވެ ދިޔަ ހަފުތާގައިމި ޝޯވ އޮތީ ލިސްޓުގެ ތިންވަނައިގައެވެ.

މިހާރު މި ޝޯވގައި ކަރަންގެ ޙަޔާތަށް މާހިރާ އައިސް ޕްރީތާއާއި ކަރަން ދުރުކުރަން މަސައްކަތް ކުރެއެވެ. ކަރަން ހާސިލްކުރަން މާހިރާ މަސައްކަތްކުރާއިރު ކަރަން އާއި ޕްރީތާ ދުވަހެއް ދުވަހަކަށް ގާތްވަމުން ދެއެވެ.

2.9 މިލިއަން އިމްޕްރެޝަނާއެކު ކުންޑަލީ ބާގްޔާ އޮތީ ދެވަނައިގައެވެ.

3. ކުމްކުމް ބާގްޔާ

ވޭތުވެދިޔަ ހަފުތާއަށް ބަލާއިރު ކުމްކުމް ބާގްޔާގެ ރޭޓިންގ ވަނީ މައްޗަށް ޖެހިލާފައެވެ. އޭގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަބީ އާއި ޕްރަތިގްޔާ އަލުން ގުޅުމަށެވެ. ފެށުނީއްސުރެ އަބީ އާއި ޕްރަތިގްޔާ އުޅެނީ ވަކިންނެވެ. އެންމެފަހުން ދެމީހުންގުޅުނުއިރު ޚާއްސަ ކަމަކީ އެމީހުންގެ ދެ އަންހެން ދަރީންނާއިވެސް ގުޅުނުކަމެވެ.

މި ޝޯވއަށް ލިބިފައިވަނީ 2.5 މިލިއަން އިމްޕްރެޝަންއެވެ.

4. އިންޑިއާސް ބެސްޓް ޑާންސާ

ވޭތުވެދިޔަ ހަފުތާގައި ދެވަނައިގައި އޮތް އިންޑިއާސް ބެސްޓް ޑާންސާ މިހަފުތާގައި ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. ޝޯވގެ ގަދަ 5 ހޮވައި އަންނަ އާދީއްތަ ދުވަހުގެ ރޭ ފައިނަލް ގެނެސްދޭން ވަނީ ނިންމާފައެވެ.

ގަދަ ފަހެއްގައި ހިމެނެނީ ޓައިގަރ ޕޮޕް އަދި ވަރްތިކާ ޖާ، ޝުބްރަނީލް ޕޯލް އަދި ޕަންކަޖް ތާޕާ، މުކުލް ގެއިން އަދިޕްރަތީކް އުޓޭކަރް، ޕަރަމްދީޕް ސިންގ އަދި އަނޫރާދާ އިޔެންގަރްގެ އިތުރުން ޝުވޭތާ ވޯރިއާރ އަދި ބާވްނާކަންޑޫޖާއެވެ.

ފާހަގަކޮށްލެވޭ ކަމަކީ މިއީ އިންޑިއާގެ ރިއަލިޓީ ޝޯވތަކުގެ ތެރެއިން ގަދަ ފަހަކުން ޖާގަ ލިބުނު ހަމައެކަނި ޝޯވކަމެވެ.

މި ޝޯވއަށް މިހަފުތާގައި ލިބިފައިވަނީ 2.2 މިލިއަން އިމްޕްރެޝަންއެވެ.

5. ޔޭ ހޭ ޗާހަތޭން

އަބްރާރް ޤާޒީއާއި ސަރްގުން ލުތުރާ ލީޑް ރޯލް ކުޅޭޔޭ ހޭ ޗާހަތޭންއަށް ލިސްޓުގެ ފަސްވަނަ ލިބުނުއިރު މިއީ ކުރިން ސްޓާ ޕްލަސްއިން ގެނެސްދިންޔޭ ހޭ މޮހައްބަތޭންގެ ސްޕިންއޮފް ޝޯވއެވެ.

ޔޭ ހޭ ޗާހަތޭންގައި ކިޔައިދެނީ ޕްރީޝާ އޭނާގެ މަރުވެފައިވާ ދައްތަ، ވަސޫދާގެ ފިރިހެން ދަރިފުޅު ބަލައި ބޮޑުކުރާ ގޮތުގެވާހަކައެވެ.

މި ޝޯވއަށް ލިބުނީ 2.1 މިލިއަން އިމްޕްރެޝަންއެވެ.

މަޤުބޫލު ޝޯވތަކުންބިގް ބޮސް 14″ އާއިނާގިން 5″ އަށް ވަނީ ގަދަ ފަހަކުން ޖާގަ ލިބޭގޮތް ނުވެފައެވެ. ބިގްބޮސްގެ ރޭޓިންސްއަށް މާބޮޑު ބަދަލެއް ނާންނައިރުނާގިން 5″ގެ ރޭޓިންސް ވަނީ މިދިޔަ ހަފުތާއަށް ވުރެ ރަނގަޅުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.