ދޮންކޭލާއި ކިރު އެއްކޮށްގެން ތައްޔާރުކުރާ މިލްކްޝޭކާއި ސްމޫތީ ފަދަ ބުއިންތަކަކީ ހިތްއެދޭ ބުއިންތަކެކެވެ. ޒަމާންތަކެއް ވަންދެން އަހަރެމެންނަށް ބުނެދީފައި އޮންނަނީ ދޮންކޭލާއި ކިރަކީ ސިއްހަތަށް ފައިދާހުރި އެކުލެވުމެއް ކަމަށެވެ. ދޮންކޭލާއި ކިރު އެއްކޮށްގެން ކާނާ ތައްޔާރު ކުރާނަމަ، މިވަގުތަކީ އިހަށް އެކަން ކުރުން ހުއްޓާލާފައި އެކަމާމެދު ސިއްހީ ނަޒަރަކުން ވިސްނާލަންވީ ވަގުތެވެ.

ދޮންކޭލާއި ކިރު ހިމަނައިގެން އުފައްދާ ކާބޯތަކެއްޗަކީ ކެއުމަށް ވަރުހުންނަ މީހުންގެ މެދުގައި މަގުބޫލު ކެއުމެކެވެ. ވަރަށްގިނަ ސިއްހީ މާހިރުން އެއްބަސްވާ ގޮތުގައި މި ދެ ކާނާއަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި ކެލްސިއަމް އާއި ޕޮޓޭސިއަމް އާއި ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސް ލިއްބައިދޭ ކާނާއެކެވެ. މި ދޭތި އެއްކޮށްގެން އުފައްދާ ބުއިމަކާމެދު ވިސްނާލާއިރު އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ މިލްކްޝޭކެވެ.

ގިނަ ދިރާސާތަކަކުން ދައްކާގޮތުގައި މި ދެކާނާ އެއްކޮށްގެން ބޭނުންކުރުމަކީ ހަޖަމުގެ ނިޒާމުގައި ޚަލަލެއް އުފައްދާނޭ ކަމެކެވެ. މި ދެ ކާނާ އެއްކުރުމުން، ހަކީމީ ބޭސްވެރިކަމުގައި ބެލެވެނީ، ފުރިހަމަނުވާ ނުވަތަ މިންހެޔޮ ކަމެއް ނެތް ކެއުމެއްގެ ގޮތުގައެވެ.

އަޔުވޭދާ ނުވަތަ އިންޑިޔާގެ ހަކީމީ ބޭސްވެރިކަމުގެ ފޮތްތަކުގައި ބުނާގޮތުން ކޮންމެ ކާއެއްޗަކީ ހަޖަމު ކުރުމުގެ ނިޒާމަށް ހެޔޮ ނުވަތަ ނުބައި އަސަރެއް ކުރުވާނެ ކާނާއެކެވެ. ދޮންކޭލާއި ކިރު އެއްކޮށްގެން ބޭނުންކުރުމަކީ ހަޖަމުގެ ނިޒާމަށް ނުބައި އަސަރެއް ކުރާނޭ ކަމެއްކަމަށާއި ސައިނަސް ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހުށަހެޅި، ހުންއައިސް ކެއްސުން ފަދަ ބަލިތަކެއް ޖެހިދާނޭ ކަމެއް ކަމަށް ހަކީމީ ފޮތްތައް ބުނެއެވެ. ދޮންކެޔޮ ނޫނަސް އެހެނިހެން ބައެއް މޭވާއާ ކިރު އެއްކުރުމުން މިފަދަ ގެއްލުންތަކެއް ވެދާނޭކަމަށްވެސް ބުނެއެވެ.

ދޮންކޭލާއި ކިރަކީ ހަށިގަނޑު ފިނިކޮށްދޭ ދެ ކާނާއެވެ. ނަމަވެސް މި ދޭތި އެއްވުމުން ހަޖަމުގެ ނިޒާމަށް ބުރޫ އަރައެވެ. ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުންނާއި ސައިނަސް ހުންނަ މީހުން މި ދެ ބާވަތް އެއްކޮށްގެން ކެއުމަކީ ބަލި ބޮޑުވާނޭ ކަމެކެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު މި ދެ ކާނާ އެއްކޮށްގެން ކެއުމަކީ ނުރައްކާތެރި ކަމެކެވެ. ނަމަވެސް މިއީ އެއްނުކޮށް ވަކިވަކިން ދުރުމިނެއް ބަހައްޓައިގެން ކާން ވަރަށް ރަނގަޅު ދެ ކާނާއެވެ. މައިމީހާއާއި ދަރިފުޅަށްވެސް މެއެވެ.

ބައިނަލްއަގްވާމީ ވިޔަނަވަރު* ސިއްހަތާބެހޭ މަރުކަޒުގެ ގައިނޯކޮލޮޖިސްޓް ޑރ. ރީޓާ ބަކްޝީ ބުނާގޮތުން މި ދެ ކާނާ އެއްކުރުމުން ހަށިގަނޑުގައި ވިހަ އުފެދި، އެލާޖިކްވެ އިންފެކްޝަން އުފެދެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި ބޭނުންވާ ވަރަށްވުރެ ކެލަރީ ގިނަވެ، ހަށިގަނޑު ފަލަވެ ބަރުހެލިވެއެވެ. ސިއްހީ މައްސަލަތަކުން ސަލާމަތްވެ ހުރުމަށް، މާބަނޑު ދުވަސްވަރު މި ދެ ކާނާ އެއްކޮށްގެން ނުކެއުމަށް ލަފާދެއެވެ. މީގެ އިތުރުން ނޭފަތް ބެދުމާއި ހުންއައުމާއި ކެއްސުމާއި ފިތްނެގުމާއި ހޮޑުލެވުމާއި ބޭރަށް ހިންގުމަކީވެސް މެދުވެރިވެދާނޭ ކަންކަމެވެ.

ދޮންކޭލާއި ކިރަކީ ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށާއި ދިފާއީ ނިޒާމު ވަރުގަދަކުރަން މުހިންމު ދެކާނާއެވެ. ނަމަވެސް މައްސަލައަކީ މިދެކާނާ އެއްކޮށްގެން ކެއުމެވެ. ވަކިވަކިން ދެ އިރެއްގައި މި ދެ ކާނާ ކެއުމަކީ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެކެވެ.

*ވިޔަނަވަރު = ދަރިމައިވުމުގެ

ލިޔުމުގެމަސްދަރު އަދި ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.