ފިލްމު އުފެއްދުމާއި އެކްޓިން ކިޔަވައިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ އަދަދު، އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުވާނެއެވެ. ނަމަވެސް ފިލްމު “ނަތީޖާ”އިން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށި މުޙަމައްދު ރަޝީދު (ދަރާ) އަކީ މި ދާއިރާގެ އިލްމާއި ތަމްރީނާއި އަދި ތަޖުރިބާ ލިބިފައިވާ ހުނަރުވެރި ކެމެރާމަނެކެވެ. ހުނަރުވެރި އެކްޓަރެކެވެ. ހުނަރުވެރި ޑައިރެކްޓަރެކެވެ. މި ފަންނު އުނގަންނައިދޭ މުދައްރިބެކެވެ.

މިމަހު 10 ވަނަ ދުވަހަކީ ރާއްޖޭގެ މަސްވެރިންނަށް މުހިންމު ދުވަހެކެވެ. ކަނޑުމަސް ކައި އުޅޭ ދިވެހީންނަށްވެސް މުހިންމު ދުވަހެކެވެ. ނަމަވެސް މުޙަމައްދު ރަޝީދު (ދަރާ) އަށް މި ދުވަސް ވަރަށް ތަފާތެވެ. ވަރަށް ޚާއްޞައެވެ. ދިވެހި ފިލްމު އިންޑަސްޓްރީގައިވެސް މިއީ ފާހަގަކޮށްލަން ޖެހޭ ދުވަހެއްކަމަށް ‘މުނިއަވަސް’ އިން ހަމަ ގައިމުވެސް ޤަބޫލުކުރަމެވެ.

ހަޔާތެއްގެ 40 އަހަރު، އެއް ކަމަކަށް ހޭދަކޮށްލުމަކީ ކުޑަކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް މީޑިއާ އާއި މުނިއަވަސްފިލުވައިދިނުމުގެ ދާއިރާގައި ސާބިތުކަމާއެކު 40 އަހަރު ހޭދަކޮށްލެވުމަކީ އެކަމަށް ހުންނަ ޝައުޤާއި މަސައްކަތަކަށް ނުވަތަ ފަންނަށް ކަމޭހިތާ މިންވަރު ކިތައްމެހާވެސް ރަނގަޅަށް ހާމަވާ ކަމެކެވެ.

ދަރާ ރަޝީދު ފިލްމީ ދާއިރާއަށް ވަނީ މީގެ 40 އަހަރު ކުރިންނެވެ. އޭރު ރަޝީދުގެ އުމުރަކީ އެންމެ 18 އަހަރެވެ. ރަޝީދު އޭރު ވަޒީފާ އަދާކުރަމުން ދިޔަ ޓެލެވިޛަން މޯލްޑިވްސްްގެެ އަހަރީ ދުވަހަށް ހެދި ފިލްމަކުން ފިލްމީ ދާއިރާއަށް ނުކުތީ ފިލްމު “ނަތީޖާ” އިންނެވެ. “ނަތީޖާ” އިން ފެށި މަސައްކަތުގެ ‘ނަތީޖާ’ ވެސް ކިތަންމެހާވެސް ފޮންޏެވެ. ދިވެހި ފިލްމު އެވޯޑްސް 9 ގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބިގެން ދިއުންވީ ދަރާގެ މަސައްކަތުގެ ފޮނި ‘ނަތީޖާ’ ލިބުނު ދުވަހަކަށެވެ.

‘ދިވެހި ފިލްމު އެވޯޑްސް 9″ ގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ރައީސްގެ އަތްޕުޅުން ރަޝީދު ހަވާލުވަނީ – ފޮޓޯ: ރައީސް އޮފީސް

ރަޝީދަކީ ހުނަރުވެރި ކެމެރާމަނެއްގެ އިތުރުން ޑައިރެކްޓަރެއްވެސް މެއެވެ. 1982 ގައި ޓެލެވިޛަން މޯލްޑިވްސް އިން އުފެއްދި ފިލްމު ”އޯކިޑް އޭނާގެ މާ“ އަކީ ރަޝީދުގެ ފިލްމުތަކުން ފާހަގަކޮށްލެވޭ އެއް ފިލްމެވެ. އެ ފިލްމުގެ ”އަންގައި ދޭށޭ އަދުވީ..“ އަކީ އަދިވެސް އެ ލަވަ އަޑުއިވުމުން ލޭ ކެކޭފަދަ މަޝްހޫރު ލަވައެކެވެ.

ރަޝީދުގެ ފިލްމީ ހަޔާތުގައި މިއަދާ ހަމައަށް 32 އަށްވުރެން ގިނަ ފީޗާ ފިލްމު ކުޅެފިއެވެ. މީގެ އިތުރުން ގިނަ ވީޑިއޯ ލަވަތަކެއްގައި ރަޝީދު މަސައްކަތްކޮށްފައި ވެއެވެ. ފިލްމު ”އިތުބާރު“، ”ލޭކަރުނަ“، ”ޔޫސުފް އެންޑް ޒައިނަބު“، ”ޗުއްޓީ“، ”ފިދާ“، ”އިޚްތިޔާރު“، އަދި ”އޯކިޑް އޭނާގެ މާ“ އަކީ ދަރާ ރަޝީދުގެ ފާހަގަކޮށްލެވޭ ފިލްމުތަކުން މަދު ފިލްމުތަކެކެވެ. ފަހުގެ ފިލްމުތަކަށް ބަލައިލާއިރު، “ހައްދު”، “ލުދިފާ” އަދި “ބަވަތި” އަކީވެސް ދަރާ ފެނިފައިވާ ފިލްމުތަކެކެވެ.

މުޙައްމަދު ރަޝީދު

ދަރާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ސަޒާ” އާއި “ކަނޑުރޯދި”، “އޯކިޑް އޭނާގެ މާ”، “އިޚްތިޔާރު”، “ޔޫސުފް އެންޑް ޒައިނަބް”، “ފިދާ”، “އިތުބާރު”، “ޗުއްޓީ”، “ލޭކަރުނަ” ހިމެނެ އެވެ.

ފިލްމީ ދާއިރާއިން މަތީ ތަޢުލީމު ހޯދައިގެން ހުރި ދަރާ ރަޝީދުއަށް ލިބިފައިވާ ކާމިޔާބުތަކަށް ބަލައިލާއިރު ފިލްމު ”ހަގު އަނބި“ ގައި އޭނާ ކޮށްފައިވާ ކެމެރާ މަސައްކަތަށް 1996 ވަަނަ އަހަރު އެންމެ މޮޅު ކެމެރާމަން އެވޯޑް ލިބިފައިވެއެވެ. މީގެ އިތުރުން ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމަކަށް ވެސް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް ލިބިފައިވެއެވެ.

ސަރުކާރުން ދެއްވާ ގައުމީ އިނާމު، ދަރާ ރަޝީދަށް ލިބުނީ 2005 ގައެވެ. ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފިލްމު އެސޯސިއޭޝަނުން ދިން އެވޯޑް 2015 ގައި ލިބިފައި ވެއެވެ.

ދަރާ ރަޝީދަކީ މާސްޓާސް ޑިޕްލޮމާއިން ވިޝުއަލް ކޮމިއުނިކޭޝަން، ޑިޕްލޮމާއިން އެކްޓިން އެންޑް ޕްރެޒެންޓޭޝަން، ޑިޕްލޮމާއިން ކެމެރާ އެންޑް ލައިޓިން ޓެކްނިކްސް، ޑިޕްލޮމާއިން އެޑިޓިން އެންޑް ސައުންޑް ރެކޯޑިން، ޑިޕްލޮމާއިން ފިލްމް ޑައިރެކްޓިން، ޑިޕްލޮމާއިން މޯޝަން ޕިކްޗަރ ފޮޓޯގްރަފީ ހަދާފައިވާ ފަންނާނެކެވެ.

’ދަރާ ޕްރޮޑަކްޝަން‘ގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަނެއް ރަޝީދު ހިންގަމުން އަންނައިރު، އިންޑިޔާގެ ޑެއްލީ އަށް ނިސްބަތްވާ ފިލްމުހަދާ ފަންނާނުންނާއި ގުޅިގެން މިވަގުތުވެސް ރަޝީދު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ތިން ފީޗާ ފިލްމެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންކަން ފާހަގަކޮށްލެވެއެވެ.

ސާޅީސް އަހަރަށް ފަހުވެސް، ދަރާ ރަޝީދު ހުރީ މި ދާއިރާއިން ދުރަށްދާ ޚިޔާލުގައެއް ނޫނެވެ. މިހާރުވެސް އެތަކެއް ޕްރޮޖެކްޓްތަކެއްގައި އެކި ގޮތްގޮތުން އޭނާ އަންނަނީ ދިވެހިން މުނިއަވަސްފިލުވައިދިނުމުގައި ހިއްސާވަމުންނެވެ.

ދަރާ ރަޝީދުގެ ބައެއް ކާމިޔާަބީތަކުގެ އުސްއަލިތައް

– 1996: އެންމެ މޮޅު ކެމެރާމަންގެ އެވޯޑް
– ގްލޯބަލް ޓީވީ ޗެނަލްއިން ތައްޔާރުކުރި ޑޮކިއުމަންޓްރީ ފިލްމަކަށް ވެސް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް
– 2005: ސަރުކާރުން ދެއްވާ ގައުމީ އިނާމު
– 2015: ޚިދުމަތުގެ އަގުވަޒަންކޮށް ފިލްމު އެސޯސިއޭޝަންގެ އެވޯޑް
– 2019: ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.