ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އާ ވެބް ސީރީޒް ”ހުވާކޮށްފާ ބުނަން” މިރޭ 09:00 ގައި ބައިސްކޯފުން ދައްކަން ފަށާނެއެވެ. މި ސީރީޒް ދައްކާނީ ކޮންމެ ހަފުތާާއެއްގެ އާދީއްތަ ދުވަހުގެ ރޭގައެވެ.

ހުވާކޮށްފާ ބުނަން“ އަކީ ޔޫއްޕެގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ’ޔޫއްޕެ ޕްރޮޑަކްޝަންސް’ގެ އަލަތު ސީރީޒެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ އައްޔަ)ގެ ކެމެރާކުރުމާއި ޕޯސްޓްޕްރޮޑަކްޝަން އެކުލެވޭ ”ހުވާކޮށްފާ ބުނަންް“ އަކީ އަސަރުގަދަ ލޯބީގެ ކަންތައްތަކެއް ފެނިގެންދާނެ، އަދި މުޖުތަމަޢުގައި ހުރި މުހިންމު މައްސަލަތަކަކަށް އަލިއަޅުވާލައި ގެނެސްދޭ ދިގު ސީރީޒެކެވެ. އެގޮތުން މީގައި ތިން ސީޒަން ހިމެނޭނެއެވެ. ކޮންމެ ސީޒަންއެއްގައި 26 އެޕިސޯޑް ހިމެނޭނެއެވެ.

ސީރީޒްގެ މައިގަނޑު ތަރިންނަކީ އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.

ލޯތްބާއި އިޖުތިމާއީ މައްސަލަތަކެއް ދައްކުވައިދޭ މި ސީރީޒަށް އަލަށް އިތުރުކުރި ތަރިންގެ ތެރޭގައި މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢުގެ އިތުރުން ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ.

ހުވާކޮށްފާ ބުނަން“ގައި އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ’ޔޫއްޕެ ސްޓައިލްގެ ކޮމެޑީ‘ މަންޒަރުތަކަކާއެކު ލޯބީގެ ކަންތައްތަކެއް ދައްކުވައިދެއެވެ. އެގޮތުން ޔޫއްޕެގެ ކާމިޔާބު އުފެއްދުންތައް ކަމަށްވާ ”ބައިވެރިޔާ“، ”ނޯޓީ ފޯޓީ“ އަދި ”ފޯޓީ ޕްލަސް“ގެ ފީލްގެ މަންޒަރުތައް މި ސީރީޒުން ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.