ވެބް ސީރީޒްތައް އިތުރަށް ވަރުގަދަ ކުރުމަށް ޚާއްޞަ މެހެމާނުންގެ ގޮތުގައި ވަރުގަދަ ތަރިން ހިމަނަމުން އައުމަކީ ފިލްމީދާއިރާގައި އައުކަމެއް ނޫނެވެ. އެގޮތުން މީޑިއާނެޓް އޮރިޖިނަލްސް އިން ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ސިޓްކޮމް “ރޫމީ އާ ޖަންނަތުު”ގެ ކުރިއަށް ހުރި އެޕިސޯޑްތަކުން ޚާއްޞަ ތަރިން ފެނިގެންދާނެކަން މިހާރު މިވަނީ އެނގިފައެވެ. އެގޮތުން މިހާތަނަށް ދެއްކި ބައެއް އެޕިސޯޑްތަކުން ވެސް ބައެއް މެހެމާނުން ފެނިފައިވެއެވެ.

ސިޓްކޮމް “ރޫމީ އާ ޖަންނަތުު”ގެ ކުރިއަށް ހުރި އެޕިސޯޑުތަކުން މަޝްހޫރު ފިލްމީ ތަރި އަޙްމަދު ގިޔާސް އާއި މަރްޔަމް ޝިފާ ވެސް ފެނިގެންދާނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ފޭސްބްކްގައި ހާމަކޮށްފައި ވެއެވެ.

ފިލްމީ ތަރި އަޙްމަދު ގިޔާސް އަކީ ނެށުމުގެ ހުނަރުވެރިކަމުގެ އިތުރުން އެކްޓިންއަށް ވެސް މޮޅު، ލިޖެންޑަރީ ތަރިއެކެވެ. ޓެލެވިޛަން މޯލްޑިވްސް އިން ދެއްކި ބައެއް ސީރީޒްތަކުން ގިޔާސް ފެނިފައިވެއެވެ. އޭގެ އިތުރުން މިއަދުވެސް ދިވެހިންގެ މެދުގައި މަޤުބޫލުކަން ހިފެހެއްޓިފައިވާ ގިނަ އަދަދެއްގެ ދިވެހި ލަވަތަކުގައި ގިޔާސް ހަރަކާތްތެރިވެފައިވެއެވެ.

މަރްޔަމް ޝިފާ އަކީ މިވަގުތު އަލިގަދަކޮށް ފިޔަޖަހަމުން އަންނަ ހުނަރުވެރި ތަރިއެކެވެ. ހިތްގައިމު ‘ލުކެއް’ ހުރުމުގެ އިތުރުން ޝިފާގެ ސިފައާއި އޭނާގެ އަދާތައް، ފިލްމީ ދާއިރާގައި ގިޔާސްގެ ރަންދައުރުގެ އެންމެ ގާތް އެކްޓްރެސް ޢާއިޝަތު ޝިރާނީގެ އަދާތަކާއި ވައްތަރުކަން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ. ޝިފާގެ އެކްޓިންގެ ފެންވަރު ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނައިރު، މިހާރު ބައިސްކޯފުން ދައްކާ ސީރީޒެއްގައި އޭނާ ކޮށްފައިވާ އެކްޓިން އާއި އެންމެފަހުން އޭނާ ފެނިގެންދިޔަ ވީޑިއޯ ލަވައިން ޝިފާގެ އެކްޓިން ފެނިފައިވަނީ ވަރަށް ވެސް ފުރިހަމައަށް ކަން ފާހަގަކޮށްލެވެއެވެ.

ކޮންމެއަކަސް، ސިޓްކޮމް “ރޫމީ އާ ޖަންނަތުު”ގައި ގިޔާސް އާއި ޝިފާ ފެނިގެންދާނީ ޚާއްޞަ ފެނިލުމަކުންނެވެ. ކޮންކަހަލަ ބަޔަކުންކަން ނޭނގުނަސް، އެނގޭ ކަމަކީ މިވަރުގެ ދެ ތަރިން އާދައިގެ ގޮތެއްގައި ފެނިގެން ނުދާނެކަމެވެ. އެކަން ޑާކް ރެއިން އިން އާއްމުކޮށްފައިވާ ޝިފާގެ ފޮޓޯއިން އެ ފެންނަ ހިތްގައިމުކަމުންވެސް އެނގެއެވެ.

ރޫމީ އާ ޖަންނަތުު”ގެ އައު އެޕިސޯޑެއް ކޮންމެ ހުކުރުވިލޭރޭ ސުންގަޑި ސުންމިނެޓްގައި މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕުން ބަލައިލެވޭނެއެވެ. ކުރިއަށް އޮތީ އަށްވަނަ އެޕިސޯޑެވެ. މިއީ ކަންތައްތަކެއް ހާމަވެގެންދާނެ ވަރުގަ އެޕިސޯޑަކަށް ވެގެންދާނެ އެޕިސޯޑެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.