ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމު “މަރްޔަމް”ގެ ފަސްޓުލުކެއް މިއަދު އާއްމުކޮށްފިއެވެ. ފަސްޓްލުކް އާއްމުކުރަމުން މީޑިއާނެޓުން ބުނީ މި ފިލްމ ވަރަށް އަވަހަށް މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕަށް އަންނާާނެ ކަމަށެވެ.

އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގ ކަންތައްތަކެއް ފެނިގެންދާ ފިލްމު “މަރްޔަމް” އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ.

މަޝްހޫރު ސްކްރީން ރައިޓަރ އަދި ޑައިރެކްޝަންއަށް ނުކުމުފައިވާ އަޙްމަދު ޒަރީރުގެ ’އެއް ކާފު ޕްރޮޑަކްޝަންސް‘ އިން އުފައްދާފައިވާ ފިލްމު “މަރްޔަމް” ޑައިރެކްޓްކޮށް ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. މި ފިލްމުގައި މަޖޫ ކުޅެފައިވާ ރޯލާއި މެދު މުނިއަވަސް އަށް ކަނޑި ބުނީ މަޖޫގެ ފެންވަރު ރަނގަޅު ތަފާތު އެކްޓިންއެއް “މަރްޔަމް”ގައި ފެންނާނެ ކަމަށެވެ.

ފިލްމު ”މަރްޔަމް“ގައި މަރްޔަމް މަޖްދާ ފެނިގެންދާނީ މީގެ ކުރިން އޭނާ ކުޅެފައިވާ އެއްވެސް ފިލްމެއްގައި ދައްކާފައި ނުވާފަދަ އެކްޓިންއެކެވެ. އެހެންކަމުން މި ފިލްމަކީ މަޖޫގެ ފިލްމީ ކެރިއަރގައި ވަރަށް މުހިންމު އަދި ތާރީޚީ މަސައްކަތެކެވެ. މިއީ ޑާކް ރެއިންގެ އުފެއްދުމެއްގައި ނޫންގޮތަށް މަޖޫ ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ.

މުނިއަވަސް އަށް މަޖޫ ބުނެފައިވަނީ މި ފިލްމުގައި މަޖޫގެ ބެސްޓް ދައްކާފައިވާނެ ކަމަށާއި ދައްކާފައިވާ އެކްޓިން ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

”މި ފިލްމުގައި ތަފާތު ވާނެ ދެއްކިފަ އިންނަ އެކްޓިން.“ ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ ގެނެސްދޭ ފިލްމުގައި މަޖޫ ކުޅެފައިވާ ރޯލާމެދު ބުންޏެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ މަޖޫގެ އިތުރުން މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދުއެވެ. މި ފިލްމުގައި ސަޢީދުގެ ވަރުގަދަ އަދި ތަފާތު އެކްޓިންއެއް ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންގެ ތެރޭގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ފިލްމު “މަރްޔަމް”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ’އޯކޭޒް‘ އިންނެވެ.

ފިލްމު “މަރްޔަމް” މީޑިއާނެޓްގެ ޚާއްޞަ އެޕްލިކޭޝަނުން ދެއްކުމަށް ނިންމާފައިވުމުން މިހާރު ފިލްމުގެ ޕްރޮމޯޝަންގެ ހުރިހައި މަސައްކަތެއް ކުރަމުން ގެންދަނީ މީޑިއާނެޓުންނެވެ.

މި ފިލްމު ޝޫޓްކުރީ މާލެއާއި މުލަކުގައެވެ.

ފިލްމު “މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި ފަރާާތްތަކުން ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ.

ފިލްމު “މަރަޔްމްް”ގެ ފަސްޓްލުކް ޕޯސްޓަރ – ފޮޓޯ: އެއްކާފް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.