♩♪♫♬ ކައިވެނީގެ އަމާޒުމަކުގައި ވާ ހަގީގަތަކީ ކޮބާ
ރާވަމުންދާ ރޭވުމަށް އެއަރާ ބުރޫތަކަކީ ކޮބާ ♬♫♪♩
♩♪♫♬ އިންސާފެއް ލޯބީގާ ނެތޭ، ކެހިވެރި މި ދުނިޔޭގާ
ރޯލާ، ރޯލާ އޮވެދާނަން އަނދިރީގާ ♬♫♪♩

މިއީ ހަމަ ގައިމުވެސް، ދިވެހި ލަވަ އަޑުއެހުންތެރިއެއް ނަމަ، މިއަދުވެސް ކަންފަތުގައި ހަރުލާފައި ހުންނާނެ ދެ ލަވައިގެ ތަންކޮޅެކެވެ. ހިތްގައިމު އަމިއްލަ ރާގުގެ ދެ ލަވައެކެވެ. ކިތައްމެ ވަރަކަށް އަޑުއެހިޔަސް ފޫހިވުމެއް ނެތްފަދަ ދެ ރާގެކެވެ. 250އަށް ވުރެންވެސް ގިނަ އަދަދެއްގެ މިފަދަ ފުރިހަމަ އަމިއްލަ ރާގުތަކެއް އުފައްދާފައިވަނީ ޝަރަފުވެރި ދިވެހި މޫސީގާރެކެވެ.

ދިވެހި މިއުޒިކީ ޖައްވަށް ހިތްގައިމު އަމިއްލަ ރާގުތަކެއް އުފަންކުރުވަމުން އަންނަ، މި ފަންނުގެ އެންމެ ކުރީގައި އުޅޭ ފަންނާނަކީ ދިވެހި މިއުޒިކީ ލިޖެންޑް ޢަބްދުލް ހަންނާން މޫސާދީދީ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އޭރުވެސް، އަދި މިހާރުވެސް ދިވެހީންނަށް އެންމެ ކަމުދާ ސްޓައިލްގެ ރާގުތައް އުފައްދަމުން އަންނަ ފަންނާނަކީވެސް ހަންނާނު އެވެ.

ރާއްޖޭގެ ލެޖެންޑަތީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާނާން މޫސާ ދީދީ

ހަންނާން އަކީ ފުރިހަމަ މިއުޒީޝަނެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހައި އުންސުރުތަކެއް ހުރި ފަންނާނެކެވެ. އަމިއްލަ ރާގު އުފައްދައެވެ. ޅެންހަދައެވެ. މިއުޒިކް އިންސްޓްރޫމެންޓް ކުޅެއެވެ. ދިވެހި މިއުޒިކީ ސިނާޢަތަށް އެންމެ ގިނަ ހިދުމަތް ކޮށްދީފައިވާ އަދި ޚިދުމަތްކުރަމުން އަންނަ ފަންނާނުންގެ އެންމެ ކުރީ ސަފުގައި ހަންނާން ހިމެނޭނެއެވެ.

ދާދިފަހުން އިވިގެން، ފެނިގެން ދިޔަ “މިސް ވެޔޭ” ލަވައަކީވެސް ހަންނާންގެ އަމިއްލަ ރާގުގެ އަމިއްލަ ލަވައެކެވެ. ދިވެހި  މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން ހަންނާން މިސްނުވާހާ މިންވަރަށް، ހަންނާން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި ހިތްގައިމު ރާގުތަކަކާއެކު ހަންނާނުގެ “ކަރަންޓިއުންސް”ގެ އަމިއްލަ ރާގުތަކެއް، މިވަގުތު ލަންކާގައި ދިރިއުޅެމުން ވެސް ހިއްސާކުރަން ފަށާފައިވެއެވެ.

ހަންނާންގެ ފޭސްބްކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ދާދިފަހުން މިވަނީ “ކަރަންޓިއުންސް ބައި ހަންނާނު”ގެ ގޮތުގައި ހަންނާން ފާހަގަކުރާ ލަވަތަކެއްގެ ތެރެއިން ހިތްގައިމު ލަވައެއް އާއްމުންނަށް ދޫކޮށްލާފައެވެ.

“ކަރަންޓިއުންސް ބައި ހަންނާނު”ގެ އިތުރު މަޢުލޫމާތުތައް ހޯދައިލުމަށް މުނިއަވަސް އިން ހަންނާނާ ވާހަކަދައްކައިލީމެވެ.

“ކަރަންޓިއުންސް”ގެ ދަށުން ކިތަކެއް އަމިއްލަ ރާގު ހަދާފަވާނެތޯ؟

މިދިޔަ އަހަރުގެ ތެރޭގައި އައި ލޮކްޑައުންގައި ގާތްގަނޑަކަށް 29 ރާގު އުފައްދާ، ގާތްގަނޑަކަށް ހުރިހާ ރާގެއްގެ ޅެން ވެސް މިވަނީ ނިންމާފަ.

ހަންނާންގެ ރާގުތަކަކީ އެ ރާގުތައް އަހައިލުމަށް ދިވެހީންގެ ކަންފަތްތައް އަބަދުވެސް އެދިއެދި ތިބޭ ރާގުތަކެއް. އެހެންވީމާ “ކަރަންޓިއުންސް”ގެ ދަށުން ތިޔަ އުފެއްދި ލަވަތައް އެހުންތެރިންނަށް އިވިގެންދާނީ ކޮން އިރަކުން އަދި ކޮން ގޮތަކަށްތޯ؟
މިހާރު ކަންތައްތައް ހުރި ގޮތުން އަދި އެއްވެސް ލަވައެއްގެ ރެކޯޑިންގ ހެދުމަށް މިވަނީ ވަރަށް ދަތިވެފަ. އެހެންވެ އާންމުންނަށް ލަވަތައް އިވުން އަސްލު ލަސްވެދާނެ. އެހެންނަމަވެސް އާންމުންނަށް ކޮންމެވެސް ގޮތަކަށް މި ރާގުތައް ހިއްސާކޮށްލުމުގެ ގޮތުން ކޮންމެ ލަވައެއްވެސް ކުރުގޮތަކަަށް ނަމަވެސް ގެނެސްދެވޭތޯ މިބަލަނީ. އެގޮތުން މިއަދު މިކަން ކުރެވެން އޮތް ޒަރިއްޔާއަކީ ސޯޝަލް މީޑިއާ ކަމަށްވާތީ އަޅުގަނޑުގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖްގައި “ކަރަންޓިއުންސް ބައި ހަންނާނު” ގެ ނަމުގައި ހިއްސާ ކުރަމުން ގެންދާނަން.

ހަންނާން މިހާތަނަށް ހަދާފައިވާ އަމިއްލަ ރާގުގެ އަދަދަކީ ކޮބާ؟
އަސްލު އެސްޓިމޭޓެއް ބުނަން މިވަގު ވަރަށް ދަތި. އެއީ އަޅުގަނޑު ރާގު އުފައްދަން ފެށީ 1970 ގެ ފަހުކޮޅު. އަބަދުވެސް އަމިއްލަ ރާގު އުފެއްދުމަށް ވަރަށް ޝައުގުވެރިކަންހުރޭ. އޭރުން ފެށިގެން ގިނަ ރާގު ތަކެއް ގިނަ ފިލްމްތަކަކަށް، ޓީ.ވީ.މޯލްޑިވްސް ޑްރާމާތައް، އެކި ފަރާތްތަކުގެ އޯޑިއޯ އަލްބަތަކުގެ އިތުރުން ގިނަ އަދަދެއްގެ ރާގު ގައުމީ އެކި މުނާސަބަތުތަކަށާއި، ސްކޫލް ލަވަ މުބާރާތަކަށްވެސް ވާނީ އުފައްދާފަ. މާފަހުން ލަވަތައް ހަނދާންކޮށްގެން ލިސްޓް ކުރަން ފެށުނީ. ކިތަންމެ ލަވައެއް ހަނދާން ނެތި ލިސްޓް ނުކޮށްވެސް ހުރި.

ނަމަވަސް ރާގު އުފެއްދުމުގައި ފަޚުރުވެރިވާ ދެކަމެއް ހިއްސާކޮށްލާނަން. އެއީ ދިވެހިރާއްޖޭގެ މިނިވަން 25 މުނާސަބުތުގެ ރަސްމީ ލަވަަ “މިނިވަން 25، ދިވެހިންނަށް އައީ”، މިލަވަ އުފެއްދުމަށް ފުރުސަތު ލިބިގެން ދިޔުން. އަދި ހެދިފައިވާ ރާގުތައް ހަނދާންވި ވަރަކަށް ލިސްޓްކުރަމުން އައިސް، އަޅުގަނޑުގެ 100 ވަނަ ރާގު ރިލީސް ކުރެވުނީ 2000 ވަނަ އަހަރުގައި އަހްމަދު ނިމާލުގެ ފިލްމު “ޒަލްޒަލާ” އިން “ހުންނަންވީހޭ މިޚިޔާލުގާ” މިލަވައިން. މިފަދަ ކުޑަ ގައުމެއްގައި އަދި ކުޑަ އިންޑަސްޓްރީއެއްގައި އަޅުގަނޑުވެގެން ދިޔައީ 100 އަމިއްލަ ރާގު އުފެއްދި ފުރަތަމަ ދިވެހި ފަރާތް ކަމަށް. މިއީ އޭރު ކުޑަ އަދަދެއްކަމުގައި ވިޔަަސް، އެކަން ހާސިލް ކުރެވުނު ފުރަތަމަ ފަރާތްކަމަަށް ވެގެންދިޔަ ކަމީ، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އެއް ފަޚުރު. އަދި އެ ލަވަ އަޅުގަނޑަށް އިތުރަށް ޙާއްސަ ވާ އަނެއްސަބަބަކީ އެ ލަވައިގެ ޅެން ހެދީ އަޅުގަނޑުގެ އަންހެނުން، ފީރޯޒު އަސްތު ކަމަށްވާތީ. ދެން މީގެ ފަހުންވެސް، މެދުކެނޑުމެއް ނެތި މި އަންނަނީ އަމިއްލަ އުފެއްދުމުގެ މަސައްކަތް ކުރަމުން. ތަފާތު ގިނަ ރާގުތައް އުފައްދާ، އެކި ރާގުތައް ވާނީ އެކި އެކި ލަވަކިޔުންތެރިން ވެސް ކިޔާފަ.
ވީމާ، އަޅުގަނޑަށް ބޮޑަށް ލަފާ ކުރެވެނީ 250 އަށް ވުރެ މަދު ނޫން އަދަދަކަށް ރާގު ހެދިފާ ވާނޭ ކަމަށް.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.