މީޑިއާނެޓް އޮރިޖިނަލްސް އެއްގެ ގޮތުގައި މީޑިއާ ނެޓް މަލްޓި ސްކްރީން އެޕްލިކޭޝަނުން ގެނެސްދިނުމަށް ތައްޔާރުކުރާ ވެބް ސީރީޒް “ނަފްސު” ގެ ޝޫޓިން ތ. ކިނބިދޫގައި ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

“ނަފްސު” މިއީ އަރަމުން އަންނަ ފިލްމީ ތަރި އަދި ފިލްމު “ދެވަންސޫރަ”ގެ އެއް ޕްރޮޑިއުސަރ ޢަލީ ޝަޒްލީމްގެ ޕްރޮޑަކްޝަން ހައުސް ‘އައިލެންޑް ޕިކްޗަރޒް’ގެ ފުރަތަމަ ފިލްމީ މަސައްކަތެވެ. މި ސީރީޒްގެ ޝޫޓިން ތ. ކިނބިދޫގައި ކުރިއަށްދާތާ ހަފުތާއެއް ވެއްޖެކަމަށް ސީރީޒްގެ ޑައިރެކްޓަރ ޢަލީ ޝަޒްލީމް މުނިއަވަސް އަށް މިއަދު ބުންޏެވެ.

މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ “ނަފްސު” ވެބް ސީރީޒަކީ ސަސްޕެންސް ތުރިލާއެކެވެ. ސީރީޒްގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންނަކީ މަޝްހޫރު ފިލްމީ ތަރި އަޙްމަދު ސަޢީދު، މަރްޔަމް ޝިފާ، ޝަކީލާ އާދަމް (ޝަކިއްތަ)ގެ އިތުރުން ޢަލީ ޝަޒްލީމް އާއި ހަމްދާން ފާރޫޤް އެވެ.

ސީރީޒްގެ ޝޫޓިން ކުރިއަށްދާ ގޮތާމެދު ޝަޒްލީމް ބުނީ އެމީހުން ޝޫޓްކުރަމުން ދަނީ ކަރަންޓީނުގައި ތިބެގެން ކަމަށާ، އެހެންވެ ކަރަންޓީނުގެ މުއްދަތުގައި ޝޫޓްކުރަމުން އަންނަނީ އިންޑޯ މަންޒަރުތައް ކަމަށެވެ.

“އަޅުގަނޑުމެން ކަރަންޓީނުވެފަ މިތިބީ ޝޫޓްކުރާ ލޮކޭޝަންގަ ހުރިހާ ކާސްޓުންނާ އެކީގަ. އެހެންވީމަ އަޅުގަނޑުމެން ކަރަންޓީނު ހަމަވަން ވާއިރަށް އިންޑޯ މި ނިންމާލަނީ، ހުރިހާ އިންޑޯ ސީންތަކެއް.” ޢަލީ ޝަޒްލީމް، ހަމައެކަނި މުނިއަވަސް އަށް ދިން ބަސްދީގަތުމެއްގައި ބުންޏެވެ.

މި ސީރީޒް ކެމެރާކުރަނީ ޑޮކިއުމެންޓްރީ ފިލްމާއި ފޯޓޯ ޝޫޓިންގެ ތަޖުރިބާތަކެއް ލިބިފައިވާ ޒުވާން ކެމެރާމަން އިބްރާހިމް މިސްތާހް އެވެ. މިއީ މިސްތާހްގެ ވެސް މިފަދަ ފުރަތަމަ ފިލްމީ މަސައްކަތެކެވެ.

ވެބް ސީރީޒް “ނަފްސު”ގެ ޕްރޮޑިއުސަރަކީ ފިލްމު “ހަތަރު ހަޅަ”ގެ ޕްރޮޑިއުސަރ އަދި އެވޯޑް ހޯދާފައިވާ މިއުޒިކް ކޮމްޕޯސަރ މުޙައްމަދު ފުއާދު (ފޯރޑް)އެވެ.

ޖުމުލަ 10 އެޕިސޯޑްގެ މި ސީރީޒް ދައްކަން އަމާޒު ހިފާފައިވަނީ އަންނަ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާތެރޭގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.