އެކްޓަރ/ސިނަމޮޓޮގްރާފަރ މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ‘ދަރާ ޕްރޮޑަކްޝަން’ އާއި އިންޑިޔާ ގެ ޕްރޮޑަކްޝަން ހައުސް އެއް ގުޅިގެން ފިލްމާއި ލަވަ އުފެއްދުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދަރާ ރަޝީދު ބުނެފި އެވެ.

މިހާތަނަށް 30 އަށް ވުރެ ގިނަ ފިލްމު ކުޅެ، ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރީންގެ ހިތްތަކާއި ކުޅެލި ކުޅަދާނަ އެކްޓަރު މުހައްމަދު ރަޝީދު ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އާއި އިންޑިޔާ ގެ ނިއުދިއްލީ ގެ ޕްރޮޑަކްޝަން ހައުސް އެއްކަމަށްވާ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި ގުޅިގެން ވީޑިއޯ ލަވަ އަލްބަމަކާއި ވެބް ސީރީޒެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމައި އެ މަސައްކަތް ފަށާފައިވާކަމަށް ރަޝީދު ބުންޏެވެ.

ޓެލެވިޒަން ޕްރޮޑަކްޝަންގެ ދާއިރާއިންނާއި، މޯޝަން ޕިކްޗަރ ފޮޓޯ ގްރަފީގެ ދާއިރާއިން އިންޑިޔާގައި، ދަރާ ރަޝީދު ޑިޕްލޮމާ ޙާޞިލް ކުރި އިރު އެކުގައި ކިޔަވަން އުޅުނު ހަރްޝް އާނަންދު ނިސްބަތްވާ ޕްރޮޑަކްޝަން ސްޓޫޑިއޯ ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އާއި އެކުގައި މަސައްކަތް ފަށާފައިމިވަނީ މިކަމަކީ އެމީހުން އެކުގައި ކިޔަވަން އުޅުނު އިރުން ފެށިގެން އުއްމީދު ކުރަމުން އައި ކަމަކަށް ވާތީ ކަމަށް ރަޝީދު ބުންޏެވެ.

“އަހަރެމެންގެ އަބަދުވެސް ޑްރީމެއް އެއީ ދެމީހުން އެކުގައި މަސައްކަތެއް ކުރުން. ދެން ރާއްޖެއާއި އިންޑިޔާ އާ ދެބައި ގުޅިގެން މަސައްކަތްތަކެއް ކުރުން.”

ދަރާ ޕްރޮޑަކްޝަން އާއި ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ ގުޅިގެން ޕްރޮޑިއުސްކޮށް އުފައްދާ ‘ސިކްސްޓީނައިން އޮޕޮސިޓް އެޓްރެކްޓް’ ގެ ވެބްސީރީޒެއް ގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ދަރާ ރަޝީދު އާއި ހަރްޝް އާނަންދު ގުޅިގެން އުފައްދާ ވީޑިއޯ އަލްބަމެއްގެ ހަތް ލަވައިގެ ޝޫޓިން ގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިން ‘ކައިސޭ ކަޓޭ’ ގެ ނަމުގައި އެޑީ ސިންހް އާއި ޖަގްތިންދަރް ސިންހް ކިޔާފައިވާ ލަވައިގެ ރަސްމީ ޕޯސްޓްރު ނެރުމުގެ ރަސްމިއްޔާތުވެސް މިމަހުގެ ފަސްވަނަ ދުވަހު ވަނީ ނިއުދިއްލީގައި ބާއްވާފަ އެވެ.

ދަރާ ޕްރޮޑަކްޝަން އާއި ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ ގުޅިގެން  ޕްރޮޑިއުސްކޮށް އުފައްދާ ވީޑިއޯ އަލްބަމް ގެ އިތުރު ފަސް ލަވައެއް ޝޫޓް ކުރުމުގެ މަސައްކަތް ޖެނުއަރީ 28 ގައި ރާއްޖޭގައި ކުރުމަށް ނިންމާފައި ވާކަމަށް ވެސް ރަޝީދު މަޢުލޫމާތު ދެއެވެ.

“މީގެ ތެރެއިން ދެ ލަވަ ރަޝީދު މިހަދަނީ ދިވެހިން ލައްވާ މިއުޒިކްވެސް، ލިރިކްސްވެސް. ދިވެހިން ލައްވާ މި ލަވަތައް ކިޔުއްވަނީވެސް ހިންދީ ބަހުން. މި އަލްބަމްގައި ހިމެނޭ ހަތް ލަވައަކީވެސް ހިންދީ ލަވަ. ދެން މީގެ ތެރެއިން ދެ ލަވައިގެ ހުރިހައި މަސައްކަތެއްވެސް މި ކުރުވަނީ ދިވެހިން ލައްވާ.” ރަޝީދު ބުނީ އެ ދެލަވައިގެ ރެކޯޑިން އާއި ކޮމްޕޯސް ކުރުންވެސް ކުރިއަށްގެންދާނީ ރާއްޖޭގައި ކަމަށެވެ. ރަޝީދު އިތުރަށް ބުނީ އެ ލަވަ ތަކުގެ ވީޑިއޯގައި ހަރަކާތްތެރިވާނީ އިންޑިޔާ އިން ގެންނަ ތަރިންނާއި ދިވެހި ތަރިން މިކްސްކޮށްގެން ކަަމަށެވެ.

ކައިސޭ ކަޓޭ ލަވައިގެ ޕޯސްޓަރު ނެރުމަށް ނިއުދިއްލީގައި ބޭއްވިއިވެންޓްގެ ތެރެއިން

“ޖެނުއަރީ 28 ގަ އަންނާނެ ތިން އެކްޓަރުން. ދެ އެކްޓަރާއި އެއް އެކްޓްރެސް އެއް އަންނާނީ. ދެން ރާއްޖެއިން އަހަރުމެން މި ނަގަނީ އެކްޓަރަކާއި އެކްޓްރެސް އެއް. ޝޫޓް ކުރާނީ އެމީހުން މިކްސްކޮށްލައިގެން. އެއީ އިންޑިޔާ އެކްޓަރާއި އެކު ރާއްޖޭގެ އެކްޓްރެސް އެއް ލައިގެން ނުވަތަ އިންޑިޔާ އެކްޓްރެސް އާއި އެކު ރާއްޖޭގެ އެކްޓަރެއް ލައިގެން.”

ރަޝީދު ބުނީ ލަވަތަކުގެ ކެމެރާ މަސައްކަތް ކުރާނީ ދަރާ ޕްރޮޑަކްޝަން އިން ކަމަށާއި އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ގެ މަސައްކަތް ތައް ކުރުމަށް ހަމަޖެހިފައިވަނީ ނިއުދިއްލީ ގައި ކަމަށެވެ.

ދެ ސްޓޫޑިއޯ ގުޅިގެން ޝޫޓިން އެއްގެ މަސައްކަތް ކުރަނީ – ފޮޓޯ: ދަރާ ޕްރޮޑަކްޝަން

މި އަލްބަމް ގައި ހިމެނޭ މުހިންމު އެއްލަވައިގެ ޕޯސްޓަރު މި މަހު ފަހެއްގައި ނެރެފައިވާއިރު ކޮންމެ ލަވައަކަށްވެސް ވަކިން ޕޯސްޓަރެއް ތައްރާރުކޮށް ނެރުމަށް ނިންމާފައިވާކަމަށް ވެސް ރަޝީދު ބުންޏެވެ.

ދަރާ ޕްރޮޑަކްޝަން އާއި ‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ ގެ މި ވީޑިއޯ އަލްބަމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޑިޔާގެ ނިއުދިއްލީގަ އެވެ. ނަމަވެސް އޭގެ ރިލީޒިން އެއް ރާއްޖޭގައި ހަމަ އެތާރީޚްގައި ބޭއްވުމަށްވެސް ރާވަމުން އަންނަ ކަމަށް ދަރާ ބުންޏެވެ.

ސްޗެތާ އާނަންދު އަދި ހަރްޝް އާނަންދު އާއިއެކު ދަރާ ރަޝީދު – ފޮޓޯ: ދަރާ ޕްރޮޑަކްޝަން

‘ސެންސޭޝަން މީޑިއާ އެންޑް އާޓްސް ޕްރައިވެޓް ލިމިޓެޑް’ އަކީ އިންޑިޔާގެ އާދިއްލީގައި ނަންހިނގާ ކުންފުންޏެކެވެ. މި ކުންފުނީގެ ޑިރެކްޓަރުންނަށް ބަލައިލާއިރު ސްޗެތާ އާނަންދަކީ ފިލްމު ޕްރޮޑިއުސަރެއް ގެ އިތުރުން މަޝްހޫރު މެގަޒިން އެއް ކަމަށްވާ ‘ދަ ބޮލީވުޑް ފޭސަސް’ ގެ މެނޭޖިން އެޑިޓަރެވެ. ފިލްމު ‘ލަވް އޯރް ރާޖްނީތީ’ އާއި ‘ކައޯ ޕިޔޯ މަސްތު ރަހޯ’ އަކީ އޭނާގެ އުފެއްދުންތަކެވެ. މީގެ އިތުރުން ހަރްޝް އާނަންދަކީ ފިލްމު ޑައިރެކްޓަރެކެވެ. އޭނާ ވަނީ ކޮމެޑީ، ޑްރާމާ، ސިޔާސީ، އެނިމޭޝަން، ސްޕިރިޗުއަލް އަދި އިޖްތިމާއީ ގޮތުން ހޭލުންތެރި ކުރުވުމުގެ ގޮތުންވެސް ފިލްމުތައް އުފައްދާފަ އެވެ. އިންޓަނޭޝަނަލް ބޮޖްޕޫރީ ފިލްމު އެވޯޑުން އޭނާ ވަނީ ބެސްޓް ޑެބިއު ޑައިރެކްޓަރ އެވޯޑް ހާސިލްކޮށްފަ އެވެ. މި ކުންފުނީގެ ފައުންޑަރަކީ އަނިލް އާނަންދު އެވެ. މި ކުންފުންޏަކީ ފިލްމު އުފެއްދުމުގެ އިތުރުން އާޓްގެ ދާއިރާގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކެއް އެމީހުންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ރަޝީދު ބުނީ ބޭރު ބަޔަކާއިއެކު މިފަދަ ޕްރޮޖެކްޓް ތަކެއްގައި ‘ދަރާ ޕްރޮޑަކްޝަން’ އިން ހިއްސާވުމުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ ރީތިކަން ބޭރުގެ ޤައުމުތަކަށް އިތުރަށް އިޝްތިހާރު ކޮށް ދެއްކުމަށާއި ދިވެހި ފަންނާނުންގެ ހުނަރުވެރިކަން ރާއްޖޭގެ ހަފޮޅުން ބޭރުވެ، ބޭރުގައުމުތަކުގެ އުފެއްދުން ތަކުން ދިވެހިންނަށް ފުރުޞަތު ހުޅުވައިލުމަށް މަގުފަހިކުރުމަށް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.