ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު، ކަނޑިފަރު ދާއިރާގައި ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މެންބަރެއް އިންތިޚާބުކުރުމުގެ ފޯރިގަދަ ކެންޕޭނެވެ. މި ކެންޕޭނުގެ ފޯރި މިހާރު މިވަނީ އެންމެ ގަދަވެފައެވެ. މިމަހުގެ 08 ވަނަ ދުވަހުގެ ރެއަކީ އިންތިޚާބުގެ ފޯރިއާއި ނަތީޖާ ފެނިގެންދާނެ ރެއެވެ.

އިންތިޚާބުގެ ފޯރިގަދަ މި ދަނޑިވަޅުގައި އެއްކާފް ޕްރޮޑަކްޝަން އާއި އޯކޭޒް އިންކް އިން އުފައްދާފައިވާ މީޑިއާނެޓްގެ ފުރަތަމަ އޮރިޖިނަލް ފީޗާ ފިލްމު “މަރްޔަމް“ގެ މޯޝަން ޕޯސްޓަރެއް މިހާރު ވަނީ ނެރެފައެވެ.

އިބްރާހިމް ވިސާން (ކަނޑި) ޑައިރެކްޓްކޮށް ކެމެރާކޮށްފައިވާ ފިލްމު “މަރްޔަމް“ގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ޒަރީރު އެވެ.

މަރްޔަމް“ އަކީ ހުނަރުވެރި ފިލްމީ ތަރި މަރްޔަމް މަޖުދާ (މަޖޫ) ވަރުގަދަ ސިޔާސީ ރޯލަކުން ފެނިގެންދާ ސިޔާސީ ފިލްމެކެވެ. އާދައިގެ އަންހެނަކު އޭނާ ހިމެނޭ ދާއިރާގެ މެންބަރެއްގެ ގޮނޑި ގެއްލުވައިލުމަށް ކުރާ ދަތުރުގެ ކަންތައްތަކެއް ފެނިގެންދާ ފިލްމު ”މަރްޔަމް“ އަކީ ރާއްޖޭގައި އުފައްދާ މިބާވަތުގެ ފުރަތަމަ ސިޔާސީ ފިލްމަށް ވެގެންދާނެއެވެ. އެ ކެންޑިޑޭޓެއް ބަލިކުރުމަށް ”މަރްޔަމް“ ނުކުމެ ހުރީ މިހާރުވެސް ކަނޑިފަރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަދުނާން ހަލީމް އެވެ. ހަލީމްގެ ވަރުގަދަ ރޯލުން ފެނިގެންދާނީ، ދިވެހި ފިލްމީ އުދަރެހުގައި އެންމެ އުޖާލާކަމާއެކު ވިދަމުން އަންނަ ހުނަރުވެރި އެކްޓަރ އަޙްމަދު ސައީދު އެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން މަރްޔަމް މަޖްދާ އާއި އަހްމަދު ސައީދުގެ އިތުރުން ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، މުޙައްމަދު ވަޙީދު (ވައްޑެ) ފެނިގެންދާނެއެވެ.

ފިލްމު “މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.