މީގެ މަހެއްހައި ދުވަސް ކުރިން އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ން ބުނީ ވަރަށް ރަނގަޅު ވާހަކައެއްކަަމަށް މިއަދު މިއޮތީ ޤަބޫލުކުރަން ޖެހިފައެވެ. އެކަން ޤަބޫލުނުކުރާ މީހާވެސް އިޢުތިރާފުވާން ޖެހޭ ހިސާބަށް މިއަދު މިވަނީ ކަން ހިނގާފައެވެ.
އީސާ އޮންލައިން ޕޮޔެޓްރީ (އީއޯޕީ)ން ޢީސާ ޝަރީފު ބުނީ ތ. ހިރިލަންދޫން ޤައުމީ ފެންވަރުގެ ދެ ލަވަކިޔުންތެރިން ނެރޭކަމަށެވެ. އީސަ މިހެން ބުނީ “ހިތުކޭޭތަ” އަލްބަމްގެ ލަވަތައް ކިޔާފައިވާ ޙާމިދު ނިޝާން އާއި “ޤާތިލް” އަލްބަމުގެ އަޑުގެވެރިޔާ އަޙުމަދު ޝާވިން އަށް ނިސްބަތްކޮށެވެ.
މިދިޔަ މަހު 27ގައި މުޅިން އައު ދެ ލަވަކިޔުންތެރިންނާއެކު ލަވަފޮށްޓަށް އީއޯޕީން ރިލީޒްކުރި އަލަބްމަކީ “އިޢުތިރާފް” އެވެ. އެ އަލްބަމަށް ލަވަ ކިޔައިދީފައިވަނީ ތ. ހިރިލަންދުއަށް އުފަން، އުމުރުން އެންމެ 20 އަހަރުގެ ނަޔާޒް އާއި މިވަގުތު ހިރިލަންދޫ ސްކޫލުގެ ގްރޭޑް 10ގައި ތަޢުލީމު ހާސިލްކުރަމުން އަންނަ ނިހާ އެވެ. ކޮންމެއަކަސް މި އަލްބަމް ރިލީޒްކުރިތާ ބަރާާބަރު މަސްދުވަސް ވެފައިވާއިރު، ލަވަފޮށީގެ 1ވަނަ އަލްބަމަށް “އިޢުތިރާފު” ޖެހިލާފައިވާއިރު، ލަވަފޮށީގައި ހަތަރު ވަނައަށް އެންމެ ޓްރެންޑިން އާޓިސްޓުގެ ގޮތުގައި ވެސް ނަޔާޒް މިވަނީ ހިމެނިފައެވެ.
“އިޢުތިރާފު” އަލްބަމާއި ނަޔާޒުގެ އަޑު، ލަވަފޮށީގައި ގަދައަށް ހިފާލާާފައި އޮންނަތާވެސް މިވީ މަހެއްހާ ދުވަހެވެ. އަލްބަމްގެ ހުރިހާ ލަވަތަކެއްގެ ޅެންތަކަކީ މަޝްހޫރު ޅެންވެރިޔާ ޢީސާ ޝަރީފުގެ ޅެންތަކެކެވެ. މިއުޒިކް، ރެކޯޑިން އަދި މިކްސިން ހަދާފައިވަނީ ހިރިލަންދޫގައި ހުންނަ އީއޯޕީ ސްޓޫޑިއޯގައެވެ.

