ޗައިނާގެ ރޮކެޓެއްގެ ބައެއް ކޮންޓްރޯލުން ނެއްޓި، ރާއްޖެ ކައިރިއަށް ވެއްޓުމުން، ޒިންމާދާރު މިންގަނޑުތައް ނުހިފޭއްޓޭކަމަށްބުނެ ނާސާއިން ޗައިނާއަށް ފާޑު ކިޔައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ބެއިޖިން ގަޑިން ހެނދުނު 10:24 ގައެވެ. ޗައިނާގެ ލޯންގް މާރޗް 5Bގެ މިރޮކެޓްގެ ވެއްޓުނު ބައިގެ ދިގުމިނުގައި 100 މީޓަރު ހުންނާނެކަމަށް ފޮކްސް ނިއުސްއިން ބުނެއެވެ. ދުނިޔޭގެ ވައިގެ ފަށަލައަށް މިރޮކެޓްގެ ބައިތައް ވަންތަން ޖޯޑްން އާއި އޮމާން އާއި ސައުދީ ޢަރަބިއްޔާ އަށް ފެނުނު ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ޗައިނާގެ ރޮކެޓް ތަކުން ވަކިވެގެންދާ ބައިބައި ކޮންޓްރޯލް ކުރުމުގައި ޒިންމާދާރު މިންގަނޑުތައް ހިފޭއްޓުމުގައި ފެއިލް ވެފައިވާކަމަށް ނާސާގެ އެޑްމިނިސްޓްރޭޓަރ ސެނޭޓަރ ބިލް ނެލްސަންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ނެލްސަން ބުނާގޮތުގައި ރޮކެޓްތަކުން ވަކިވެގެންދާ ބައިބައިގެ މައުލޫމާތު ހާމަކުރުމަކީ ދުނިޔޭގެ ތަކެއްޗާއި މީހުން ހިރާސްތަކުން ސަލާމަތް ކުރަން ނުހަނު ބޭނުންތެރި ކަމެކެވެ. ރޮކެޓްގެ މިބައިގެ ބޮޑު ބައެއް ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމުގެ ކުރިން އަނދާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ދާއިމީ ސްޕޭސް ސްޓޭޝަން “ތިއާންހޭ” އަށް ގެންދާ މައި މޮޑިއުލް، ލޯންގް މާރޗް 5B ރޮކެޓުން 29 އޭޕްރިލްގައި އޯބިޓަށް ގެންގޮސްފައި ވެއެވެ.

ރޮކެޓްތަކުން ވަކިވާ ބައިބައި އާންމު ގޮތެއްގައި ކަނޑާ ދިމާކޮށް ދުނިޔޭގެ ވައިގެ ފަށަލައަށް ދޫކޮށްލައެވެ. މިބައިތައް އޯބިޓަކަށް ނުވަދެއެވެ.
ޗައިނާގެ ސްޕޭސް ސްޓޭޝަނަށް ތަކެތި ގެންދަން އަދިވެސް މިފަދަ 10 ދަތުރު ކުރަން ޕްލޭން ކޮށްފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.