‘ކަޒްމިކް އިންޓަނޭޝަނަލް’ އާއި ‘އައި ފިލްމްސް‘ އިން ގެނެސްދޭ ކުރު ފިލްމު “މަޒްލޫމް” ސްޕޮންސަރކުރުމަށާއި ސްޓްރީމް ކުރުމުގެ ރައިޓްސް ގަތުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުރު ފިލްމު “މަޒްލޫމް”ގެ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން ‘ކަޒްމިކް އިންޓަނޭޝަނަލް’ އަދި ‘އައި ފިލްމްސް’ގެ ފަރާތުން މަޝްހޫރު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ މި ފިލްމު ސްޓްރީމްކުރަން ގަތުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

“މިއީ ‘ކަޒްމިކް އިންޓަނޭޝަނަލް’ އާއި ‘އައި ފިލްމްސް’ އާ ދެބައިމީހުންވެގެން ހަދާ ޝޯޓެއް (ކުރު ފިލްމެއް). މީގެ އިތުރުން އެހެން ފިލްމެއްވެސް ނެރޭނެ.” އިއްލެ ބުންޏެވެ. އިއްލެ އިތުރަށް ބުނީ ރާއްޖޭގެ އޮންލައިން ޕްލެޓްފޯމުތަކަށް ފުރުޞަތު ހުޅުވާލެވިފައިވާކަމަށާ ޝަޢުޤުވެރިވާ ފަރާތްތަކުން 7775677 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށެވެ.

މިއީ ޕެންޑަމިކްގެ މި ދުވަސްކޮޅު ސްޓާރުންނަށް ވެސް ދަތިވާތީ އެކްޓަރުންނަށް ކޮންމެވެސް އެއްޗެއް ހޯދައިދިނުމުގެވެސް ބޭނުމުގައި އުފެއްދި ކުރު ފިލްމެއް ކަމަށެވެ.

45 ވަރަކަށް މިނެޓްގެ ކުރު ފިލްމު “މަޒްލޫމް”ގެ ޓީޒާއެއް އާއްމުކޮށްފައިވާއިރު، މި ޓީޒާއިން ފެނިގެންދަނީ ރޭޕްގެ ޝިކާރައަކަށް ވެފައިވާ ދެ އަންހެންްކުދިންގެ ވާހަކަތަކެއް ކިޔައިދޭ މަންޒަރުތަކެކެވެ.

މީގެ ތަރިންނަށް ބަލައިލާއިރު، ‘އައި ފިލްމްސް’ގެ ފުރަތަމަ ފިލްމު “ބަވަތި” އިން ހުނަރުވެރި އެކްޓިން އެއް ދެއްކި އެ ފިލްމުގެ ލީޑް ނުޒުހަތު ޝުޢައިބް އާއި އިފްނާޒްގެ އިތުރުން ‘އައި ފިލްމްސް’ގެ ދެވަނަ ފިލްމު “ނީނާ“ގެ ލީޑުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުޙައްމަދު (ޝިޔާ)ގެ އިތުރުން ވެބް ސީރީޒް “އެހެނަސް” އިން ތަޢާރަފްވި އަޙްމަދު ޝާރިފް ވެސް ފެނިގެންދާނެއެވެ.

ކުރު ފިލްމު “މަޒްލޫމް”ގެ މަސައްކަތަކުގެ ފަހަތުގައި ތިބީ ފިލްމު “ބަވަތި” އާއި “ނީނާ“ގެ ފުރިހަމަ މަސައްކަތްތައް ކުރި ހުނަރުވެރި ޓީމެވެ. ‘ކަޒްމިކް އިންޓަނޭޝަނަލް’ އަކީ ފިލްމީ މަސައްކަތަށް ނުކުމެފައިވާ އައު ކުންފުންޏެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.