މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ ހިތްގައިމު އަޑުން ކިޔާފައިވާ ކުރީގެ ހިތްގައިމު އޮރިޖިނަލް ދިވެހި ލަވަތަކެއްގެ ކަވަރތަކެއް ‘ލަވަފޮށި’ އެޕްލިކޭޝަންގައި ރިލީޒްކޮށްފިއެވެ.

ހުރިހައި ދިވެހި ލަވަތައް އެއް ފޮށިން އަޑުއަހައިލެވޭ ‘ލަވަފޮށި’ އެޕްލިކޭޝަންގައި މިއަދު ހަވީރު ރިލީޒްކުރި މި އަލްބަމްގައި ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފަސް ލަވަ ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މޭނާ ހައްސާނުގެ “ވެހޭ ވާރޭ ތެރެއިން”، ފާޠިމަތު ރަޢޫފުގެ “ބޭނުންވީމާ”، އިބްރާހިމް ޙަމްދީގެ “ސަހަރޯއެ މަޢާފު” އާއި “ޢާޝިޤާ”، އަޙްމަދު ޢާޠިފުގެ “ގެންދާށެ ވަޔާއޭ” ހިމެނެއެވެ.

އަލްބަމްގެ ލަވަތަކަށް ތަފާތު ދިރުމެއް، ރާފިޔަތު ހުނަރުވެރި ހުށައެޅުމުން ލިބިގެންގޮސްފައި ވެއެވެ. އެގޮތުން މޭނާ ހައްސާނުގެ “ވެހޭ ވާރޭ ތެރެއިން” ލަވަ އަޑުއަހައިލުމުން އެ އަރާ ‘ކިކް’، މާ ފުރިހަމައަށް ރާފިޔަތުގެ ހުށައެޅުމުން ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ. ދެން ހުރި ލަވަތަކުގެވެސް ތަފާތު މިއުޒިކާއި ރާފިޔަތުގެ ހުށައެޅުމުން ވަރަށް ތަފާތު ސަޅިކަމެއް ގެނެސްދީފައިވެއެވެ.

މި އަލްބަމްގެ މިއުޒިކް އެރޭންޖްކުރީ ޝާޒް ސަޢީދު އެވެ. ލައިވް ޑްރަމްސް ޖެހީ ޝާމްބެ ޝަރީފު އެވެ. ލައިވް ގިޓާ ކުލެފައިވަނީ ރާއިފް މުޙައްމަދު އެވެ.

އަލްބަމްގެ މިކްސިންގ އާއި މާސްޓަރިން ހެދީ މުޙައްމަދު އިކްރާމް އެވެ. އަލްބަމް ރެކޯޑްކުރީ ‘ޓައިމް އެކެޑަމީ އޮފް ޕާރފޯމިން އާޓްސް’ ގައެވެ.

https://on.lavafoshi.mv/albums/1594 އަލްބަމްގެ ލިންކް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.