މިހާރު އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމު “ކްލަބްހައުސް”ގައި ވަރަށް ފާހަގަކޮށްލެވޭ ކުލަބުތަކާއި ކޮޓަރިތައް ހިންގަމުން އަންނަތަން ފެނެއެވެ. އެގޮތުން “މިނިވަން ރޭޑިއޯ”، “ފޭދޫ ކަބަރަ ކޮމިއުނިޓީ”، “ހުޅުދޫ ވޮއިސް”، “ވޮއިސް އޮފް އައްޑޫ ސިޓީ”، “ހަރުގެ”، “ނައިފަރު ޓައުން ހޯލް”، “މަލިކު މޯލްޑިވްސް ފްރެންޑްސް”، “މޯލްޑިވްސް ބްލައިންޑް ކޮމިއުނިޓީ”، “މޯލްޑިވްސް އެއަރޕޯޓްސް އެލުމިނީ” އަދި “ލާމަސީލު ލާމު” މިއީ މި ލިސްޓުން ކުޑަ މިންވަރެކެވެ.

ކްލަބްހައުސްގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ބައެއް ކްލަބުތަކާއި ރޫމްތަކަށް ބަލައިލާ މި ސީރީޒްގައި މިއަދު މި ބަލައިލަނީ “ލާމަސީލު ލާމު“ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ކްލަބްގެ ހަރަކާތްތަކުގެ މައްޗަށެވެ.

ލާމަސީލު ލާމު” ކުލަބުގެ މަޤްޞަދަކީ ލާމު އަތޮޅު ލާމަސީލު އަތޮޅަކަށް ހެދުމަށްޓަކައި އަތޮޅުގެ ކުރިމަގާމެދު ވިސްނާ އަތޮޅުގެ ފެންވަރުގައި މަޝްވަރާއާއި ޚިޔާލު ދިނުމެވެ. މި ކްލަބުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި ލ. އަތޮޅުން އެންމެ ފާހަގަކޮށްލެވޭ ޒުވާނެއް ކަމަށްވާ އަމީނާ ނަޢީމް (އަނާ)، އާއި ދުވަސް އޮންލައިން ނޫހުގެ ފައުންޑަރ އަދި މެނޭޖިން އެޑިޓަރ ޢަޒްމީ ޢަލީ، ލ. އަތޮޅު ރައީސް އިސްމާޢީލް ޢަލީގެ އިތުރުންވެސް، އެކިއެކި ދާއިރާ ތަކުގައި ފާހަގަކޮށްލެވޭ ޒުވާނުންތަކެއް މި ކްލަބްގައި ހަރަކާތްތެރިވެއެވެ. މި އާޓިކަލް ލިޔަމުންދާ ވަގުތާއި ހަމައަށް މި ކްލަބުގެ ފޮލޯވަރުންގެ ގޮތުގައި 144 އަދި މެންބަރުންގެ ގޮތުގައި 126 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.

ލާމަސީލު ލާމު” ކުލަބުގައި ޢިލްމީ އަދި ދިރާސީ ބަހުސްތަކެއް ކުރެވެމުންދެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށް ޚާއްޞަ ވަގުތުތައްވެސް ހިމެނޭއިރު، ކޮންމެ ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް، އިންތިޒާމުކުރެވިގެން ދީނީ ދަރުސް ދިނުމާއި ފޯރަމްތައް ކުރިއަށް ގެންދިއުމަކީވެސް މި ކްލަބުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ލާމަސީލު ލާމު” ކުލަބުގައި މިހައިތަނަށް ކުރިއަށް ގެންދިޔަ ކާމިޔާބު ފޯރަމްތަކަށް ބަލައިލާއިރު:-

– ލާމު އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމާއި އަތޮޅު އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތައް
– ލާމު އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުން
– ޕެންޑަމިކް ތެރޭގައި އެސްއެމްއީ ލޯނު
– އޯޕެން ފޯރަމް – ލާމު އަތޮޅުގެ ތާރީޚާއިމެދު

މި ފޯރަމްތަކުގައި އެ ދާއިރާތަކާއި ގުޅުންހުރި އެކިއެކި ފަންނީ ބޭފުޅުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައިވެއެވެ.

މި ކްލަބުގައި މިރޭ 09:30ގައި ކުރިއަށްދާނީ “ބަރެސްދޫގެ މުސްތަގްބަލާމެދު – އެމްޑީ ރާއިދާއެކު” ބާއްވާ ޚާއްޞަ ފޯރަމެކެވެ.

ލާމަސީލު ލާމު” ކުލަބުގައި ލ. އަތޮޅުގެ ވީހައިވެސް ގިނަ ބޭފުޅުންނާއި ލ. އަތޮޅާއިމެދު ޝައުޤުވެރިކަން ހުރި، އެހެން ފަރާތްތަކުން ބައިވެރިވުމަކީ މި ކްލަބު ހިންގާ ޒުވާން ޓީމުގެ އެދުމެކެވެ.

https://www.clubhouse.com/club/laamaseelu-laamu

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.