ލަވައާއި މިއުޒިކް އަދި އެހެނިހެން އޯޑިއޯތައް އަޑުއެހުމަށް ޚާއްޞަ އެޕްލިކޭޝަން ސްޕޮޓިފައި އިން ‘ގްރީންރޫމް‘ގެ ނަމުގައި ލައިވް އޯޑިއޯ ޗެޓް އެޕްލިކޭޝަނެއް މިމަހު 16 ވަނަ ދުވަހު ނެރެފިއެވެ. މިއީ ސްވެޑިޝްގެ އޮންލައިން މިއުޒިކް ސްޓްރީމިންގެ ބިޔަ މަންސަ ސްޕޮޓިފައި އިން މިހާރު އެންމެ މަޝްހޫރުކަން ހޯދާފައިވާ ކްލަބްހައުސް އަށް ދިން ވަރުގަދަ ރައްދެކެވެ.

ގްރީންރޫމް‘ ގައި ކްލަބްހައުސް އެކޭ އެއްގޮތަށް އޯޑިއޯ ބޭނުންކޮށްގެން ޗެޓްކުރުމާއި އަމިއްލަ ރޫމްތައް އުފައްދައިގެން ޝޯވތަކާއި ބަހުސްތައް ކުރިއަށް ގެންދެވޭނެއެވެ.

ސްޕޮޓިފައި އިން މި އެޕްލިކޭޝަން ނެރުނީ ކުޅިވަރަށް ފޯކަސްކޮށްގެން ކުރިއަށް ގެންދާ މަޝްހޫރު މަންސަ ‘ލޮކަރ ރޫމް’ އުފެއްދުމުގެ ފަހަތުގައި އޮތް ‘ބެޓީ ލެބްސް’ ކުންފުނި ގަތުމަށްފަހުގައެވެ.

ޕޮޑްކާސްޓް ކުރުމުގެ އިތުރުން، އޯޑިއޯ ބޭނުންކޮށްގެން ޗެޓްކުރެވޭގޮތަށް އެމެރިކާގެ ސެން ފްރެންސިސްކޯ ކުންފުންޏަކުން އުފެއްދި ކްލަބްހައުސް މިވަނީ ވޭތުވެ ދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ބޮޑު މަޤްބޫލުކަމެއް ހޯދައި މި ރޮނގުން އެއްވަނައަށް ޖެހިލާފައެވެ.

މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން މިއަދާ ހަމައަށް 18 މިލިޔަނަށް ވުރެން މަތީ އަދަދަކަށް ކްލަބްހައުސް ޑައުންލޯޑްކޮށްފައި ވާކަމަށް ‘ސައިޓް އެޕްމެޖިކް’ އިން ދައްކައެވެ.

ކްލަބްހައުސްގެ މަޤުބޫލުކަން އިންތިހާއަށް އިތުރުވެފައިވާއިރު، މީސް މީޑިއާގެ އެހެން މަންސަތަކުންވެސް މިފަދަ ފީޗާތައް ހިމަނަން ފަށާފައި ވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޓްވިޓަރ އިން ‘ސްޕޭސަސް’ގެ ނަމުގައި ފީޗާއެއް ތަޢާރަފުކުރިއެވެ. ފޭސްބްކްގައި ވެސް ‘ލައިވް އޯޑިއޯ ރޫމްސް’ގެ ނަމުގައި މިފަދަ ފީޗާއެއް ހިމެނުމަށް މަސައްކަތް ފަށާފައިވެއެވެ.

ކްލަބްހައުސް ގޮތަށް ބޭނުންކުރެވޭ ‘ޑިސްކޯޑް‘ގެ ނަމުގައި 2015 ވަނަ އަހަރު ނެރެފައިވާ އެޕްލިކޭޝަނުން ލައިވް އޯޑިއޯ ޗެޓްކުރެވެއެވެ. މި މަންސަ ބޭނުންކުރާ 140 މިލިޔަނަށް ވުރެން ގިނަ މީހުން ތިބިއިރު، ޑިސްކޯޑްގެ މައިގަނޑު އަމާޒު ހުރީ ވީޑިއޯ ގޭމް ކުޅޭ ފަރާތްތަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.