ކްލަބްހައުސްގައި ޔޫއްޕެ ބޭނުންކުރާ އަސްލު އައިޑީގައި ފެންނަން އޮންނަ ނަން ޖަހާފައިވަނީ Eupe Xaphyu އެވެ.
ޔޫސަރ އައިޑީގައި ބޭނުންކޮށްފައިވަނީ @eupe007 އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި އަދި ހުނަރުވެރި ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ނަމުގައި ފޭކް އައިޑީއެއް ހަދައިގެން ކްލަބްހައުސް ތެރޭގައި މީހަކު ޖަރީމާތަކެއް ހިންގަމުން އަންނަކަމަށް ޔޫއްޕެ ބުނެފިއެވެ.

މުނިއަވަސް އަށް ޔޫއްޕެ ބުުނީ އޭނާގެ ފޮޓޯއަކާއި ނަން ބޭނުންކޮށްގެން އުޅޭ ފަރާތެއްގެ މަޢުލޫމާތު ޔޫއްޕެއަށް މީހަކު ދީފައިވާ ކަމަށެވެ.

“ރޭގަ އަޅުގަނޑަށް މީހަކު ގުޅީ. އޭނަ ބުނީ އެމީހުން ހިންގަމުން ދިޔަ ރޫމަކަށް ވަން މީހެއްގެ ފޮޓޯއާއި ނަމުގައި އަޅުގަނޑު ހިމެނޭތީ އެ ގްރޫޕްގެ މޮޑަރޭޓަރުކަން ދިން ކަމަށާ، އެ ހިސާބުން އެ ގްރޫޕުްގައި ތިބި މީހުންތައް އޭނާ (ފޭކް އައިޑީގެ މީހާ) ބޭރުކުރި ކަމަށް. އަޅުގަނޑަށް އެކަމަކު އެ ގްރޫޕްގެ ނަން އަހައެއް ނުލެވުނު.” ޔޫއްޕެގެ ފޮޓޯއަކާއި ނަން ބޭނުންކޮށްގެން ފޭކް އައިޑީއެއް ހަދައިގެން އުޅޭ މީހާގެ މަޢުލޫމާތު ލިބުނު ގޮތް ހިއްސާކުރަމުން ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ އިތުރަށް ބުނީ ފޭކް އައިޑީ ހަދައިގެން އުޅޭ މީހާ ބޭނުންކޮށްފައިވަނީ ކްލަބްހައުސްގައި ޔޫއްޕެ ހަދާފައިވާ އޭނާގެ އައިޑީގައިވާ ފޮޓޯގަނޑު ނޫން ކަމަށާ ނަންވެސް ޖަހާފައިވަނީ އިނގިރޭސި އަކުރުން Yoosuf Shafeeu ކަމަށެވެ.

ނަމަވެސް ކްލަބްހައުސްގައި ޔޫއްޕެ ބޭނުންކުރާ އަސްލު އައިޑީގައި ފެންނަން އޮންނަ ނަން ޖަހާފައިވަނީ Eupe Xaphyu މިހެންނެވެ. އަދި ޔޫސަރ އައިޑީގައި ބޭނުންކޮށްފައިވަނީ @eupe007 އެވެ. ކްލަބްހައުސްގެ އުސޫލުތައް ބުނާގޮތުން އެއް ޔޫސަރ އައިޑީއެއް ދެމީހަކަށް ނުދޭނެއެވެ. އެހެންކަމުން ޔޫއްޕެގެ އަސްލު އައިޑީ ފާހަގަކޮށްލުމަށް ސަމާލުކަން ދޭންވީ، ޔޫސަރ އައިޑީއަށް ބަލައިގެންކަން ފާހަގަކޮށްލަމެވެ.

ޔޫއްޕެގެ ފޭކް އައިޑީ ގެންގުޅޭ މީހާ ރޫމްތަކަށް ވަދެ، އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ގްރޫޕްގެ މޮޑަރޭޓަރުކަން ލިބިއްޖެ ނަމަ އެ ރޫމެއްގެ ދުވަސް ދުއްވާލައެވެ. އެހެންކަމުން މިއީ ކްލަބްހައުސް ބޭނުންކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއްކަން ޔޫއްޕެ ފާހަގަކުރެއެވެ.

ކްލަބްހައުސްގައި ޔޫއްޕެ ބޭނުންކުރާ އަސްލު އައިޑީ ފާހަގަކުރެވޭނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ކްލަބްހައުސް އަށް ޔޫއްޕެ ނޮމިނޭޓްކޮށްފައިވަނީ ލަވަކިޔުމުގައި މަޝްހޫރުކަން ހޯދަމުން އަންނަ އަލީފް ޢަލީ އެވެ. ޔޫއްޕެ ކްލަބްހައުސް އަށް ޖޮއިންކުރީ ނުވަތަ ގުޅުނީ 05 އޯގަސްޓް 2021 ގައެވެ. ޔޫއްޕެ ހިމެނޭ ކްލަބްތަކުން ‘ޔޫއްޕެ ޕްރޮޑަކްޝަންގެ ނަމުގައި ހަދާފައިވާ ކްލަބް’ގެ އެޑްމިން އަކީ ޔޫއްޕެކަން އެނގޭގޮތަށް ފެހި ކުލައިގެ ތަރިއެއްވެސް ހިމެެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.