2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނު ހުނަރުވެރި އެކްޓްރެސް ޢާއިޝަތު ރިޝްމީ ރަމީޒަށް އަނެއްކާވެސް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެއެވެ. މިފަހަރު ރިޝްމީއަށް ލިބިފައިވަނީ ‘ފިފްތު ޑޮކްޓަރ ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަނޭޝަނަލް އެވޯޑް ފޯރ ވޯރކިންގ ވިމެން’ (5th Dr. Sarojini Naidu, The nightingale of India, International Award for working women) އެވޯޑެވެ.

ރިޝްމީއަށް މި އެވޯޑް ލިބިފައިވަނީ މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިވެގެން ކަމަށް އެ ސޮސައިޓީން މަޢުލޫމާތުދެއެވެ. މިއީ އިންޓަނޭޝަނަލް ޗެމްބަރ އޮފް މީޑިއާ އަދި އެންޓަޓެއިންމެންޓް އިންޑަސްޓްރީގެ އިތުރުން އިންޓަނޭޝަނަލް ވިމެންސް ފިލްމު ފޯރަމް އިން ދީފައިވާ އެވޯޑެކެވެ.

މުޅި ދުނިޔެއިން 7000 މީހުން ކުރިމަތިލައި އޭގެ ތެރެއިން 100 މީހުން ހޮވިގެން ދިޔައިރު އޭގެ ތެރޭގައި ރިޝްމީ ހިމެނި މި އެވޯޑް ލިބިގެން ދިއުމަކީ ލިބުނު ބޮޑު ފަޚުރެއް ކަމަށް ރިޝްމީ ބުންޏެވެ. އަދި މިކަން ފަހިކޮށްދިނުމުގައި އެމްއެސްޕީއޭއިން އަދާކުރި ރޯލަށްޓަކައި ޝުކުރުވެރިވާކަމަށާ ވަކިން ޚާއްޞަކޮށް އެ ސޮސައިޓީގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާބެ) މި ފުރުޞަތު ފަހިކޮށްދިނީތީ ޝުކުރުވެރިވާކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ރިޝްމީގެ ލޯބިވާ ފިރިމީހާ، އެކްޓަރ ޑައިރެކްޓަރ ރަވީ ފާރޫޤުގެ ފަރާތުން ކެނޑިނޭޅި ލިބެމުން އަންނަ އެއްބާރުލުންވެސް ފާހަގަކޮށްފައިވެއެވެ.

“އެމްއެސްޕީއަށް ލިބުނީ ރާއްޖޭގެ ވޯރކިން ވިމެންގެ ގޮތުގަ ފާހަގަކުރެވޭ މީހެއްގެ ނަން ފޮނުވަން. ދެން އެމްއެސްޕީއޭގެ އެކްޒެކްޓިވް ބޯޑުން ފާސްކުރީ ރިޝްމީގެ ނަން ފޮނުވަން.” އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު މުނިއަވަސް އަށް ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާާޅުވީ މި ފުރުޞަތު އޮތްކަމުގެ މަޢުލޫމާތާއި ނަން ފޮނުވަން ބޭނުންވާކަން އެދި ރާއްޖޭޭގެ މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާޠިމަތު ނަހުލާ އަށްވެސް ފޮނުވި ކަމަށާ ނަމަވެސް އެއަށް ޖަވާބެއް ނުލިބުނު ކަމަށެވެ. އެހެންނަމަވެސް ފިލްމީ ދާއިރާގެ މީހަކަށް ލިބެން އޮތް މިފަދަ ފުރުޞަތެއް ގެއްލުވައިލަން ބޭނުން ނުވާތީ ދެން އެކަމަށް އެންމެ ޤާބިލު ކަންބަލެއްކަމަށް ބޯޑުން ނިންމީ ރިޝްމީގެ ނަންކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

“އެއީ ރިޝްމީ އަކީ މަލްޓި ޓާސްކްކޮށް މަސައްކަތްކުރާ ކުއްޖެއް. އެހެންވެ ރިޝްމީއަށް އޭތި ޕްރޮޕޯސްކުރީ. ހަމަ އެކަމުގެ މުއްދަތަށް ރިޝްމީ ރެސްޕޮންޑްކޮށްފި. ދެން އެމްއެސްޕީއޭ ފަރާތުން ހުރިހައި ޑޮކިއުމެންޓެއް އެކޮޅަށް ފޮނުވީމަ އެމީހުން 7000 މީހުންގެ ތެރެއިން 100 މީހުންނަށް އެ އެވޯޑް ދިނީ.” ރިޝްމީއަށް މި ފުރުޞަތު ދިން ގޮތް ހާމަކުރަމުން ރަޝީދު ފާހަގަކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.