ކަޒްމިކް އިންޓަނޭޝަނަލް އަދި އައި ފިލްމްސް ގުޅިގެން ތައްޔާރުކޮށްފައިވާ ކުރު ފިލްމު “މަޒްލޫމް”ގެ ދެވަނަ ޗެޕްޓަރ “ޒައްރޫކް“، ބައިސްކޯފުގައި މިމަހުގެ 21 ވަނަ ދުވަހުގެރޭ ސްޓްރީމްކުރަން ފަށައިފިއެވެ.

“ޒައްރޫކް” މިއީ 2019 ވަނަ އަހަރުގެ ސަޕްރައިޒިން ފިލްމު “ބަވަތި” އުފެއްދި ކާމިޔާބު ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

“ޒައްރޫކް”ގައި އެކަނިވެރިކަމާއެކު ގޭގައި ވަގުތުތަކެއް ހޭދަކުރަމުން އަންނަ މާހިލްއަށް “ޒައްރޫކް” އާއި ދިމާވުމަށްފަހު ހިނގާ ކަންތައްތަކުން ނޭވާ ހިފަހައްޓާލަން ޖެހޭ އެތަކެއް ސީންތަކެއް ފެނިގެން ދެއެވެ.

“ޒައްރޫކް”ގެ މެއިން ކާސްޓަކީ އުމުރުން އެންމެ 11 އަހަރުގެ ކުޑަކުޑަ މުޙައްމަދު މާހިލްއެވެ. މި ފިލްމުގައި ‘ޒައްރޫކް’ އަކީ މާހިލްގެ ބެސްޓް ފްރެންޑެވެ. އެކަމަކު މާހިލްގެ ބެސްޓް ފްރެންޑް “ޒައްރޫކް”ގެ ވާހަކަތައް މާހިލްގެ މަންމަ އަހަނީ ވަރަށް ބިރުން ހުރެއެވެ. މޫނުމަތިން ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ.

މާހިލްގެ އިތުރުން ދެން މި ފިލުމުން ފެނިގެންދަނީ ބައިސްކޯފްގެ ސީރީޒް “އެހެނަސް” އިން ތައާރަފުވި ނަތާޝާ ޖަލީލެވެ. މީގެ އިތުރުން، “މަޒްލޫމް” އިން ވަރަށް ތަފާތު ރޯލަކުން ފެނިގެންދިޔަ ހުނަރުވެރި އެކްޓަރ ޝާރިފްވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދެއެވެ.

“މަޒްލޫމް” ގޮތަށް “ޒައްރޫކް” އަކީވެސް މުޖްތަމައުގައި ހިނގާ އިޖުތިމާއީ މައްސަލައަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެއްކަމަށް އިއްލެ ވަނީ ބުނެފައެވެ.

ވަޒީފާގެ މާހައުލުގައި ރޭފްގެ ޝިކާރައަކަށްވި ދެ އަންހެން ކުއްޖެއްގެ ވާހަކަތައް ގެނެސްދޭ 45 މިނެޓްގެ ކުރު ފިލްމު “މަޒްލޫމް”ގެ ތަރިންގެ ތެރޭގައި އިއްލެގެ ކާމިޔާބު ފިލްމު “ބަވަތި”ގެ ދެ ތަރިންކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހްމަދު އިފްނާޒް ފިރާގް ހިމެނެއެވެ. ދެން ހިމެނޭ ތަރިންގެ ތެރޭގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދާއި ޝަރަފު އަބްދުﷲ އަހްމަދު ޝާރިފްވެސް ހިމެނެއެވެ.

ޑައިރެކްޝަންގައި ކޮލިޓީ މަސައްކަތްތަކެއް ދައްކަމުން އަންނަ އިއްލެގެ ކާމިޔާބު މަސައްކަތްތަކުގެ ލިސްޓުގައި ”ބަވަތި“، ”ނީނާ“ އަދި ”މަޒްލޫމް“ ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.