* “ޖާރޒީ” ޑިސެމްބަރުގައި
ޝާހިދު ކަޕޫރް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދާ ކުޅިވަރު ފިލްމު “ޖާރޒީ” އަންނަ ޑިސެމްބަރު މަހު 31 ގައި ރިލީޒްކުރަން ނިންމައިފިއެވެ.
ދިހަ އަހަރު ކުރިން ކްރިކެޓް ކުޅުން ހުއްޓާލި 36 އަހަރުގެ ކްރިކެޓް ކުޅުންތެރިޔަކު، އަނެއްކާވެސް އިންޑިއާގެ ޓީމަށް ކުޅެން އަމާޒު ހިފައި ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމުގައި ޝާހިދުގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މުރްނާލް ތާކުރް އާއި ޕަންކަޖް ކަޕޫރްއެވެ. މިއީ ޝާހިދު އޭނާގެ އަސްލު ބައްޕަ، ޕަންކަޖް ކަޕޫރް އާއެކު ކުޅުނު ދެވަނަ ފިލްމެވެ. ކުރިން ކުޅުނީ 2015 ގެ “ޝާންދާރް” އެވެ.
ޗަންޑީގަޅްގައި ޝޫޓްކުރި މި ފިލްމަކީ 2019 ވަނަ އަހަރު ގޯތަމް ތިންނަނޫނީ ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ތެލުގޫ ފިލްމު “ޖާރޒީ” ގެ ރީމޭކެކެވެ. ހިންދީ ރީމޭކްވެސް ޑައިރެކްޓްކުރީ ގޯތަމްއެވެ.
* ޝެފާލީ “ޖަލްސާ” ގެ ޝޫޓިންގ ނިންމާލައިފި

ބޮލީވުޑް ބަތަލާ ޝެފާލީ ޝާހް “ޖަލްސާ” ގެ ޝޫޓިންގ ނިންމާލައިފިއެވެ.
ވިދްޔާ ބާލަން ލީޑް ރޯލުން ފެނިގެންދާ “ޖަލްސާ” ގެ މައިގަނޑު ރޯލުތަކުން ފެންނާނެ އެހެން ތަރިންނަކީ އިޤްބާލް ޚާން، ރޯހިނީ ހަތަންގަނީ، ވިދަތްރީ ބަންދީ، ގުރްޕަލް ސިންގ އަދި ސޫރިޔާ ކާޝީބަތުލާއެވެ.
ފިލްމުގެ އޭނާގެ ޝޫޓިންގ ނިމުނުކަން ހާމަކޮށް ޝެފާލީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ދިގު ޕޯސްޓެއްގައި ވަނީ ފިލްމުން އެންމެ އުނދަގޫވާ ކަމަކީ ވަކިވާން ޖެހުން ކަމަށާއި އޭނާ ވަކިވެގެން ދަނީ ފޮނި ހަނދާންތަކަކާއި އެކުގައި ކަމަށެވެ. އަދި އޭނާ ވަނީ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ.
“ޖަލްސާ” އަކީ ވިދްޔާ ބާލަންގެ “ތުމްހާރީ ސުލޫ” ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ޓްރިވެނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭގެ އިތުރުން ސްކްރިޕްޓް ލިޔުމުގައި އޭނާ ވަނީ ޕްރަޖްވާލް ޗަންދްރަޝޭކަރް އާއި ބައިވެރިވެފައެވެ.
ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އިޢުލާނު ނުކުރި ނަމަވެސް ފިލްމު ރިލީޒްކުރާނީ 2022 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
* އަޔޫޝްމާންގެ “ޗަންޑީގަޅް ކަރޭ އާޝިޤީ” ޑިސެމްބަރުގައި

އަޔޫޝްމާން ކުރާނާއާއި ވާނީ ކަޕޫރް ލީޑް ރޯލުން ފެނިގެންދާ “ޗަންޑީގަޅް ކަރޭ އާޝިޤީ” އަންނަ ޑިސެމްބަރު މަހު 10 ގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.
ޓީ ސީރީޒާއި ‘ގާއި އިން ދަ ސްކައި ޕިކްޗަރސް’ އިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ރޮމޭންޓިކް ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ “ރޮކް އޮން” އާއި “ކައިޕޯޗޭ” އަދި “ކެދަރްނާތު” ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކް ކަޕޫރެވެ.
48 ދުވަހުން ނިންމާލި މި ފިލްމުގައި އަޔޫޝްމާންއާއި ވާނީގެ އިތުރުން މުހިންމު ރޯލަކުން އަބީޝެކް ބަޖާޖްވެސް ފެނިގެންދާނެއެވެ.
