ސޮނީ ޓީވީއިން ދައްކަމުން އަންނަ ކާމިޔާބު ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯވ “ސުޕަ ޑާންސާ ޗެޕްޓަރ 4” ގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ އޮންނާނެއެވެ.
ރާއްޖެ ގަޑިން 7:30 ގައި ފަށާ މި ގްރޭންޑް ފިނާލޭ އެޕިސޯޑްގައި ޝޯވގެ 5 ފައިނަލިސްޓުންގެ އިތުރުން ޝޯވގެ އިތުރު ބައިވެރިންގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ. އޭގެ އިތުރުން ޝޯވގެ ޖަޖުން ކަމަށްވާ ޝިލްޕާ ޝެޓީއާއި ގީތާ ކަޕޫރްގެ ފަރި ހަރަކާތްތައްވެސް ފިނާލޭގައި ފެނިގެންދާނެއެވެ.
27 މާރޗުގައި ޖުމްލަ 13 ބައިވެރިންނާއެކު ފެށި މި ޝޯވގެ 5 ފައިނަލިސްޓުން މިދިޔަ ހަފުތާގައި ހޮވިއިރު އެ 5 ބައިވެރިންނަކީ ފްލޮރީނާ ގޯގޯއީއާއި ތުޝާރް ޝެޓީ، ސަންޗިތު ޗަނާނާއާއި ވަރްތިކާ ޖާ، ޕްރިތުވިރާޖް ކޮންގާރީއާއި ޝުބްރަނީލް ޕޯލް، އީޝާ މިޝްރާއާއި ސޮނާލީ ކަރް އަދި ނީރްޖާ ތިވާރީއާއި ބާވްނާ ކަންޑޫޖާއެވެ.

“ސުޕަ ޑާންސާ ޗެޕްޓަރ 4” ގެ 5 ފައިނަލިސްޓުން
ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓުން ފައިނަލިސްޓުން ހޮވި “ސުޕަ ޑާންސާ ޗެޕްޓަރ 4” ގެ ގްރޭންޑް ފިނާލޭގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ކޮރެއޯގްރާފަރު ޓެރެންސް ލުވިސްއާއި ނެށުންތެރިޔާ ރާގަވް ޖުޔަލްގެ އިތުރުން ލަވަކިޔުންތެރިޔާ ބާދުޝާހް ބައިވެރިވާނެއެވެ.
ކުރީގެ 3 ސީޒަނެކޭވެސް އެއްގޮތަށް މި ސީޒަންވެސް ޖަޖުކުރީ ކޮރެއޯގްރާފަރު ގީތާ ކަޕޫރާއި ބަތަލާ ޝިލްޕާ ޝެޓީގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ބާސޫއެވެ. ހޯސްޓްކުރީ ރިތުވިކް ދަންޖާނީއާއި ޕަރީތޯޝް ތުރިޕާތީއެވެ.
