ބޮލީވުޑް ބަތަލު ޖޯން އަބްރަހަމް ޕްރޮޑިއުސްކުރާ އާ ފިލްމު “ތާރާ ވާސަސް ބިލާލް” ގެ ޝޫޓިންގ ފަށައިފިއެވެ.

“ސަނަމް ތޭރީ ކަސަމް” އިން ބޮލީވުޑަށް ތަޢާރަފުވި ހަރްޝްވަރްދަން ރާނޭއާއި ސޯނިއާ ރާތީ ލީޑް ރޯލު ކުޅޭ “ތާރާ ވާސަސް ބިލާލް” އަކީ ސަމަރް އިޤްބާލް ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމާއި ބެހޭ މާގިނަ މަޢުލޫމާތުތަކެއް އާންމުކޮށްފައި ނުވާއިރު މިއީ ހަރްޝް އާއި ސޯނިއާވެސް ސަމަރްއާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

“ތާރާ ވާސަސް ބިލާލް” އަކީ ސިދާތު ޝުކްލާ ލީޑް ރޯލުން ފެނުނު ވެބް ސީރީޒް “ބްރޯކެން ބަޓް ބިއުޓިފުލް 3” އިން ބޮޑު މަޤުބޫލުކަމެއް ހޯދި ސޯނިއާގެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ޖުލައި މަހު ރިލީޒްކުރި “ހަސީން ދިލްރުބާ” ގެ މުހިންމު ރޯލެއް ކުޅުނު ހަރްޝްގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ޓީވީ ބަތަލާ ސަންޖީދާ ޝެއިޚް އާއެކު ކުޅޭ “ކުން ފަޔަ ކޫން” ހިމެނެއެވެ.

ޖޯންގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ އަންނަ ނޮވެމްބަރު 26 ގައި ރިލީޒްކުރާ “ސަތިޔަމެވް ޖަޔާތޭ 2” އެވެ. އަދި އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާ ޕްރޮޑިއުސްކޮށް ލީޑް ރޯލު ކުޅުނު “އެޓޭކް” އާއި މޯހިތު ސޫރީގެ “އޭކް ވިލަން ރިޓާންސް” ގެ އިތުރުން ދީޕިކާ ޕަޑުކޯންއާއި ޝާހް ރުކް ޚާންއާއެކު ކުޅޭ “ޕަތާން” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.