ހިތްގައިމު ލިރިކްސްތަކެއް ނެރެމުން އަންނަ ރިޓްޒް ލިރިކްސް އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ ބޮކިޓޯސްގެ “އިހުސާސް” މުުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ރިލީޒްކޮށްފިއެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރިލީޒްކުރި “އިހުސާސް” އަކީ ރިޓްޒް ލިރިކްސްގެ ލޯގޯގެ ދަށުން ހަތްވަނަ އަށް ނެރުނު އޯޑިއޯ ލަވައެވެ. އަދި މިއީ ރެކޯޑްކޮށް ނެރުނު ބޮކިޓޯސްގެ ފުރަތަމަ ލަވައެވެ.

އެހުންތެރިންގެ އެދުމަށް ބޮކިޓޯސްގެ ހިތްގައިމު ލަވަތަކެއް ވަގުތުން އިއްވައިލި ’ބޮކިޓޯސް އެންޑް ރިޓްޒް ލިރިކްސް ސްޕެޝަލް ވީވީއައިޕީ‘ ޝޯގައި “އިހުސާސް” ލަވަ ރިލީޒްކޮށްދިނީ މުނިއަވަސްގެ ކްރިއޭޓިވް ޑައިރެކްޓަރ އީސާ ޝަރީފުއެވެ.

“އިހުސާސް” ލަވައިގެ ލިރިކްސްގައި ފުންނާބު އުސް ޅެންވެރިންގެ ޚިޔާލަށްވެސް ނުނގެނެވޭ ފަދަ ބައެއް އިބާރާތްތައް ރިޒް ބޭނުންކޮށްފައިވާކަން ފާހަގަކުރަމުން އީސަ ބުނީ ރިޓްޒް ލިރިކްސްްއިން ވަކި ބްރޭންޑެއްގެ ގޮތުގައި ހަރުދަނާ އުސޫލުތަކެއް ހިފަހައްޓަމުން އެ އަންނަ އައުން ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.

ބޮކިޓޯސްގެ ލަވަކިޔުމުގެ ހުނަރަށް ތަޢުރީފު ކުރަމުން އީސަ ބުނީ އެއްވެސް ލަވަކިޔުންތެރިއެއްގެ ސްޓައިލް ކޮޕީކުރުމެއް ނެތި ބޮކިޓޯސް ގެންގުޅޭ އަމިއްލަ ސްޓައިލް ހިފަހައްޓާތީ ވަރަށް އުފާކުރާ ކަމަށާ އެގޮތުގައި ދެމިހުރުމަށް އެދޭ ކަމަށެވެ.

މުޙައްމަދު މައިސާން (ބޮކިޓޯސް) އަކީ ޓޫސެންސް ބޭންޑްގެ (2Sense Band) ކޯ-ފައުންޑަރ އަދި ލީޑް ވޯކަލިސްޓެވެ. ރިޒޯޓް މިއުޒިކް ކުޅުމުގައި ހަރަކާތްތެރިވަމުން އަންނަ ބޮކިޓޯސް އާއި އޭނާގެ ބޭންޑުން ރިޒޯޓް މިއުޒިކްގެ އިތުރުން އާއްމުންނަށް ވެސް ޝޯތައް ދޭން ވަނީ ފަށާފައެވެ. އެގޮތުން ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯގައި އެ ބޭންޑުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ’ހައިރާން‘ އިއްވާލާފައިވަނީ އޯޑިއަންސަށް ބޮޑު ހައިރާންކަމެއް ދެމުންނެވެ.

މިހާތަނަށް ބޮކިޓޯސް ކިޔާފައިވާ ސޯލޯ ލަވަތަކަކީ ކަވަރ ސޯންގްތަކެއް ނަމަވެސް އޭނާގެ އަމިއްލަ ސޯލޯ ލަވަތަކެއް ނެރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބޮކިޓޯސް ބުނެފައިވެއެވެ. އަދި އެ ލަވަތައް ސައުންޑްކްލައުޑް މެދުވެރިކޮށް އެހުންތެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ބޮކިޓޯސް ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.