ރަވީ ފާރޫޤް ޑައިރެކްޓްކޮށް، ބައިސްކޯފުން ގެނެސްދިން ކާމިޔާބު ސީރީޒް “އެހެނަސް” ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނު އަޙްމަދު އިޤުބާލް (އައިކިއު) ގެ އާ ސީރީޒެއް ބައިސްކޯފުން ގެންނަން ތައްޔާރުވާން ފަށައިފިއެވެ.
“ނޫންތަ؟” ގެ ނަމުގައި ގެނެސްދޭ މި ސީރީޒަކީ ތަފާތު ވާހަކަތަކެއް ކިޔައިދޭނެ 6 އެޕިސޯޑްގެ ސީރީޒެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސީރީޒް ދައްކަން ފަށާނެ ތާރީޚެއް އިޢުލާނު ނުކުރި ނަމަވެސް ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށްވެއެވެ.
“ނޫންތަ؟” ގެ ޓްރެއިލާއެއްވެސް ދައްކާލައިފައި ވާއިރު، މިއީ ތަފާތު ސީރީޒަކަށް ވާނެކަމަށް ޔަޤީން ކުރެވެއެވެ. ފުރަތަމަ އެޕިސޯޑުގައި ކިޔައިދޭނީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މީގެ މައިގަނޑު ތަރިންނަކީ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ނުޒުހަތު ޝުޢައިބު (ނުޒޫ) އާއި އަޙްމަދު އާސިމްއާއި ކުރިއަރަމުން އަންނަ އެކްޓަރު އަދުހަމްއެވެ.
ޓްރެއިލާއިން ފެންނަނީ ފިލްމު އުފައްދާ މީހެއްގެ ކަމަށްވާ ސަނާގެ ޙަޔާތަށް ސާނިމްއާއި އިޖާޒް އައުމުން ކުރިމަތިވާ ލޯބީގެ ހާދިސާތަކެކެވެ. ނުޒޫ ސަނާގެ ރޯލުން ފެނިގެންދާއިރު ސާނިމްއަކީ އާސިމްއެވެ. އަދުހަމް ފެނިގެންދާނީ އިޖާޒްގެ ރޯލުންނެވެ.
އައިކިއު ލިޔެ، ޑައިރެކްޓްކުރާ “ނޫންތަ؟” އަކީ އައިކިއުގެ ފޭނުންނަށް ރަނގަޅު ހަދިޔާއަކަށް ވުމުގެ އިތުރުން ވެބް ސީރީޒްތަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ އެއްޗަކަށް ވާނެކަމަށް އުންމީދުކުރެވެއެވެ.
