ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަލަވޭސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ތިން މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ. .
މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ހިލޭ ޓްރާންސްފަރ އެއްގައި ބާސާއާ ގުޅުނު އަގުއޭރޯ ތިން މަސް ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަން ހާމަކުރަމުން އެ ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލާވޭސް މެޗުގައި ހިތުގެ މައްސަލަ ކުރިމަތިވި އަގުއޭރޯގެ ހާލަތު އަދިވެސް މުޅިން ހަމައަކަށް ނޭޅޭ ކަމަށާއި، އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭތީ ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާ ތިން މަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭ ކަމަށެވެ.
އަލާވޭސް އާ ބައްދަލުކުރި މެޗުގައި ކުޅެމުން ދަނިކޮށް އަގުއޭރޯ އަށް ހިތުގެ މައްސަލައެއް ކުރިމަތިވެ ނޭވާ ލުމަށް އުނދަގޫ ވުމުގެ ސަބަބުން އޭނާ އަށް ވަނީ އެވަގުތު ދަނޑުމަތީގައި އަވަސް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. އަގުއޭރޯ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބާސާއިން ބުނެފައިވެއެވެ.
