ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް އެފް ގައި ރޭ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އެޓަލާންޓާއާ ބައްދަލުކުރި މެޗް ފޯރި ގަދަ ކުޅުމަކަށް ފަހު 2-2 ނަތީޖާއަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.

މި މެޗުގައި އެޓަލާންޓާއިން ދެ ފަހަރަށް ލީޑު ނެގިއިރު، މި ދެ ފަހަރު ވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގެ 12 ވަނަ މިނިޓުގައި ޖޯސިޕް އިލިޗިޗް އެޓަލާންޓާއަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ރީތި ބެކް ހީލް ޕާހަކުން ގޯލު ޖަހައި، ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮނާލްޑޯއެވެ. މެޗުގައި ދެވަނަ ފަހަރަށް އެޓަލާންޓާ އަށް ލީޑު ނަގައިދިނީ ޑުވާން ޒަޕާޓާއެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މޭސަން ގްރީންވުޑް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އިތުރު ގޯލެއް ޖަހައި، ޔުނައިޓެޑް ސަލާމަތް ކޮށްދީފައެވެ. ރޮނާލްޑޯގެ މި ގޯލަކީ އޭނާ ޔުނައިޓެޑަށް ޖަހައިދިން 127 ވަނަ ގޯލެވެ. އަދި ޗެމްޕިއަންސް ލީގުގައި ޖެހި 139 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން ގުރޫޕް އެފްގެ އެއްވަނައިގައި ޔުނައިޓެޑް އޮތީ ހެޑް ޓު ހެޑް އުސޫލުން ދެވަނައިގައި އޮތް ވިޔަރެއާލަށް ވުރެ ކުރި ހޯދައިގެންނެވެ. ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތް ވިޔަރެއާލް ވަނީ ރޭ ސްވިޒަލޭންޑުގެ ޔަންގް ބޯއީޒްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްފައެވެ.

ޗެމްޕިއަންސް ލީގު ގުރޫޕް ޖީ ގައި ހިމެނޭ ފްރާންސްގެ ލިލް 2-1 އިން އިޓަލީގެ ސެވިއްޔާ ބަލިކުރިއިރު، ޖަރުމަންގެ ވުލްވްސްބާގް ވަނީ އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް 2-1 އިން ބަލިކޮށްފައެވެ. ބަލިވި ނަމަވެސް، ހަތް ޕޮއިންޓާ އެކު މި ގުރޫޕުގެ އެއްވަނައިގައި އޮތީ ސަލްޒްބާގެވެ. ލިލް އާއި ވުލްވްސްބާގަށް ފަސް ޕޮއިންޓް ލިބިފައި ވާއިރު، ފުލުގައި އޮތް ސެވިއްޔާއަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.