ޕާކިސްތާން ޓީވީ ޗެނަލް ޖީއޯ ޓީވީގެ ޑްރާމާ ސިލްސިލާ “ފާސިޤް” ދައްކަން ފަށައިފިއެވެ.
ލޯތްބަށްޓަކައި ކުރާ އިންތިޒާރާއި ވާ ޤުރުބާނާއި ދުޝްމަނުންގެ ފަރާތުން އެ ލޯތްބަށް ކުރިމަތިވާ ހުރަސްތައް ދައްކުވައިދޭ މި ޑްރާމާއަކީ ސެވެންތު ސްކައި އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ޑްރާމާއެކެވެ.
“ދިލޭ މޮހައްބަތު” އާއި “ބަރޯސާ ޕިޔާރް ތެރާ” އަދި “މުނާފިޤް” ފަދަ ކާމިޔާބު ޑްރާމާތަކެއް ކުޅެފައިވާ އަދީލް ޗޯދްރީ އާއި ސެހަރް ޚާން އާއި ހާރޫން ޝާހިދު އާއި ސުކައިނާ ޚާން މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ޑްރާމާގެ ކާސްޓުގައި މުހުސިން ގިލާނީ އާއި އަޒްރާ މުޙީއުއްދީން އާއި ތާރިޤް ޖަމީލް ފަދަ ތަރިން ހިމެނެއެވެ.
މި މަހުގެ 23 ގައި މި ޑްރާމާ ދައްކަން ފެށިއިރު، އޭގެ ކުރީ ރޭ ވަނީ އެ ޗެނަލްއިން ގެނެސްދެމުން އައި ސެވެންތު ސްކައި އެންޓަޓެއިންމެންޓުގެ ކާމިޔާބު ޑްރާމާ “މޮހައްބަތު ޗޯޅް ދީ މެއިނޭ” ނިންމާލާފައެވެ.
ހުމާ ހީނާ ނަފީސް ލިޔެ، ސަލީމް ގަންޗީ ޑައިރެކްޓްކޮށްފައިވާ “ފާސިޤް” ހަފުތާގެ ކޮންމެ ރެޔަކު ރާއްޖެ ގަޑިން 21:00 ގައި އާ އެޕިސޯޑެއް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ޖީއޯ ޓީވީގެ ޔޫޓިއުބް ޗެނަލް “ހަރް ޕަލް ޖީއޯ” އިންވެސް “ފާސިޤް” ގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
