ދުނިޔޭގެ އެންމެ ފިނި ބައްރު އެންޓާކްޓިކާގައި ފުރަތަމަ ފަހަރަށް އެއަރބަސް 340 މަތިންދާބޯޓެއް ޖެއްސުމުގެ ރެކޯޑް ‘ހައި ފްލައި’ (Hi Fly) އެއަރލައިނުން މުގުރާލައިފިއެވެ. ނޫކުލައިގެ ގްލޭސިއަލް ގަނޑުފެން ރަންވޭއެއްގައި ‘ހައި ފްލައި’ގެ އޭ-340 ބޯޓެއް ޖެއްސީ މި ނޮވެމްބަރު މަހު 2 ވަނަ ދުވަހުއެވެ.

“މިއީ އެއަރބަސް340ގެ ފްލައިޓެއް ނޫކުލައި ގްލޭސިއަލް ގަނޑުފެން ރަންވޭއެއްގައި ޖެއްސި ފުރަތަމަ ފަހަރު ކަމަށް މި ދަތުރުގެ ޕައިލެޓް، ކެޕްޓަން ކާރލޯސް މިރްޕޫރީ އޭނާގެ ކެޕްޓަން ލޮގްގައި ލިޔެފައިވެއެވެ.

މި ތާރީޚީ ދަތުރު އިންތިޒާމުކުރީ ޕޯޗުގީޒުގެ އޭވިއޭޝަން ކުންފުންޏެއް ކަމަށްވާ ‘ހައި ފްލައި’ގެ ފަރާތުންނެވެ. ކެޕްޓަން މިރްޕޫރީ އަކީ އެތަނުގެ ވަގުތީ ރައީސް ވެސްމެއެވެ.

އެއަރބަސް 340ގެ މި މަތިންދާބޯޓް ދަތުރަށް ފުރީ ނޮވެމްބަރު 02 ވަނަ ދުވަހު ހެނދުނު 08:00ގައި އެފްރިކާގެ ކޭޕްޓައުނުންނެވެ. ކޭޕްޓައުނުން ފުރައިގެން އެންޓާކްޓިކާއަށް ދިއުމަށް ފަސްގަޑިއިރު ހޭދަވިއެވެ. އެންޓާކްޓިކާގައި މި ފްލައިޓްގެ ފަޅުވެރިން ތިންގަޑިއެއްހައި އިރު މަޑުކުރިއެވެ.

ގަނޑުފެނުގައި މިކަމަށް ހާއްސަކޮށް ހަދާފައިވާ ރަންވޭއަށް އިރުގެ ދަޅަ އެޅުމުން މަތިންދާ ބޯޓު ޖެއްސުމަށް އުނދަގޫވިކަން ކެޕްޓަން ކާރލޮސް، އޭނާގެ ކެޕްޓަންސް ލޮގްގައި ލިޔުއްވާފައިވެއެވެ. މިއުނދަގޫ ކުޑަކުރުމަށްޓަކައި އެމީހުން ބޭނުންކޮށްފައިވަނީ ޚާއްސަ އަވިއައިނެކެވެ.

މިފަދަ ދަތުރުތަކުގެ މަގްސަދަކީ ސައިންސުވެރިންގެ ދިރާސާތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. މިއަދާހަމައަށްވެސް އެންޓާކްޓިކާގައި އެއާޕޯޓެއް ގާއިމްކޮށް ސައިންސުވެރިންގެ މި މަސައްކަތަށް ލުޔެއް ލިބޭނެގޮތެއް އިންތިޒާމް ކުރެވިފައެއް ނުވެއެވެ. މިހާރު އެންޓާކްޓިކާގައި 50 ލޭންޑިންގް ސްޓްރިޕް ގާއިމް ކުރެވިފަވެއެވެ. ނަމަވެސް މި ތަންތަނުގެ ބޭނުން ހިފެނީ ވަރަށް މަދުންނެވެ. އެންޓާކްޓިކާއަށް ދަތުރުކޮށްލަން ބޭނުންވާ ފަތުރުވެރިންނާއި ސައިންސުވެރިން އާންމުކޮށް އެހިސާބަށް ދަނީ ކަނޑު ބޯޓުފަހަރުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.