ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ އާ ވޭރިއަންޓް “އޮމިކްރޯން” ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ.
ކޮވިޑްގެ އާ ވޭރިއަންޓް އެފްރިކާގެ ގިނަ ޤައުމުތަކަކުން ފެނުމާއެކު، 44 ޤައުމަކުން ދަތުރުފަތުރު ކުރުމުގައި ފިޔަވަޅުތައް ވަރުގަދަކޮށް ޖަޕާނާއި އިޒުރޭލުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އެ ދެ ޤައުމަށް އެހެން ޤައުމެއްގެ މީހުން އެތެރެވުން މަނާކޮށްފައެވެ.
އޮމިކްރޯން ވަރަށް ހަލުވިކޮށް ފެތުރެމުންދާއިރު، މިހާރު ކޮވިޑަށް ބޭނުން ކުރެވޭ ވެކްސިންތަކަކީ މި އާ ވޭރިއަންޓުން ރައްކާތެރިކަމެއް ލިބޭނެ ވެކްސިންތަކެއްތޯ ބެލުމަށް އަދި ދެ ހަފުތާއެއް ވަރު ނަގާނެކަމަށް އެމެރިކާގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ އެންތޮނީ ފައުސީ ވަނީ ބުނެފައެވެ.
ކޮވިޑްގެ މި އާ ވޭރިއަންޓްގެ މާގިނަ މަޢުލޫމާތެއް އަދި ހޯދިފައި ނުވާއިރު، އޭގެ ޙަޤީޤަތް ހޯދުމަށް ސައިންޓިސްޓުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބޭރު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި އޮމިކްރޯން ވޭރިއަންޓްގެ ގިނަ ކޭސްތަކެއް ރިޕޯޓްކުރަމުންދާއިރު، ކެނަޑާ އިންވެސް ވަނީ ގިނަ އަދަދެއްގެ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތަކެއް ރިޕޯޓްކޮށްފައެވެ.
ކުރިއަށް މިއޮތް ދުވަސްތަކަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރާނެ ދުވަސްތަކެއް ކަމުން، މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން ވެސް އިލްތިމާސް ކުރެއެވެ.
