މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ “ފިޝަރީޒް އެކްސްޕޯ” މިމަހުގެ 09 ވަނަ ދުވަހު ކ. ގާފަރުގައި ފަށާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހާމަކުރައްވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ކ. ގާފަރުގައި ފާހަގަކުރަމުންދާއިރު، މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޢާއްމުކޮށް ހުޅުވާލެވިގެން ގާފަރު ބަނދަރު ޞަރަޙައްދުގައެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްސް އެއްތަނަކުން ދައްކާލައި އެތަކެތި އާންމުންނަށް ތަޢާރަފްކޮށްދީ އެމަޢުލޫމާތު އާންމުންނަށް ދިނުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހާމަކުރައްވައެވެ. މިގޮތުން، މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި، މަސްވެރިކަމާ ގުޅޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބާޒާރުކުރާ ފަރާތްތަކުގެ ޕްރޮޑަކްޓްސްތައް ދައްކާލައި އެތަކެއްޗާއި ގުޅޭ މަޢުލޫމާތު މަސްވެރިންނަށާއި އާންމުފަރާތަކަށް ދިނުން ކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވައެވެ.

މި އެކްސްޕޯގައި މަސްވެރިކަމާއި ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ވެސް އެކްސްޕޯގެ ބައިވެރިންނަށް ފުރުސަތު ދެއްވާފައިވާނޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވައެވެ..

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.