ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް 17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މުނިއަވަސް އަށް މިއަދު މި ފުރުނީ ކާމިޔާބު 03 އަހަރެވެ.
ފާއިތުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މުނިއަވަސް މިހާ ކާމިޔާބުކަމާއެކު ހިންގުނީ ފަންނުވެރިންނާއި ކިޔުންތެރިންގެ ފަރާތުން ކެނޑިނޭޅި ލިބެމުން އަންނަ އެއްބާރުލުމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ކްލަބްހައުސް އުފެދިގެން އައި ފަހުން، މުނިއަވަސް ކްލަބްހައުސްގެ އޮޅި މެދުވެރިކޮށް ގެނެސްދެމުން އަންނަ ކާމިޔާބު ޕްރޮގްރާމުތަކަށް އެހުންތެރިން ދެމުން އަންނަ ތަރުހީބާއި އެއްބާރުލުން، މި އަހަރުގެ އަހަރީދުވަސް ފާހަގަކުރާއިރު އިތުރުކޮށްލަން ޖެހެނީ ނުހަނު ޝުކުރުވެރިކަމާއެކުގައެވެ.
ފަންނުވެރިން މުނިއަވަސް އަށް ކުރަމުން އަންނަ އިތުބާރަކީ މުނިއަވަސް ހިންގުމަށް ލިބޭ އެންމެ އަގުހުރި ހަކަތައެވެ. ފަންނާނުންގެ މަސައްކަތްތައް އެންމެ ތާޒާކޮށް، އެންމެ އިތުބާރުހިފޭ ގޮތަށް ގެނެސްދިނުމަކީ ތާ އަބަދުމެ މުނިއަވަސްގެ އަމާޒެވެ. އެކަން ޙާޞިލްވަނީ ފަންނާނުންގެ މެދުގައި މުނިއަވަސް އަށް ލިބިފައިވާ މަޤްބޫލުކަމުގެ ސަބަބުންނެވެ.
މުނިއަވަސް އަށް ތިން އަހަރުވެގެން އަންނައިރު، ހަތަރު ވަނަ އަހަރަކަށް މުނިއަވަސް ކުރިމަތިލަނީ ނުހަނު ފޮނި އުއްމީދުތަކަކާ އެކުގައެވެ. އައު އުސްމިންތަކަކަށް އެރުމަށް ފަރުދާގެ ފުރަގަހުގައި ކުރެވެމުން އަންނަ ބިޔަ ޕްރޮޖެކްޓްގެ ފޮނި މޭވާގެ ރަހަ، 2022 ވަނަ އަހަރު ކުރީކޮޅުގައި ލިބޭނެ ކަމުގެ އުއްމީދާ އެކުގައެވެ.
މިއަދު މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް އެހުންތެރިންނާ ހިއްސާކުރަމުން މި ގެންދާ ޕްރޮގްރާމުތަކާއި އަދިވެސް އިތުރު އެތަކެއް ރަހަތަކެއް ހިމެނޭގޮތަށް، ތަފާތު މަންސައެއްގައި މުނިއަވަސް ފެނިގެންދާނެކަމުގެ އުފާވެރި ޚަބަރު، މުނިއަވަސްގެ ކިޔުންތެރިންނާއި އެހުންތެރިން އަދި ފަންނާނުންނަށް މިއަދު ދެމެވެ.

މުނިއަވަސްގެ ތިންވަނަ އަހަރީދުވަހުގެ ޚާއްޞަ ޝޯވ މިރޭގެ ޚަބަރަށްފަހު، މިރޭ މެންދަމު 12:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މުނިއަވަސް އަހަރީ ޝޯވގެ ލިންކް

https://www.clubhouse.com/join/muniavas/gqEYDE8E/mybKJdo4

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.