ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރަކީ  އަކްޝޭ ކުމާރް ކަމާމެދު ޝައްކެއް ނެތެވެ. ފުލުފުލުގައި ފިލްމުތަކަށް ސޮއި ކުރަމުން ފަހަރަކު ޝޫޓިންގއެއް ނިންމަމުން ދާއިރު މިހާރުވެސް އޭނާ މަސައްކަތް ފަށަން ތައްޔާރަށް 5 ފިލްމެއް އެބައޮތެވެ.

އާ އަހަރު ފެށީ އަބީޝެކް ޝަރްމާގެ “ރާމް ސެތޫ” ގެ ފަހު ޝޫޓިންގ ޝެޑިއުލްއިންނެވެ. މި ފިލްމުގެ ޝޫޓިންގ މިހިނގާ ޖެނުއަރީ މަސް ނިމުމަކާއި ހަމައަށް ކުރިއަށް ގެންދާނެކަމަށް ވެއެވެ. އަކްޝޭގެ އިތުރުން ޖެކްލިން ފެނާންޑޭޒް އާއި ނުޝްރަތު ބަރޫޗާ ލީޑުން ފެނިގެންދާ “ރާމް ސެތޫ” އަކީ 24 އޮކްޓޯބަރު 2022 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

“ރާމް ސެތޫ” އަށްފަހު ފެބްރުއަރީ ކުރީކޮޅު އަކްޝޭ “ޑްރައިވިންގ ލައިސެންސް” ގެ ހިންދީ ރީމޭކްގެ ޝޫޓިންގ ފަށާނެއެވެ. 2019 ގައި ރިލީޒްވި އަކްޝޭގެ “ގުޑް ނިއުޒް” ގެ ޑައިރެކްޓަރު ރާޖް މެހެތާ ޑައިރެކްޓްކުރާ މި ފިލްމަށް މިވަގުތަށް ދީފައިވާ ނަމަކީ “ސެލްފީ” އެވެ.

“ސެލްފީ” އަށްފަހު “ދި އެންޑް” ގެ މަސައްކަތް މާރޗުގައި ފަށަން ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ޝޫޓިންގ ފަސްކޮށްފާނެކަމަށް ޚަބަރުތައް ބުނެއެވެ. ސަބަބަކީ މި ފިލްމު ޝޫޓްކުރާނީ ވާހަކައިގައި ބުނާ އަސްލު ލޮކޭޝަންތަކުގައި ކަމަށް ވާތީއެވެ.

އޭޕްރިލް ނުވަތަ މެއި މަހު އަދި ނަމެއް ހާމަކޮށްފައިނުވާ ފިލްމެއް ފަށަން ތާވަލުކޮށްފައިވާއިރު، ޖުލައި މަހު ޕީރިއަޑް އެކްޝަން ފިލްމު “ގޯރްކާ” ފަށަން ވަނީ ނިންމާފައެވެ.

އަހަރުގެ ފަހު ފިލްމަކަށް އަކްޝޭ ޝޫޓިންގ ފަށާނީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު “ބަޅޭ މިޔާ ޗޯޓޭ މިޔާ” ގެއެވެ. ދެ ޖެނެރޭޝަނެއްގެ ދެ ހީރޯއެއްގެ ވާހަކަ ކިޔައިދޭ މި އެކްޝަން ފިލްމަކީ ޢަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ ފިލްމެކެވެ. އަކްޝޭގެ އިތުރުން ޓައިގާ ޝްރޯފް ލީޑުން ފެނިގެންދާނެ މި ފިލްމަކީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ތައްޔާރުކުރާ ފިލްމެކެވެ.

މި ފިލްމުތަކުގެ އިތުރުން އަކްޝޭ މިހާރު ވަނީ 2012 ގައި ރިލީޒްކުރި އޭނާގެ ފިލްމު “އޯއެމްޖީ: އޯ މައި ގޯޑް!” ގެ ސީކުއެލްގެ ޝޫޓިންގވެސް ފަށާފައެވެ.

އަކްޝޭގެ މިހާރު އެއްކޮށް މަސައްކަތް ނިމިފައި ހުރި ފިލްމުތައް ކަމަށްވާ “ޕްރިތުވިރާޖް”، “ބައްޗަން ޕާންޑޭ”، “ސިންދްރެއްލާ” އަދި “ރަކްޝާ ބަންދަން” ގެ ޕްރޮމޯޝަން މަސައްކަތްތައްވެސް ކުރަމުން އަންނައިރު، މިމަހު 21 ގައި ރިލީޒްކުރަން ތާވަލުކުރި “ޕްރިތުވިރާޖް” ރިލީޒްކުރުން ފަސްކުރުމުން ދެން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ މާރޗް 4 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ “ބައްޗަން ޕާންޑޭ” އެވެ. ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީގެ ބަތަލާއިންނަކީ ކްރިތީ ސަނަން އާއި ޖެކްލިން ފެނާންޑޭޒްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.