ފޯނެއް ޗާރޖްކޮށްލުން އެއީ އެހާ ބޮޑުކަމެއް ނޫންކަން އެނގެއެވެ. ނިދަން އޮށޯތުމުގެ ކުރިން ފޯނު ޗާރޖަށް ޖަހައިލާފައި ބޭއްވުން އެއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ އާދައެކެވެ. ޖެހިގެން އަންނަ ދުވަހަށް ފުލްކޮށް ޗާރޖްކޮށްލުމުގެ ބޭނުމުގައެވެ.

މައްސަލައެއް ނެތެވެ. ފޯނު ޗާރޖަށް ޖެހުމަށްފަހު، ސައިޑް ޓޭބަލް މަތީގައި ފޯނު ބާއްވަނީ ޖެހިގެން އަންނަ ދުވަހު ހެނދުނު ތެދުވާއިރު، ފޯނުގެ ބެޓެރީ 100 އިންސައްތައަށް ޗާރޖްވެފައި އޮންނާނެތީ އެވެ. އެހެން ނަމަވެސް، ސްމާޓް ފޯނުގެ ބެޓެރީ ޓެސްޓުކުރުމާއި ބެޓެރީ ޔުނިވާސިޓީއެއް ހިންގަމުން އަންނަ ކޭޑެކްސް އިން ބުނަނީ ދެންމެ މި ބުނި ގޮތަށް ބެޓެރީ ޗާރޖްކުރުމަކީ އެއްމެ ރަނގަޅު ގޮތް ނޫންކަމަށެވެ. ފޯނު ބެޓެރީގެ ޞިއްޙަތަށް އެއްމެ ފައިދާހުންނާނެ ގޮތަށް ބެޓެރީ ޗާރޖްކުރާނެ ގޮތް ކޭޑެކްސްގެ ބެޓެރީ ޔުނިވާސިޓީ ވެބްސައިޓްގައި ބަޔާންކޮށްފައި ވެއެވެ.

ފޯނުގެ ބެޓެރީ 100 އިންސައްތަ އަށް ޗާރޖްވަންދެން ބޭއްވުން އެއީ ރަނގަޅުގޮތެއް ނޫންކަމަށް ބުނެ ބެޓެރީ ޔުނިވާސިޓީން އިންޒާރުދެއެވެ. ފޯނު ޗާރޖްކުރުމަށް އެންމެ އެކަށީގެންވާ ގޮތްތަކަށް ބަލައިލަމާ ހިނގާށެވެ.

ބެޓެރީ ޗާރޖްކުރަންވީ 65 އިންސައްތަ އާއި 75 އިންސައްތަ އާއި ދެމެދުގައި ހުންނަ ވަރަށެވެ.

ފުލްކޮށް ޗާރޖްނުކުރާށެވެ. ފޯނުގެ ބެޓެރީ ފުލްކޮށް ޗާރޖްވެފައި ހުންނަ ތަން ފެނުމަކީ ހިތަށް ހިތްހަމަޖެހުން ލިބޭކަމެއް ނަމަވެސް، އެއީކީ އެހާ ކޫލް ކަމެއް ނޫނެވެ.

ބެޓެރީ ޔުނިވާސިޓީން ބުނަނީ ފޯނުގައި އޮންނަ ލިތިއަމް-އަޔޯން ބެޓެރީގެ އުމުރު ދިގުވާނީ ފޯނުގެ ޗާރޖް 65 އިންސައްތަ އާއި 75 އިންސައްތަ އާއި ދެމެދުގައި ބެހެއްޓުމުންނެވެ.

ފޯނުގެ ބެޓެރީ ޗާރޖް އެއްކޮށް ހުލިވަންދެން ނުބާއްވާށެވެ.

މިއީ ދިމާނުވެ ނުދާނެ ހާލަތެކެވެ. ނަމަވެސް އެއްކޮށް ޗާރޖް ހުސްވެ، ފޯނު ނިވޭ ހާލަތާ ހަމައަށް އައުން މިއީ ފޯނު ބެޓެރީގެ އުމުރު ކުރުވާނެ ކަމެއްކަން ހަނދާނުގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ބެޓެރީ ޔުނިވާސިޓީން ބުނަނީ މިގޮތަށް އެއްކޮށް ބެޓެރީ ހުލިވަންދެން ބެހެއްޓުމުން ބެޓެރީ ހަލާކުވުން އަވަސްވާނެ ކަމަށެވެ.

100 އިންސައްތައަށް ބެޓެރީ ޗާރޖް ނުކުރާށެވެ.

100 އިންސައްތައަށް ބެޓެރީ ޗާރޖްކުރުމަކީ ފޯނު ގެންގުޅޭ މީހުންގެ ތެރެއިން ހަމަ ހުރިހައި މީހުންނަށް ހެދޭ ބޮޑު ގޯހެކެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިގޮތަށް ޗާރޖްކުރުމުން ބެޓެރީގެ އުމުރު ުކުރުވެ ބެޓެރީގެ މަސައްކަތް ދަށްކޮށްދޭ ކަމަށެވެ.

މިހާރުގެ ފޯނުތަކުގައި ހުންނަ ލިތިއަމް-އަޔޯން ބެޓެރިއަކީ އެއްކޮށް ޗާރޖްކުރަން ނުޖެހޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ބެޓެރިއެެކެވެ.

ޗާރޖްކުރަންވީ އިރުއިރުކޮޅުން، ކުޑަކޮށެވެ.

މީގެ މާނައަކީ ރޭގަނޑު ހަތަރުދަމު، ފޯނު ޗާރޖަށް ޖަހާފައި ނުބޭއްވުމެވެ. ފޯނު ބެޓެރީގެ އުމުރު ކުރުކޮށްދޭ މައިގަނޑު ސަބަބަކީ އޯވަރ ޖާރޖްވަންދެން ބޭއްވުމެވެ. ރޭގަނޑު ހަތަރުދަމު ފޯނު ޗާރޖަށް ޖަހާފައި ބޭއްވުމެވެ. އެހެންކަމުން ބެޓެރީ ޔުނިވާސިޓީން އިރުޝާދު ދެނީ ކުޑައިރުކޮޅެއް ވަންދެން ޗާރޖަށް ޖަހާފައި ބޭއްވުމަށެވެ. އިރުއިރުކޮޅުން ޗާރޖަށް ޖެހިޔަސް މައްސަލައެއް ނެތެވެ. ބާއްވަންވީ ކުޑައިރުކޮޅެއް ވާންދެނެވެ. ފޯނު ޗާރޖްވުމުން ޗާރޖަރު ނައްޓައިލުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.