ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ ލޯބީގެ ފިލްމު “ބީވީމާ“ގެ ޓީޒަރ އެއް އަންނަ ފެބްރުއަރީ މަހު 14 ވަނަ ދުވަހު ނެރޭނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން މިއަދު ބުނެފިއެވެ. މިއީ މަޝްހޫރު ސްކްރީން ރައިޓަރ އަހުމަދު ޒަރީޒު ލިޔެ ޑައިރެކްޓްކުރާ އޭނާގެ ފުރަތަމަ ފީޗަރ ފިލްމެވެ.

“14 ފެބްރުއަރީގަ އިރާދަކުރެއްވިއްޔާ ޓީޒަރ ފެނިގެންދާނެ. ދެން އަޅުގަނޑުވެސް މި އުއްމީދުކުރަނީ އެ ޓީޒަރ ބަލާފަ ދޭނެ ރިއެކްޝަން ތަކަށް. ދެން އަޅުގަނޑަށް ހަމަ ޔަޤީން ހަމަ ވަރަށް ގިނަ ބޭފުޅުންނަށް ކަމުދާނެ ކަމަށް އިނގޭތޯ.”

“އަޅުގަނޑު މީގެ ފިނިޝްޑް ޕްރޮޑަކްޓް ބަލައިލައިފިން. އަޅުގަނޑަށް ހަމަ ވަރަށް ރީތި މި ފިލްމު. ޚާއްޞަކޮށް މި ޓީޒަރކޮޅުވެސް ހަމަ ވަރަށް ރީތި. މީތި ފުރިހަމަކުރަން ޒަރީރު ވަރަށް މަސައްކަތް އެބަކުރޭ، އިނގޭތޯ.” މި ފިލްމާ ބެހޭގޮތުންނާއި ފެބްރުއަރީ 14ގައި ނެރެން ތައްޔާރުކޮށްފައިވާ ޓީޒަރ އާއި ބެހޭގޮތުން މުނިއަވަސް އަށް މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.

ފިލްމު “ބީވީމާ” އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އަދި މަޝްހޫރު އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ލީޑުން ފެނިގެންދާނެ ފިލްމެކެވެ. މީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލަކުން ލަވަކިޔުންތެރިޔާ އާދަމް ޒިދާން (ނާނަ) އާއި ކުރިއަރަމުން އަންނަ އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެނިގެންދާނެވެ.

ފިލްމު “ބީވީމާ” ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ.

ފިލްމު “ބީވީމާ” އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހަދަނީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

މިދިޔަ ޑިސެމްބަރު މަހު މި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ފިލްމުގެ ކްރޫ އާއި ބައެއް ކާސްޓުން ވ. ކެޔޮދޫގައި ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ބީވީމާ“ގެ ރަފް އެޑިޓިން ކޮޕީއެއް ބެލުމަށްފަހު، ފިލްމީ މަސައްކަތްތަކުގެ ހަރަކާތްތެރިވަމުން އަންނަ އަޙްމަދު ޠަލާލް ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް އިނގިރޭސި ބަހުން ދިގު ބަޔާނެއް، މީގެ ދުވަސްކޮޅެއް ކުރިން ނެރެފައެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓަކީ ޒަމާނީ ސްޓައިލްގައި، އަދުގެ ޒުވާން ޖީލަށްވެސް ކަމުދާ ގޮތަށް ފެންވަރު ރަނގަޅު އުފެއްދުންތަކެއް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސް އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.